ނިއު ޔޯކް (އެޕްރީލް 23) - އެމެރިކާގެ މިޝިގަން ސްޓޭޓުގައި ޅަ އަންހެން ކުދިން ހިތާން ކުރަން އެހީވަމުން ދިޔަ އިންޑިއާ އަށް އުފަން ޑޮކްޓަރަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި އެވެ.
އަންހެން ކުދިން ހިތާން ކުރުމަކީ އެމެރިކާގައި މަނާ ކަމެކެވެ. ފަޚުރުއްދީން އައްތާރު، 53، އާއި އޭނާގެ އަންހެނުން ފަރީދާ އައްތާރު، 50، ހައްޔަރު ކުރީ ފަޚުރުއްދީން އައްތާރުގެ ކްލިނިކުގައި އަންހެން ކުދިން ހިތާން ކުރާ ކަމަށް ބުނެ އެވެ.
އަންހެން ކުދިން ހިތާންކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެމަފިރިން ހައްޔަރު ކުރި އިރު މީގެ ކުރިން ވަނީ އިންޑިއާގެ އެހެން ޑޮކްޓަރެއް ކަމަށްވާ ޖުމާނާ ނަގަރްވާލާ، 44، ކިޔާ އަންހެނަކު އެމެރިކާ އިން ހައްޔަރުކޮށް ދައުވާކޮށްފަ އެވެ. މި ތިން ޑޮކްޓަރުން ވެސް މަސައްކަތް ކޮށްފައި ވަނީ އެއް ކްލިނިކެއްގަ އެވެ. މިއީ އަންހެން ކުދިން ހިތާންކޮށްދީގެން އެމެރިކާގެ ފެޑެރަލް ގާނޫނުގެ ދަށުން ދައުވާ ކުރާ ފުރަތަމަ ތިން މީހުންނެވެ.
ޕްރޮސެކިއުޓަރުން ބުނީ ޖުމާނާ ނަގަރްވާލާ ހިތާން ކުރަމުން ދިޔައީ އުމުރުން ހަ އަހަރާއި 12 އަހަރާ ދެމެދު ކުދިން ކަމަށެވެ. ޖުމާނާގެ މައްސަލަ ބަލަން ފެށީ ކަމާބެހޭ ފަރާތްތަކަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެމެރިކާގެ ބައެއް މީޑިއާތަކަށް ޖުމާނާ ބުނެފައި ވަނީ އޭނާ އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޑެނިއަލް ލެމިޝް ވިދާޅުވީ އަންހެން ކުދިން ހިތާން ކުރުމަކީ މި ޒަމާނުގެ މުޖުތަމައުގައި ޖާގަ އޮތް ކަމެއް ނޫން ކަމަށާއި އެއީ އަންހެން ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށާއި އަދި އެކަން ކުރާ މީހުން ގާނޫނުގެ ދަށުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ.
އަންހެން ކުދިން ހިތާން ކުރުން އެމެރިކާގައި މަނާކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ.
އދ. އިން ބުނެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 200 މިލިއަނަށް ވުރެ ގިނަ އަންހެން ކުދިން ހިތާން ކޮށްފައިވާ ކަމަށެވެ. އަންހެން ކުދިން އެންމެ ގިނައިން ހިތާން ކުރާ ގައުމުތައް ކަމަށް ބުނެފައި ވަނީ މިސްރު، އިތިއޯޕިއާ އަދި އިންޑޮނީޝިއާ އެވެ.