ލަންޑަން (ޖެނުއަރީ 16) - މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ފީފާ އިން ދޭ "ފަ ބެސްޓް" އެފޯޑް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޯދައިފި އެވެ.

ރޭ ބޭއްވި ހަފްލާގައި މެސީ މި އެވޯޑް ހޯދާފައި ވާއިރު، އޭނާ ވެފައި ވަނީ މި އެވޯޑް ތިންވަނަ ފަހަރަށް ހޯދި ހަމައެކަނި ކުޅުންތެރިޔާއަށެވެ. އެވޯޑް ލިބުނަސް ރޭގެ ހަފްލާއަށް އޭނާ ހާޒިރެއް ނުވެ އެވެ. އޭނާ ހުރީ އޭނާ ކުޅެމުން އަންނަ އިންޓަ މަޔާމީގެ ޕްރީސީޒަންގަ އެވެ.

މެސީ އެވޯޑް ހޯދީ އާލިން ހާލަންޑާއި ކިލިއަން އެމްބާޕޭއާ ވާދަކޮށެވެ. މެސީ އާއި ހާލަންޑަށް ވެސް ވަނީ އެއްވަނަރަަށް 48 ޕޮއިންޓް ލިބިފަ އެވެ. އެމްބާޕޭ އަށް ލިބުނީ 35 ޕޮއިންޓެވެ. ނަމަވެސް މެސީ އެވޯޑް ހޯދީ، ގައުމީ ޓީމުތަކުގެ ކެޕްޓަނުން، އެވޯޑްގެ އެއްވަނައަށް ދިން ވޯޓްތަކުން ކުރި ހޯދައިގެންނެވެ. އާޖެންޓީނާގެ ކެޕްޓަންގެ ގޮތުގައި މެސީ ވޯޓު ދީފައި ވަނީ ހާލަންޑަށެވެ.

މެސީ ވަނީ 2019 އާއި 2022 ވަނަ އަހަރު ވެސް މި އެވޯޑް އުފުލާލައިފަ އެވެ. އެވޯޑު ދިނުމުގައި ބަލާފައި ވަނީ ޑިސެމްބަރު 19، 2022 އިން އޮގަސްޓް 20، 2023 ގެ ނިޔަލަށް ހޯދާފައިވާ ކާމިޔާބީތަކެވެ. ރޭ ނިމުނު 2023 ވަނަ އަހަރުގެ އެވޯޑަށް ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި ނިމުނު ފީފާ ވޯލްޑް ކަޕް ވެސް ގުނައިފަ އެވެ.

މެސީ ވޯލްޑް ކަޕް އުފުލާލި މުބާރާތުގައި ވަނީ ހަތް ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްފަ އެވެ. އަދި އެވޯޑަށް ކާމިޔާބީތައް ގުނި ރަސްމީ މުއްދަތުގައި އޭނާ ވަނީ އާޖެންޓީނާ އަށް ކުޅެދިން ތިން މެޗުން ފަސް ގޯލު ޖަހައިފަ އެވެ. ޕީއެސްޖީގައި ކުޅުނު 21 މެޗުން ނުވަ ގޯލު ޖަހައިފަ އެވެ. އެއަށް ފަހު ވަނީ އިންޓަ މަޔާމީއަށް ބަދަލުވެ، އެޓީމާ އެކު ކުޅުނު 14 މެޗުން 11 ގޯލު ޖަހައި ފަސް ގޯލު އެސިސްޓް ކޮށް، އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދީފަ އެވެ.

މީގެ އިތުރުން މެސީ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ހޮވި ފިފްޕްރޯ ޓީމުގައި ވެސް ހިމެނިފަ އެވެ. މިއީ އޭނާ ފިފްޕްރޯ ޓީމުގައި ހިމެނުނު 17 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2007 ވަނަ އަހަރު ފިފްޕްރޯ ޓީމުގައި ހިމެނެން ފެށި ފަހުން އޭނާ އަންނަނީ ގަވާއިދުން ޓީމުގައި ހިމެނެމުންނެވެ.

ފިފްޕްރޯ ޓީމު:

ގޯލްކީޕަރު: ތިބައު ކޯޓުއާ

ޑިފެންޑަރުން: ކައިލް ވޯކާ، ރުބެން ޑިއާޒް، ޖޯން ސްޓޯންސް

މިޑްފީލްޑަރުން: ބެނާޑޯ ސިލްވާ، ކެވިން ޑީބްރޭނާ، ޖޫޑް ބެލިންގްހަމް

ފޯވާޑުން: ވިނީޝިއަސް ޖޫނިއާ، އާލިން ހާލަންޑް، ކިލިއަން އެމްބާޕޭ، ލިއޮނެލް މެސީ

ކޯޓުއާ އާއި މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯއާ ވާދަކޮށް މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޑަސަން އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިޓީގެ ޕެޕް ގާޑިއޯލާ އެވެ. ގާޑިއޯލާ މި އެވޯޑް ހޯދީ ނަޕޯލީ އަށް ލީގު ހޯދައިދިން ލޫސިއާނޯ ސްޕަލޭޓީ އާއި އިންޓަ މިލާން ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިން ސިމިއޯނީ އިންޒާގީއާ ވާދަކޮށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ އެންމެ ފަހުގެ ބެލޮންޑިއޯ ވެސް ހޯދި ސްޕެއިންގެ އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު އަންހެން ކީޕަރަކަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ކީޕަރު މޭރީ އާޕްސް ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ އެވޯޑް އިނގިރޭސި ގައުމީ ޓީމުގެ ސަރީނާ ވެއިމަން ވަނީ ހަތަރުވަނަ ފަހަރަށް އުފުލާލައިފަ އެވެ.

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ހޯދީ ބްރެޒިލްގެ ދެވަނަ ޑިވިޝަންގައި ކުޅޭ އެ ގައުމުގެ ޒުވާން މިޑްފީލްޑަރު ގިލާމީ މަދުރޫގާ އެވެ. ފެއާޕްލޭ އެވޯޑް ދިނީ މިދިޔަ އަހަރު ނަސްލީ ދިމާކުރުންތަކާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރެއިން، ކަޅު ޖޯޒީގައި މެޗު ކުޅުނު ބްރެޒިލް ގައުމީ ޓީމަށެވެ.

ރޭގެ އެވޯޑް ހަފްލާގައި ވަނީ ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ. އަންހެނުންގެ ފުޓްބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް މި އެވޯޑް ދީފައި ވަނީ ބްރެޒިލް އަންހެން ގައުމީ ޓީމުގެ މާތާ އަށެވެ. ފީފާ އިން ވަނީ އަންނަ އަހަރުން ފެށިގެން، އަންހެން ފުޓްބޯޅައިގައި އަހަރުގެ އެންމެ މޮޅު ގޯލަށް މާތާ އެވޯޑް ދޭން ނިންމައިފަ އެވެ.