އެސްޓީއޯއިން އަލަށް މާކެޓަށް ނެރެން ހަމަޖެހިފައިވާ އާ މެޑިކަލް ޕްރޮޑަކްޓުތަކެއް މިހާރު ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއެމް) ގައި ދައްކާލައިފި އެވެ.

މިޕްރޮޑަކްޓުތަކުގެ ތެރެއިން ދައްކާލީ އައިނު އަޅާ މީހުންނަށް ހާއްސަ އެންޓި ފޮގް ސްޕްރޭ އާއި ބަލި މީހުންނަށް ޝޮކު ދޭ އޮޓޮމޭޓަޑް އެކްސްޓާނަލް ޑެފިބްރިލޭޓާ (އޭއީޑީ) އެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮޑަކްޓުތެރެއިން އެންޓި ފޮގް ސްޕްރޭއަކީ އައިނު އަޅާ މީހުންނަށް ދިމާވާ އައިނު ފުސްވުމުގެ މައްސަލަ ހައްލުކޮށްދޭ ސްޕްރޭއެއް ކަމަށެވެ. އެ ސްޕްރޭ ބޭނުންކުރުމުން ގާތްގަނޑަކަށް ތިން ދުވަސް ވަންދެން އެއްވެސް ފުސްކަމެއް ނެތި އައިނުން ފެންނާނެ ކަމަށް ބުންޏެވެ. މިއީ މުޅިން އަލަށް ތައާރަފުކުރާ ޕްރޮޑަކްޓެއް ކަމަށާއި، މާކެޓަށް ނެރުމަށް ފަހު އާއްމުކޮށް ފާމަސީތަކުން އެ ސްޕްރޭ ލިބެން ހުންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އަލަށް މާކެޓަށް ނެރޭ ދެ ވަނަ ޕްރޮޑަކްޓް، އޭއީޑީ އަކީ ފަސްޓްރެސްޕޮންޑާސް އަށް ހާއްސަ ޕްރޮޑަކްޓެކެވެ. މިއީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް، އޭގައި ލިޔުމުންނާއި، ބޮކިތަކެއްގެ ޒަރީއާއިން ބޭނުންކުރަންވީ ގޮތް ކިޔައިދީފައިވާ މެޝިނެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ މިއީ ކުއްލިއަކަށް ކަމަށްވެ ހިތް ހުއްޓުމުން، ޝޮކު ދޭން ބޭނުންކުރާ މެޝިނެއް ކަމަށެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މިއީ 4.5 ސިކުންތުގެ ތެރޭގައި ޝޮކު ދެވޭ މެޝިނެކެވެ. އެ ކުންފުނިން ބުނީ މިއީ ރިސޯޓުތައް ފަދަ ތަންތަނުގައި ކުއްލިއަކަށް މީހަކަށް ދިމާވާކަމަކުން ފުރާނަ ސަލާމަތް ކުރުމަށް ފަސޭހައިން ބޭނުން ކުރެވޭނެ ޕްރޮޑަކްޓެއް ކަމަށެވެ.

އެސްޓީއޯއިން ހޮސްޕިޓާލިޓީ އެކްސްޕޯގައި މި ފަހަރު ޝޯކޭސްކޮށްފައި ވަނީ އެ ކުންފުނިން ވިއްކާ ސިއްހީ ސާމާނެވެ. އެ ކުންފުނިން ބުނީ އެ ވަސީލަތްތަކަކީ ރިސޯޓުތަކުގައި ފަސޭހައިން ބޭނުން ކުރެވޭނެ މުހިންމު އެއްޗެހި ކަމަށެވެ.

އެސްޓީއޯއިން ޝޯކޭސް ކޮށްފައިވާ ޕްރޮޑަކްޓުތަކުގެ ތެރޭގައި އިސްކޮޅާއި، ބަރުދަނާއި، ބޮޑީ މާސް ބެލޭނެ ބީއެމްއައި އެނަލައިޒާ އާއި ހަކުރު އަދި ލޭގެ ޕްރެޝަރު ބަލާ މެޝިނާއި އާއްމުކޮށް ފަސްޓް ރެސްޕޮންޑަރުންނަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ހިމެނެ އެވެ.