ކެނެޑާގެ ވެންކޫވާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ބައްދަލުވުންތަކަށް ވަޑައިގެން އުޅުއްވާ އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފުލުހުންގެ ހާއްސަ އެސްކޯޓް ދޭން އެ ސިޓީގެ ޕޮލިސް ޑިޕާޓްމަންޓުން ދެކޮޅު ހަދައިފި އެވެ.

ވެންކޫވަރު ފުލުހުންގެ ޑެޕިއުޓީ ޗީފް ޑޮން ޗެޕްމަން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މަގުތައް ބަންދުކޮށްގެން ދޭ ރަސްމީ މޮޓޯކޭޑްތަކަކީ ހަމައެކަނި ދައުލަތްތަކުގެ ވެރިންނަށް ހާއްސަ ކުރެވިފައިވާ ހިދުމަތެއް ކަމަށެވެ.

ފީފާގެ އެގްޒެކެޓިވް މެންބަރުންނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ހިމާޔަތް ލިބިގެންވާ ބައެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ މަގުތައް ބަންދުކޮށްފައި އެސްކޯޓް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފީފާގެ ތަރުޖަމާނު ބުނީ ފީފާގެ ރައީސަށް ވަކި ފެންވަރެއްގެ ޕޮލިސް މޮޓޯކޭޑެއް ދިނުމަށް އެ އިދާރާއިން އެދިފައި ނުވާނެ ކަމަށެވެ. އަދި އިންފަންޓީނޯގެ ސެކިއުރިޓީއާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ އަމިއްލައަށް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.

"ފީފާގެ ރައީސަށް ހާއްސަ ޕޮލިސް މޮޓޯކޭޑެއް ދިނުމަކަށް ފީފާއިން އެދިފައެއް ނުވާނެ. އޭނާގެ ދަތުރުފަތުރާއި ސެކިއުރިޓީ ކަންކަމާ ގުޅޭގޮތުން އެއްވެސް އިދާރާއަކަށް ހުށަހެޅުމެއް ހުށަހެޅިކަން ރައީސަށް އެނގިވަޑައިގެންފައެއް ނުވޭ." ފީފާގެ ތަރުޖަމާނު ބުންޏެވެ.

ވެންކޫވާގައި ބާއްވާ ފީފާގެ ކޮންގްރެސްއަކީ، ކެނެޑާ އާއި އެމެރިކާ އަދި މެކްސިކޯ ގުޅިގެން ޖޫން މަހު ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ އެޖެންޑާގައި އޮތް މުހިންމު ކަންތައްތަކަކީ ވޯލްޑް ކަޕްގެ ރީނދޫ ކާޑު އުސޫލަށް ގަވާއިދަށާއި، ޓީމުތަކަށް ދޭ ފައިސާގެ އިނާމަށް ބަދަލުތަކެއް ގެނައުމަށެވެ.