ޕެރިސް (ޖުލައި 20) - ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ނުދޭ ގޮތަށް ނިންމައިފި އެވެ.

ފްރާންސް ފުޓްބޯލް މެގަޒިންގެ އެޑިޓަރު ޕަސްކާލް ފޭރާ ވިދާޅުވީ އެކި ގޮތްގޮތުން ވިސްނުމަށް ފަހު ފުޓްބޯޅަ އަށް މި އައި ބްރޭކުގެ ސަބަބުން މި އަހަރު ބެލޮންޑިއޯ އެވޯޑް ނުދޭން ނިންމީ ގިނަ މަޝްވަރާތަކަށް ފަހު މި އެވޯޑާ ގުޅުންހުރި ގިނަ ސްޕޮންސަރުންނާ ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

"އެންމެ ބޮޑު ސަބަބަކީ ފުޓްބޯޅަ އަށް އައި މެދުކެނޑުމާ އެހެން ކަންކަމަށް ބަލާއިރު މިއީ އެވޯޑް ދޭނެ ވަރަށް ކުޅުންތެރިންނަށް މި ކަމުގައި އުޅެވޭނެ އަހަރެއް ކަމަށް އަހަރެމެންގެ ސްޓޭކްހޯލްޑަރުން ގަބޫލެއްނުކުރެވުން،" ފޭރާ ވިދާޅުވި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. މި އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ބެލޮންޑިއޯ އެވޯޑަކީ ޔޫރަޕްގައި އެންމެ ގިނަ ސްޕޮންސަރުންގެ ހިއްސާ އޮވެގެން ދޭ އެއް އެވޯޑް. -- ފޮޓޯ: އޭއެފްޕީ
ބެލޮންޑިއޯ އެވޯޑަކީ ޔޫރަޕްގައި އެންމެ ގިނަ ސްޕޮންސަރުންގެ ހިއްސާ އޮވެގެން ދޭ އެއް އެވޯޑް. -- ފޮޓޯ: އޭއެފްޕީ

އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހާސިލްކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެވެ. މިދިޔަ އަހަރު އޭނާ އަށް މި އެވޯޑް ލިބުމާ އެކު ޖުމްލަ ހަ ފަހަރު މި މަގާމު ހޯދައި އޭނާ ވަނީ ރެކޯޑެއް ގާއިމުކޮށްފަ އެވެ. މެސީއާ އެންމެ ވާދަވެރި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި އެވޯޑް ހޯދާފައިވަނީ ފަސް ފަހަރެވެ. މި އަހަރަކީ މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް މި އެވޯޑް ލިބޭނެ ފަހަރެއް ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. މެސީ އާއި ރޮނާލްޑޯގެ ފަހަތުން ދެން އެންމެ ގާތުގައި އޮތީ ތިން ފަހަރު އެވޯޑް ކާމިޔާބުކުރި ފްރާންސްގެ މިޝޭލް ޕްލެޓިނީ އާއި ނެދަލެންޑްސްގެ ޔޮހާން ކްރައިފް އަދި މާކޯ ވޭން ބާސްޓެން އެވެ.

ދާދިފަހުން ބެލޮންޑިއޯ އެވޯޑަށް ވަނީ އެންމެ އަންހެން ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ ފެމިނިން އެވޯޑް ވެސް ތައާރަކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި އެވޯޑް ހަފްލާގައި ވަނީ މުޅިން އަލަށް އެންމެ މޮޅު ކީޕަރު ހޮވައިފަ އެވެ. އެންމެ މޮޅު ގޯލްކީޕަރަށްދޭ ޔަޝިން ޓްރޮފީ ހޯދީ ލިވަޕޫލުގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހާސިލްކުރީ ޔުވެންޓަސްގެ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލީޓް އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ "ބެސްޓް އެވޯޑްސް" ފަސްކޮށްފަ އެވެ. ފީފާއިން ކުރިން ނިންމާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައި ފީފާ އެވޯޑްސް ބާއްވާށެވެ. މިދިޔަ އަހަރު ވެސް އެވޯޑްސް ބޭއްވީ މިލާނުގަ އެވެ. އެކަމަކު މިހާރު ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔަކު އެއްވެ އުޅެވޭގޮތަށް ހިންގޭ އެއްވެސް ހަރަކާތެއް ކައިރި މުސްތަގުބަލެއްގައި ބޭއްވޭނެ ޖާގައެއް ނެތުމުން ފީފާ އެވޯޑްސް ވެސް ވަނީ ފަސްކުރަން ނިންމައިފަ އެވެ.