ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ގިނަ ކުންފުނިތަކުން ބައިވެރިވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އެކްސްޕޯގައި ގިނަ ރަހަތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި މިއަދު ފެށި އެކްސްޕޯގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި އެވެ. އޭގެތެރޭގައި އަވަށްޓެރި ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.

ސްޓޯލްތައް ގިނަ އެކްސްޕޯގައި ވަނީ ތަފާތު ކެއުންތަކާއި ކުންފުނިތަކުގެ އުފެއްދުންތަކުގެ ރަހަ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި އެކި ވައްތަރުތަކުގެ ޑިޕިން ސޯސް އާއި ކެޗަޕްގެ ރަހަތައް ފްރައިޑް ޗިކަން އާއި އެކު ތަޖުރިބާ ކޮށްލަން ލިބޭނެ އެވެ. އެކި ވައްތަރުގެ ކުކީސް އާއި ސްނެކްސް ވެސް ވަނީ ރަހަ ބަލާލަން ސްޓޯލްތަކުގައި އަތުރައިފަ އެވެ.

ތަފާތު ވައްތަރުގެ ޑެޒާޓުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެ އެކްސްޕޯއިން ލިބޭނެ. ފޮޓޯ: ނިޝާން އަލީ | މިހާރު
ތަފާތު ވައްތަރުގެ ޑެޒާޓުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެ އެކްސްޕޯއިން ލިބޭނެ. ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޕޯގެ ތެރެއިން ސިމްޑީގެ ދެ ސްޓޯލުން ތަފާތު ރަހަތަކެއް ބަލާލެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެއް ސްޓޯލުގައި އެ ކުންފުނިން މިހާރު ވިއްކަމުންދާ "އައިކެފޭ"ގެ އާ ރަހަތަކާއި ކުންފުނިން އެތެރެ ކުރާ އެކި ބިސްކޯދުތަކުގެ ރަހަތައް ވެސް ބަލާލެވެ އެވެ. ދެ ވަނަ ސްޓޯލަކީ ސިމްޑީގެ "ދިލްމާ" ޓީ އަށް ހާއްސަ ކޮށްފައިވާ ސްޓޯލެކެވެ.

"ދިލްމާ"ގެ ޖެނެރަލް މެނޭޖަރު ވަޖީރާ ސުގަތަޕަލަ ވިދާޅުވީ، އެ ސަޔަށް ހާއްސަ ސްޓޯލްގައި ޝޯކޭސް ކޮށްފައި ވަނީ ރިސޯޓުތަކުން ޑިމާންޑު ބޮޑު ޕްރިމިއަމް ޓީ އާއި އާއްމުންގެ މެދުގައި މަގުބޫލު ގިނަ ޓީ ތަކެއް ކަމަށެވެ. އަދި އެ ބްރޭންޑަކީ ރާއްޖޭގައި ފާއިތުވި 20 އަހަރު ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ބްރޭންޑެއް ކަމަށާއި އެ ބްރޭންޑުގެ ވައިޓް، ގްރީން، އަދި ތިން ވައްތަރެއްގެ ބްލެކްޓީގެ ރަހަ ވެސް ބަލާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިލްމާ"ގެ އެކި ވައްތަރުގެ ޓީ. ފޮޓޯ: ނިޝާން އަލީ | މިހާރު
"ދިލްމާ"ގެ އެކި ވައްތަރުގެ ޓީ. ފޮޓޯ: ނިޝާން އަލީ | މިހާރު

އެކްސްޕޯގައި ޔޫރޯ ސްޓޯރުން ވަނީ "އާރްލާ" ބްރޭންޑުގެ އެކި އުފެއްދުންތަކުގެ ރަހަތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށް "މިނީ ބައިޓްސް"ތަކެއް ތައްޔަރުކޮށްފަ އެވެ. އެގޮތުން އެ ބްރޭންޑުގެ ޗީޒްގެ ރަހަ ދެއްކުމުގެ ގޮތުން އެ ސްޓޯލުގައި މިނީ ޕިއްޒާ އާއި މިނީ "ޓްރީޓްސް" ތައްޔާރު ކުރުމުގައި ޝެފެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޔޫރޯ ސްޓޯރުން ބުނީ "އާރްލާ" ބްރޭންޑުގެ ޗީޒްގެ ބާވަތްތަކަކީ އެކި ކަހަލަ ތަކެތި ތައްޔާރު ކުރުމަށް މާކެޓުގައި މިހާރު ލިބެން ހުރި އެންމެ މީރު ކޮލިޓީ ރަނގަޅު ޗީޒް ކަމަށެވެ.

ޔޫރޯ ސްޓޯރުން "އާރްލާ" ބްރޭންޑަށް ހާއްސަ ސްޓޯލްގެ އިތުރުން އެ ކުންފުނިން ވިއްކާ އިތުރު ޕްރޮޑަކްޓުތަކަށް ހާއްސަ ސްޓޯލެއް ވެސް ވަނީ ހަދައިފަ އެވެ. އެ ސްޓޯލުން، އެކި ވައްތަރުގެ ކްރެކާޒް އަދި ނަޓްސްގެ ރަހަ ވެސް ބަލާލެވޭނެ އެވެ.

އެކްސްޕޯގައި ވަނީ ތަފާތު ބާވަތް ބާވަތުގެ ކާބޯތަކެތީގެ ރަހަތައް ބަލާލެވޭނެ ސްޓޯލުތައް ބަހައްޓައިފަ އެވެ. އޭގެ އިތުރުން ކަލިނަރީ ޗެލެންޖުގައި ތައްޔަރު ކުރާ ބައެއް ތަކެތީގެ ރަހަ ވެސް އެ އެކްސްޕޯގައި ބަލާލެވޭނެ އެވެ.

އެކްސްޕޯއަށް ގޮސް އެ ތަކެތީގެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު އަންނަ އަންގަރަ ދުވަހުގެ ރޭގަނޑު އަށެއް ޖެހުމާ ހަމައަށް ލިބޭނެ އެވެ.