ޑިޓްރޮއިޓް (އެޕްރީލް 14) - އެމެރިކާގެ ޑިޓްރޮއިޓް ސިޓީގައި ޅަ އަންހެން ކުދިން ހިތާން ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރަކަށް ދައުވާ ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓަރުން ބުނީ ޖުމާނާ ނަގަރްވާލާ ހިތާން ކުރަމުން ދިޔައީ އުމުރުން ހަ އަހަރާއި 12 އަހަރާ ދެމެދު ކުދިން ކަމަށެވެ. ޖުމާނާގެ މައްސަލަ ބަލަން ފެށީ ކަމާބެހޭ ފަރާތްތަކަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މައްސަލައިގައި ޖުމާނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު އެމެރިކާގެ ބައެއް މީޑިއާތަކަށް ޖުމާނާ ބުނެފައި ވަނީ އޭނާ އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޑެނިއަލް ލެމިޝް ވިދާޅުވީ އަންހެން ކުދިން ހިތާން ކުރުމަކީ މި ޒަމާނުގެ މުޖުތަމައުގައި ޖާގަ އޮތް ކަމެއް ނޫން ކަމަށާއި އެއީ އަންހެން ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށާއި އަދި އެކަން ކުރާ މީހުން ގާނޫނުގެ ދަށުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ.
އަންހެން ކުދިން ހިތާން ކުރުން އެމެރިކާގައި މަނާކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ.
އދ. އިން ބުނެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 200 މިލިއަނަށް ވުރެ ގިނަ އަންހެން ކުދިން ހިތާން ކޮށްފައިވާ ކަމަށެވެ. އަންހެން ކުދިން އެންމެ ގިނައިން ހިތާން ކުރާ ގައުމުތައް ކަމަށް ބުނެފައި ވަނީ މިސްރު، އިތިއޯޕިއާ އަދި އިންޑޮނީޝިއާ އެވެ.