ރާއްޖޭގައި ހިންގާ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް ވެސް ހިމެނޭގޮތަށް ހުރިހާ މާލީ އިދާރާއެއްގެ އިސް މަގާމުތަކަށް ދިވެހިން ހަމަޖައްސައި ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މާލީ އިދާރާތަކުގެ ސީއީއޯ ނުވަތަ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ދިވެއްސަކު ހުރުން އެމްއެމްއޭއިން ލާޒިމްކޮށްފައި ވަނީ ގަވަރުނަރަކަށް ޑރ. އަޒީމާ އާދަމް އަދި އެސިސްޓެންޓް ގަވަރުނާ އޮފް ފައިނޭންޝަލް ސްޓެބިލިޓީ ނީޒާ އިމާދު ހުންނެވި އިރު މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

މަރުކަޒީ ބޭންކުގެ މީޑިއާ އޮފިޝަލް މަންސޫރު ޒުބައިރު މިއަދު ވިދާޅުވީ، މިދިޔަ ޖޫން މަހުން ފެށިގެން މާލީ އިދާރާތަކުގެ އެންމެ އިސް ވެރިޔާ އަށް ނުވަތަ ދެ ވަނަ އަށް ހުންނަ އިސް ވެރިއަކަށް ދިވެއްސަކު ހަމަޖެއްސުމަށް އެންގި އެންގުން ތަންފީޒު ކޮށްފައިވާ ކަމަށެވެ.

ކުރީގެ ގަވަރުނަރު އަޒީމާއާ އެކު ބީއެމްއެލްގެ ސީއީއޯ އަދި އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު، ބޭންކުތަކުގެ އިސް މަގާމުތަކަށް ދިވެހިން މިހާރު ވަނީ އައްޔަންކޮށްފައި -- ފޮޓޯ: މިހާރު
ކުރީގެ ގަވަރުނަރު އަޒީމާއާ އެކު ބީއެމްއެލްގެ ސީއީއޯ އަދި އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު، ބޭންކުތަކުގެ އިސް މަގާމުތަކަށް ދިވެހިން މިހާރު ވަނީ އައްޔަންކޮށްފައި -- ފޮޓޯ: މިހާރު

މިހާރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ވަނީ ރާއްޖޭގައި ހިންގާ ހުރިހާ މާލީ އިދާރާއެއްގެ ވެރިންގެ ގޮތުގައި ދިވެހިން ކަނޑައަޅައިފަ އެވެ. އެއީ އެކަން ކުރުމަށް އެމްއެމްއޭއިން ދިން އެންމެ ފަހުގެ މުއްދަތެވެ. މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިގޮތުގައި އެ މަސައްކަތަކީ ވަރަށް ކުރީންސުރެ ކުރަމުން އައި މަސައްކަތެއް ކަމަށާއި އޭގެ ބޭނުމަކީ ދިވެހިންނަށް އެ ދާއިރާތަކުން މަތީ މަގާމުތައް ނުލިބޭތީ އެ ފުރުސަތު ފޯރުކޮށްދިނުން ކަމަށެވެ.