އެންމެ ތުއްތުއިރުއްސުރެ ވެސް އަމަން އަހްމަދު އާތިފްގެ މައިންބަފައިން އޭނާގެ ގާތުގައި ޖަހައިފައި ބަހައްޓަނީ ގުރުއާނެވެ. އެއީ ދަރިފުޅުގެ ހިތުގައި ގުރުއާނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި އެެ ދެމަފިރިން ކުރަމުން އައި ކަމެކެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ.
މިހާރު އަށް އަހަރުގެ އަމަން، އުމުރުން އެންމެ ދެ އަހަރުގައި ވެސް ޝައުގުވެރިކަން ގުރުއާނަށް ހުންނަކަން ފާހަގަ ކުރެވުނެވެ. އަމަންގެ ބައްޕަ، އަހުމަދު އާތިފް ބުނި ގޮތުގައި އޭރު ވެސް ބަންގީގެ އަޑަށާއި ގުރުއާނުގެ އަޑަށް އޭނާ ހާއްސަ ޝައުގުވެރި ކަމެއް ދެ އެވެ.
އަބަދުވެސް އަމަން ބޭނުން ވާނީ ޓީވީން ގުރުއާން ކިޔަވާ އަޑު އަހަން އޮންނާށެވެ. ނިދާ ވަގުތު ވެސް އޭނާ ބޭނުން ވާނީ ގުރުއާން ޖަހައިގެން ނިދާށެވެ. އެއަށްވުރެ ވެސް ބޮޑަށް އަމަންގެ ޝައުގުވެރިކަން ގުރުއާނަށް ބޮޑުކަން އެނގުނީ އުމުރުން އެންމެ ތިން އަހަރުގައި ގުރުއާން ކިޔަވަން ފެށުމުންނެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ހިތުން ގުރުއާނުގެ ސޫރަތްތަކުގެ ނަންތައް ކިޔަން ފެށީ. ފާތިހާ ސޫރަތުން ފެށިގެން ގޮސް ނާސި ސޫރަތާ ހަމައަށް ތަރުތީބުން ކިޔަން ފަށައިފި އޭރު. އޭރު ވެސް ބައެއް ސޫރަތްތައް ހިތުން ކިޔަން ފަށައިފި،" އާތިފް ބުންޏެވެ.
އެ ހިސާބުން ދަރިފުޅަށް ލިބިފައިވާ ހިތުދަސްކުރުމުގެ ހުނަރު ފާހަގަ ކުރެވެން ފެށި އެވެ. އޭރު އަމަންގެ އުމުރުން ވާނީ ފަސް އަހަރެވެ.
އެހާ ހިސާބުން އަމަންގެ ހިތު ދަސްކުރުމުގެ ހުނަރު ފާހަގަކުރެވި އަމަން އަށް ގުރުއާން ހިތުން ދަސްކޮށްދިނުމުގެ މަސައްކަތް ފަށަން އޭނާގެ މައިންބަފައިން ނިންމި އެވެ. އެކަމަށް ޓަކައި، ފޮތް ވަކިވަކިން ހުންނަ ގުރުއާންތަކެއް ގަނެ، ފަހަރަކު ފޮތެއް ދަސްކޮށްދިނުމުގެ މަސައްކަތް ފެށި އެވެ.
އަމަން އަށް ގުރުއާން ހިތުދަސްކޮށްދޭކަށް ޓީޗަރަކު ނުގެނެ އެވެ. އެކަން ކޮށްދިނީ އޭނާގެ މަންމަ އާއި ބައްޕަގެ މިންނެތް މަސައްކަތުންނެވެ. އަމަން އަށް ގުރުއާން ހިތުން ދަސްކޮށްދިނުމުގެ މަސައްކަތް ފެށީ ވަކި ތާވަލެއްގެ ދަށަކުން ނޫނެވެ. ހިތު ދަސްކޮށްދިނުމުގެ މަސައްކަތް ކުރަނީ ކޮންމެ ނަމާދެއްގެ ފަހުންނެވެ.
"ކޮންމެ ދުވަހަކު ވެސް ދެ ސަފުހާ ދަސްކޮށްދެވޭތޯ ބަަލަން. ފުރަތަމަ ކިޔާނީ ބަލައިގެން ތިން ފަހަރު. ތިން ފަހަރު ބަލައިގެން ކިޔައިފައި ދެން ކިޔާނީ ހިތުން. ފަސް އަހަރުވީ އިރު ބަލައިގެން ކިޔަން ދަސްވެފައި ހުރީ އެއްކޮށް،" އާތިފް ކިޔައިދިނެވެ.
އަމަން އަށް ގުރުއާން ދަސްކޮށްދިން ދުވަސްވަރު ދިމާވީ ކޮވިޑް-19ގެ ޕެންޑަމިކާ އެވެ. އާތިފްއަކީ ޕޮލިސްގައި މަސައްކަތް ކުރާ މީހަކަށް ވާތީ ދަރިފުޅުމެން އެ ކުދިންގެ މާމަ ގާތުގައި ބޭތިއްބުމަށް ފަހު ދުވަސްކޮޅަކަށް އެ ދެމަފިރިން ވަކިން އުޅުނެވެ. އެކަމާ ކުރިމަތި ނުވި ނަމަ މިއަށްވުރެ ވެސް އަވަހަށް ގުރުއާން ހިތުދަސްކޮށް ނިންމައިލެވުނީސް ކަމަށް އާތިފް ގަބޫލު ކުރެ އެވެ.
އަމަން ގުރުއާން ހިތުދަސްކުރަން ފެށީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ހިތުދަސްކޮށް ނިންމައިލެވުނީ 2021 ވަނަ އަހަރުގެ ޖޫން މަހުގަ އެވެެ. އެންމެ ފުރަތަމަ ގޭގައި ގުރުއާން ހިތުން ކިޔައިދިނުމަށް ފަހު، ފުރަތަމަ މުރާޖައާ ކުރީ އަމަން ކިޔަވަމުންދިޔަ އެކްސެލް އިންޓަނޭޝަނަލް ސްކޫލުގަ އެވެ.
"އޭރު އުޅޭނީ ޔޫކޭޖީގައި. އުމުރުން ހަ އަހަރާއި އަށް މަސް ވަރު ވާނީ،" އާތިފް ބުންޏެވެ.
ސްކޫލުގައި މުރާޖައާ ކުރަން ހޭދަވީ ތިން ހަފްތާ އެވެ. އެއަށްފަހު ކީިރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް މުރާޖައާ ކުރުމަށް ގެންދިޔަ އެވެ. އެ ތަނުގައި މުރާޖައާކޮށް ނިމުނީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއަށްފަހު ކޮމިޓީ އަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ހާފިޒްކަމުގެ ސެޓްފިކެޓް އަމަން ހާސިލު ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވެގެން އަމަން އަށް ވަނީ ރައީސްގެ ހާއްސަ މެޑަލް ލިބިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެެ ރޭ ވިދާޅުވީ ޖުމްހޫރީ ދުވަހު ގައުމަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ އަމަން ކަމަށެވެ.
"...ވަކިން ހާއްސަކޮށް، އުމުރުން އެންމެ އަށް އަހަރުގައި ކީރިތި ގުރްއާން ހިތުދަސްކުރި އަމަން އަހުމަދު އާތިފަކީ މި އަހަރުގެ ޖުމްހޫރީ ދުވަހު ގައުމަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ،" ރައީސް ވިދާޅުވި އެވެ.
"ބ. ހިތާދޫ، ޑޭޒީމާގެއިން އެ ދެއްކީ ހަގީގަތުގައި ވެސް އިންސާނެއްގެ ހިތާއި ދުލުން ކުރެވޭނެ އެންމެ މަތިވެރި މަސައްކަތް. އަމަންގެ މައިންބަފައިންނާއި، ޢާއިލާއާއި، މުދައްރިސުންނާއި، މުޅި ހިތާދޫ ވަނީ މި ޝަރަފުގެ ފަހަތުގައި."
އެ ޝަރަފާ އެކު އަމަން އަށް ވެސް ލިބިފައި ވަނީ ވަރަށް ބޮޑު އުފަލެކެވެ.
"ރައީސްގެ މެޑަލް ލިބުނީމަ އަމަން ވެސް ވަރަށް އުފާވެފައި ހުރީ،" އާތިފް ބުންޏެވެ.
އާތިފް ބުނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭން ބޭރުގެ މުބާރާތެއްގައި އަމަން ވާދަކޮށް ގައުމަށް ރީތި ވަނައެއް ހޯދައިދޭ ދުވަސް ކަމަށެވެ. އަމަންގެ ގުރުއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުރިހަމަކުރުމަށް ޓަކައި ގުރުއާން ޓީޗަރެއް ހަފްތާއަކު ތިން ދުވަހު ގެނެސްގެން މިހާރު ކިޔަވައިދެ އެވެ.
"ވަރަށް އުފާވޭ އަޅުގަނޑުމެން މިފަދަ ކަމެއް އެހާ ޅަ އުމުރެއްގައި ހާސިލު ކުރެވުނީމަ. އަލްހަމްދުލިﷲ. ﷲއަށް ހަމްދު ކުރަން ފުރަތަމަ ވެސް. ދެން މިކަން ކާމިޔާބު މި ވީ އާއިލާގެ ވެސް ވަރަށް ބޮޑު އެހީތެރިކަމާ އެކު،" އާތިފް ބުންޏެވެ.
"އަޅުގަނޑުމެންގެ ދުއާއަކީ އަބަދުވެސް ދަރިފުޅުގެ ހިތުގައި ކީރިތި ގުރުއާނުގެ ނޫރު ﷲ ސުބުހާނަހޫ ވަތައާލާ ލަހައްޓަވައިދެއްވުން."
އަމަންގެ ހާފިޒްކަމުގެ ދަތުރުގައި މުޅިން ވެސް ވަނީ އިބުރަތެވެ. އޭނާގެ ޝައުގުވެރިކަން އެހާ ޅަ އުމުރެއްގައި ގުރުއާނަށް ހުރުމަކީ ވެސް އަޖައިބު ކުުރުވަނިވި ކަމެކެވެ. އުމުރުން އެންމެ ހަ އަހަރާއި ހަތަރު މަހުގައި ގުރުއާން ހިތުދަސް ކުރެވުމަކީ އޭނާގެ މައިންބަފައިންގެ ބުރަ މަސައްކަތެވެ. އަދި އަމަންގެ ގަދަ ހިތްވަރެވެ.