ޕެރިސް (އޮކްޓޫބަރު 22) - ފްރާންސް ފުޓްބޯލް އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނޮމިނީސް ލިސްޓުގައި އިނގިރޭސި ޕްރިމިއާ ލީގުގެ 15 ކުޅުންތެރިން ހިމެނިއްޖެ އެވެ.

އެންމެ ގިނަ ކުޅުންތެރިން ހިމެނުނީ މިދިޔަ ޖޫން މަހު ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލުންނެވެ. އެ ޓީމުގެ ހަތް ކުޅުންތެރިން ލިސްޓުގައި ހިމެނެ އެވެ. އެއީ މުހައްމަދު ސަލާހު، ސަޑިއޯ މާނޭ، ވާޖިލް ވެން ޑައިކް، އެލިސަން ބެކާ، ވައިނަލްޑަމް އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އިނގިރޭސި ހުރިހާ މުބާރާތެއް މިދިޔަ ސީޒަނުގައި ކާމިޔާބުކުރި މެންޗެސްޓާ ސިޓީ ޓީމުން ފަަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ރިޔާދު މާރޭޒް، ބެނާޑޯ ސިލްވާ، ކެވިން ޑިބްރޭނާ، ސާޖިއޯ އަގުއޭރޯ އަދި ރަހީމް ސްޓާލިން އެވެ. ޓޮޓެންހަމްގެ ހޫގޯ ލޮރިސް އާއި ހެއުން މިން ސޮން ވެސް ލިސްޓުގައި ހިމެނެ އެވެ. އަދި އާސެނަލްގެ ޕިއޭ އެމެރިކް އޮބާމަޔަން ވެސް ވަނީ ފުރުސަތު ހޯދައިފަ އެވެ.

މި އެވޯޑް 10 ފަހަރު ގެންގޮސްފައިވާ ދެ ކުޅުންތެރިން ކަމަށްވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ މި ފަހަރު ވެސް ހިމެނެ އެވެ. މި ދެ ކުޅުންތެރިންނަށް ފަހު އެންމެ ފަހުން އެވޯޑް އުފުލާލި ރެއާލް މެޑްރިޑްގެ ލޫކަ މޮޑްރިޗް ނޮމިނޭޓްނުވެ އެވެ.

ދެން ގަދަ 30 ކުޅުންތެރިންގެ ތެރޭގައި ނުހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ، ޕީއެސްޖީގެ ނޭމާ އަދި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން އަޔަކްސްގެ ހަކީމް ޒިޔެޗް އެވެ.

މެސީގެ އިތުރުން ބާސެލޯނާ އިން ހިމެނެނީ އެންޓޮއިން ގްރީޒްމަން، ފްރެންކީ ޑި ޔޮން އަދި ޓާ ސްޓެގެން އެވެ. ރެއާލުން ހިމެނެނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅުނު އެޑެން ހަޒާޑް އާއި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ.

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވެނީ ފީފާ ބެސްޓް އެވޯޑްސް ހޯދި މެސީ އާއި ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވެން ޑައިކް އެވެ.

ބެލޮންޑިއޯ އެވޯޑުން މުޅިން އަލަށް މޮޅު ގޯލްކީޕަރު ހޮވަން ނިންމައި، އެ އެވޯޑް ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވާ ސޯވިއެޓް ޔޫނިއަންގެ ލެވް ޔަޝިން އަށް ހާއްސަކުރަން ނިންމިއިރު، ފުރަތަމަ ޔަޝިން އެވޯޑަށް ވާދަކުރަނީ ލިވަޕޫލްގެ އެލިސަން، ސިޓީގެ އެޑަސަން، ޗެލްސީގެ ކެޕާ އަރިއްޒަބަލާގާ، ޓޮޓެންހަމްގެ ލޮރިސް، ބަޔާނުގެ މެނުއަލް ނޯޔާ، އިންޓަގެ ސާމިރު ހަންޑަނޯވިޗް، ބާސެލޯނާގެ ޓާ ސްޓެގެން، އެތުލެޓިކޯގެ ޔަން އޮބްލަކް، އަޔަކްސްގެ އަންދްރޭ އޮނާނާ އަދި ޔުވެންޓަސްގެ ވޯޝިއޭ ޝެޒްނީ އެވެ.

ނޫސްވެރިންނާއި ކުޅުންތެރިންގެ ވޯޓުން ހޮވާ ބެލޮންޑިއޯ އެވޯޑް ވަނީ ފީފާއާ އެއްކޮށްލައިގެން ވެސް ދީފަ އެވެ. އެގޮތުން 2010 އިން 2015 އަށް އެގޮތަށް ކުރިއަށް ދިއުމަށް ފަހު ފީފާ އިން ވަނީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ބެސްޓްގެ ނަމުގައި އެވޯޑެއް ތައާރަފްކޮށްފަ އެވެ. ފީފާއާ އެއްކޮށްލައިގެން ބެލޮންޑިއޯ ދޭން ނިންމީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލަޓީނީ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ޝްޕީގަލް އިން ލީކުކޮށްކި ލިޔުންތަކެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮންނާނީ އަންނަ ޑިސެމްބަރު މަހު ދެ ވަނަ ދުވަހު ޕެރިހުގަ އެވެ.