ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް މުހައްމަދު ނިޒާރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕީސީބީ ރައީސްގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، އަނަސްގެ އިސްތިއުފާ ރައީސް ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑަށް މއ. ޔެލޯބެލް ނިޒާރު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓަސް ހާސިލް ކުރައްވާފައިވާ ނިޒާރު ވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ.
އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، ނިޒާރު ވަނީ އެ ކުންފުނީގެ އިމްޕޯޓާއި އެޑްމިނިސްޓްރޭޝަން އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ. އަދި އެސްޓީއޯގައި ކުރެއްވި މަސައްކަތުގައި ސަޕްލައި ޗެއިން ހަރުދަނާ ކުރުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ މުހިންމު މަސައްކަތްތަކުގައި އޭނާ ބައިވެރިވެ ވަޑައިގަތެވެ.
އެ ކުންފުނީގެ އިތުރުން މޯލްޑިވް ގޭސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަމާއި ރިސްކް މެނޭޖްމަންޓާއި ޕްރޮކިއުމަންޓާއި އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް އޭނާ އަމަލީ ގޮތުން މަސައްކަތް ކުރެއްވި އެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާ ކުރަން މިހާރު ދަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ އިސްވެރިން ބަދަލުކުރުން ހިމެނެ އެވެ.