ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ މުޅި ގައުމުގެ މާލީ ނިޒާމު ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތެވެ. ގާނޫނުން މުހިއްމު ގިނަ ކަންތައްތަކެއް އެމްއެމްއޭ އަށް ލާޒިމްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ދިވެހި ރުފިޔާ ނެރުމާއި މުދަލާއި ހިދުމަތުގެ އަގަށް ފައިސާ ދެއްކުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. އަދި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަކީ ވެސް އެމްއެމްއޭގެ މަސްއޫލިއްޔަތެކެވެ. އިންފްލޭޝަން ކޮންޓްރޯލް ކުރުމަކީ ވެސް އެމްއެމްއޭގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގަވަރުނަރު އަހުމަދު ނަސީރު ވަނީ އެމްއެމްއޭ އިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ ކަންކަން ހިއްސާކޮށްފަ އެވެ.
ގަވަރުނަރު ވިދާޅުވީ، މި ދުވަސްވަރު އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމެއްގެ ގޮތުގައި ކުރަމުން އަންނަނީ ޕޭމެންޓް ދެއްކުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ. މިކަން ކުރުމަށްޓަކައި ޕޭމެންޓް ސިސްޓަމް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުންނެވެ.
"ރައްކާތެރިކާ އެކު ރިއަލް ޓައިމްގައި ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުން ވަރަށް މުހިއްމު. ބޭނުމަކީ ނަގުދު ފައިސާ އަށް ބަރޯސާ ނުވެ، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފައިސާ ދެއްކޭނެ ގޮތް ތަނަވަސް ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން އަންނަނީ އެކްސްޗޭންޖް ރޭޓް މެނޭޖްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ދިވެހި ރުފިޔާއަކީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރާ ފައިސާ އަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެމްއެމްއޭ އިން ކެނޑިނޭޅި ކުރަމުންދާ އިރު މިހާރަށްވުރެ ބޮޑަށް މިކަން ހާސިލު ކުރުމަށްޓަކައި މޮނިޓަރީ ރެގިއުލޭޝަނަށް މި އަހަރު ތެރޭގައި ބަދަލުތަކެއް ގެނެސް، އެކްސްޗޭންޖް ރޭޓު މެނޭޖްކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ހަރުދަނާ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"މޮނިޓަރީ ރެގިއުލޭޝަންގެ ތެރެއިން ޗޭންޖާސް ލައިސެންސް ދިނުމުގެ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް މިވަނީ ރާވާފައި،" ނަސީރު ވިދާޅުވި އެވެ.
އިންޓްރެސްޓް ރޭޓަށް ގެންނާނެ ބަދަލު
ރާއްޖޭގައި އާމްދަނީގެ ފަރަގު އިންތިހާ އަށް ބޮޑު ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އެމްއެމްއޭގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި އިގްތިސާދު ތަރައްގީވެ، ކުރިއެރުން އަންނަ މިންވަރަކުން، ވީހާ ވެސް ބޮޑަކަށް ހަމަހަމަކަމާ އެކު ރައްޔިތުންގެ މެދުގައި އާމްދަނީ ބެހިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ. އާމްދަނީގެ ފަރަގު އިންތިހާ އަށް ބޮޑު ކަމުގައިވާ ނަމަ ދެމެހެއްޓެނިވި ތަރައްގީ އަށް ދިޔުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންވެސްޓް ކުރަން ބޭނުންވާ ފަރާތެއް ވިޔަސް، ގެއެއް ހަދަން ބޭނުންވާ ފަރާތެއް ވިޔަސް، ނުވަތަ ޒަރޫރީ ބޭނުމަކަށްޓަކައި ވެހިކަލެއް ގަންނަން ބޭނުންވާ ފަރާތަކަށް ވެސް އެ ބޭނުންވާ ފައިސާ މާލީ ނިޒާމުގެ ތެރެއިން ލިބޭނެ އިންތިޒާމު އެ ފައިސާ ލިބުމުގެ ޝަރުތުތައް ހަމަވާ ނަމަ އަގުހެޔޮކަމާ އެކު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ބޭންކުތަކާ ވާހަކަދައްކައިގެން އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާނެ ކަމަށެވެ. މިކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން ލޯނުތައް ކުރިއަށް
އެމްއެމްއޭއިން 2017 ވަނަ އަހަރުގައި ސޯޝަލް ހައުސިނަށް ހާއްސަކޮށްގެން ލޯނު ގެރެންޓީ ސްކީމެއް ފެށި އެވެ. އެ ސްކީމުގެ ދަށުން ނަގާ ލޯނުތަކަށް ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި ލޯނު ލިބިގެންދެ އެވެ. އާންމުގޮތެއްގައި ލޯނުތަކުގެ 20 ޕަސެންޓް ލޯނު ނަގާ ފަރާތުން ބޭންކުގައި ބަހައްޓަން ޖެހޭ އިރު މި ސްކީމުގެ ދަށުން ފަސް ޕަސެންޓް ބެހެއްޓުމަށް ފަހު ވެސް ލޯނު ދީފައިވެ އެވެ. މި ގަވައިދު އޮންނަ ގޮތުން ބޮޑު އިކުއިޓީ ބަހައްޓާ ކަމުގައިވާ ނަމަ އިންޓްރެސްޓް ރޭޓް ކުޑަވެގެންދެ އެވެ.
މިހާތަނަށް މި ސްކީމުގެ ތެރެއިން ފްލެޓް ދޫކޮށްފައި ވަނީ ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތަކަށް އެކަންޏެވެ. ސޯޝަލް ހައުސިނަށް އަމާޒުކޮށްފައިވާ މި ސްކީމުގެ ދަށުން އެންމެ ބޮޑުވެގެން ދޫކުރާނީ 2.2 މިލިއަން ރުފިޔާގެ ލޯނެވެ.
ގަވަރުނަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި ސްކީމުގެ ތެރެއިން އިތުރު ފްލެޓްތައް ގަންނަ ފަރާތްތަކަށް ވެސް ލޯނު ގެރެންޓީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި އާންމުކޮށް މި ތަރައްގީ ކުރެވޭ ފްލެޓްތަކަކީ އަގުބޮޑު ފްލެޓްތަކެއް ކަމަށާއި ސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ 2.2 މިލިއަން ރުފިޔާ އަށް ފްލެޓް ލިބުމަކީ ވެސް ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސޯޝަލް ހައުސިން ކަމުގައިވާ ނަމަ އެއަށްވުރެ ވެސް އަގު ކުޑަވަން ޖެހޭ ކަމަށް ނަސީރު ވިދާޅުވި އެވެ.
ޕޭމެންޓް ސިސްޓަމުގެ މަސައްކަތް ބާރަށް
މިއީ ރާއްޖެ އަށް އައުން ލަސްވެފައިވާ ނިޒާމެކެވެ. މި ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމެންޓް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
މި ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ކަމުގައިވީ ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެމްއެމްއޭ އިން މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ޕޭމެންޓް ސިސްޓަމަށް ތައާރަފްކުރުމަށެވެ.
މާލީ ދާއިރާގެ ދުވެލި
މާލީ ދާއިރާގެ ތަރައްގީ ވަރަށް ބޮޑަށް ބިނާވެގެން ދަނީ މުޅި ރާއްޖޭގެ އިގްތިސާދަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި މާލީ ދާއިރާ އަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ނަސީރު ވިދާޅުވި އެވެ. އެގޮތުން އިންޝުއަރެންސް ކުންފުނިތައް އިތުރުވުމާއި ކޮމާޝަލް ބޭންކެއް އިތުރުވުމާއި އެސްއެމްއީ ބޭންކެއް އުފެއްދުމުގެ މަސައްކަތް ކުރެވުމަކީ އަންނާނެ ކުރިއެރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއެރުން އާއި ކަމުގައިވީ ނަމަވެސް އަދިވެސް މާލީ ދާއިރާ އަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވާ އިރު 2010 ވަނަ އަހަރާ ހަމަޔަށް އެ ދާއިރާ ޑޮމިނޭޓްކޮށްފައި ވަނީ ޓޫރިސްޓް ރިސޯޓުތައް ކަމަށެވެ.
"ރިސޯޓެއް ހެދުމަކީ ކޮންމެ ކޮންމެ ފަރުދަކަށް ނުވަތަ ކޮންމެ ކޮންމެ ކުންފުންޏަކަށް ކުޅަދާނަ ކަމަކަށް ނުވޭ. ރިސޯޓެއް ހެދުމަށް ބޮޑެތި އިންވެސްޓްމެންޓަށް އެބަ ބޭނުންވޭ. އެ އިންވެސްޓްމެންޓްތަކަށް ބަލާއިރު ރާއްޖޭގެ އެގްޒިސްޓިން ބޭންކިން ސިސްޓަމަކުންނެއް ސަޕޯޓެއް ނުކޮށްދެވޭ،" އޭނާ ވިދާލުވި އެވެ.
ނަސީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބަރޯސާ ވަނީ ބޭރުގެ ބޭންކުތަކަށް ކަމަށެވެ.
ލޯނެއް ހޯދުމުގައި ވެސް ރަހުނު ކުރާނެ މުދަލެއް ބޭނުންވާ އިރު ކޮންމެ ކޮންމެ މީހެއްގެ އަތުގައި އަގު ބޮޑު މުދަލެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ރަހުނު ކުރުމުގައި ބިމުގެ ބަދަލުގައި ރަހުނުގެ ގޮތުގައި ބެހެއްޓޭނެ އެހެން މުދާތައް ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރިޒާވާ ގުޅޭ ގޮތުން ނަސީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވު އިތުރުކުރަން ޖެހޭނީ ލިބޭ އާމްދަނީ ރައްކާކޮށްގެން ކަމަށެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ކަމުގައިވާ ނަމަ ރިޒާވު ދުވަހެއް ދުވަހަކަށް ދާނީ ދަށަށް ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމުގައި އެންމެ މުހިއްމު ކަމަކީ ރިޒާވު ބޮޑު ކުރުމެވެ. ކަރެންސީ ސްވެޕަކީ ރިޒާވް ބޮޑު ކުރުމަށް އޮތް ވަގުތީ ހައްލެއް ކަމަށް ކަމަށް ނަސީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަތުގައި އެކަށީގެންވާ ރިޒާވެއް ނެތުމުން ވަގުތީ ގޮތުން ބޫސްޓްކޮށްލުމަށް އެކުވެރި ސެންޓްރަލް ބޭންކުތަކާ އަދި އެހެނިހެން ފަރާތްތަކުން ހަމަ ލޯނު ނަގާ އުސޫލުން ކަރެންސީ ސްވޮޕް އެރޭންޖުމެންޓް މިހަދަނީ. އެ އަދަދު 100 އިން 200 އިން 300 އަށް ބޮޑު ކުރި ކަމުގައި ވީ ނަމަވެސް އަޅުގަނޑުމެންގެ ރިޒާވު އިތުރުވެގެންދާނީ ވަގުތީ ގޮތުން،" ނަސީރު ވިދާޅުވި އެވެ.
އާ ސަރުކާރުން ވަނީ މާލީ ބޮޑު އެހީތެރިކަމެއް އަވަށްޓެހި އިންޑިޔާއިން ހޯދައިފަ އެވެ. އެ ގައުމުން ހޯދި 1.4 ބިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ކަރެންސީ ސްވޮޕެވެ.
ދެމެހެއްޓެނިވި ގޮތަކަށް ރިޒާވު ބޮޑު ކުރުމަށްޓަކައި ހަރަދުތައް މަދުކޮށް، އާމްދަނީ އިތުރު ކުރެވޭނެ ގޮޮތްތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.