ޕެރިސް (ސެޕްޓެމްބަރު 20) - ފްރާންސް ފުޓްބޯލް މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑުން މުޅިން އަލަށް މޮޅު ގޯލްކީޕަރު ހޮވަން ނިންމައި، އެ އެވޯޑް ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވާ ސޯވިއެޓް ޔޫނިއަންގެ ލެވް ޔަޝިން އަށް ހާއްސަކުރަން ނިންމައިފި އެވެ.
ފްރާންސް ފުޓްބޯލް އިން އެންމެ ފުރަތަމަ ހޮވަން ފެށީ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ އެކަންޏެވެ. އެކަން 1956 ވަނަ އަހަރު ފެށިއިރު، އެންމެ ފުރަތަމަ އެ އެވޯޑް ހޯދީ ގްރޭޓް ބްރިޓިއަން އާއި އިންގްލެންޑަށް ކުޅުނު ސްޓޭންލީ މެތިއަސް އެވެ. އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ތައާރަފްކުރިިއިރު، ފުރަތަމަ އެވޯޑް ހޯދީ ނޯވޭގެ އާޑާ ހެގަބާގް އެވެ.
މި އަހަރު ދޭ އެވޯޑްގައި އެންމެ މޮޅު ކީޕަރު ހޮވަން ނިންމާފައިވާއިރު، މި އެވޯޑަށް ދިނީ "ދި ޔަޝިން ޓްރޮފީ" ގެ ނަމެވެ. މި ނަން ދޭން ނިންމީ ޔަޝިން އަކީ މިހާތަނަށް ބެލޮންޑިއޯ ހޯދި ހަމައެކަނި ގޯލްކީޕަރު ކަމަށް ވުމުންނެވެ. އޭނާ އެ އެވޯޑް ހޯދީ 1963 ވަނަ އަހަރު އެވެ. ޑައިނަމޯ މޮސްކޯ އަށް ކުޅުނު ކީޕަރު ޔަޝިން ވަނީ ޔޫރަޕްގެ ޗެމްޕިއަންކަމުގެ އިތުރުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހާސިލްކޮށްފަ އެވެ.
އެންމެ ފުރަތަމަ ހޮކީ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ޔަޝިން އަކީ ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ވެސް ހުއްޓުނު ކީޕަރެކެވެ. އޭނާ މަރުވީ 1990 ވަނަ އަހަރު ބަނޑުގެ ކެންސަރަށް ފަރުވާ ދެމުން އަންނަނިކޮށެވެ. އޭގެ ކުރިން އޭނާ ވަނީ ފުޓްބޯޅައިގެ އެކި ލެވަލްތަކުގެ މަސައްކަތްކޮށްފަ އެވެ.
ނޫސްވެރިންނާއި ކުޅުންތެރިންގެ ވޯޓުން ހޮވާ ބެލޮންޑިއޯ އެވޯޑް ވަނީ ފީފާއާ އެއްކޮށްލައިގެން ވެސް ދީފަ އެވެ. އެގޮތުން 2010 އިން 2015 އަށް އެގޮތަށް ކުރިއަށް ދިއުމަށް ފަހު ފީފާ އިން ވަނީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ބެސްޓްގެ ނަމުގައި އެވޯޑެއް ތައާރަފްކޮށްފަ އެވެ. ފީފާއާ އެއްކޮށްލައިގެން ބެލޮންޑިއޯ ދޭން ނިންމީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލަޓީނީ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ޝްޕީގަލް އިން ލީކުކޮށްކި ލިޔުންތަކެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިން މި ފެށޭ މަހުގެ 21 ވަނަ ދުވަހު އިއުލާނުކުރާނެ އެވެ. އެވޯޑް ހަފުލާ އޮންނާނީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.