ދުވަސްވަރަކީ، 1970ގެ ފަހުކޮޅު، ރާއްޖޭގައި ކޮލެރާ ބަލި ފެތުރެމުންދިޔަ ދުވަސްވަރެވެ. ހެލްތު ވޯކަރެއްގެ ގޮތުގައި މުހައްމަދު އިސްމާއިލްފުޅު ވަޑައިގަތީ އެ ބަލި އެންމެ ފުރަތަމަ ފެނުނު ލ. މާމެންދުއަށެވެ. އެ ތަނުގައި ޑީ ހައިޑްރޭޓް ވެފައިވާ އަންހެން ކުއްޖެއްގެ ހަތަރެސްފަޔަށް އޭނާ އައިވީ ގުޅި އެވެ.
އެ ކުއްޖާ އަށް އައިވީ ގުޅައިފައި، ފުޅު އޮށޯވެ ވަޑައިގަތީ އިރުއަރަން ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް އޮށޯވެ ލޯ މަރައިލާއިރަށް، ހުވަފެނުގައި މީހަކު ފުޅު ގާތު ބުނީ އޭނާ އެ ތަނުގައި އޮތް ނަމަ އެ ކުއްޖާ މަރުވެދާނެ ކަމަށެވެ.
"އަނެއްކާ ވެސް ދެވަނަ ފަހަރަށް ވެސް އެ މީހަކު އައިސް ބުނީ ކަލޭ ތިތާ އޮތިއްޔާ އެ ކުއްޖާ އެ މަރުވަނީއޭ. ކަލޭ މިތާ އޮންނާނީހޭ ދާނީހޭ. ދެ ފަހަރަށް ފެނުނީމާ އަޅުގަނޑު ހިތަށް އެރީ ދާނީއޭ."
ތެދުވަންނަވައި، އެ ކުއްޖާގެ ގާތަށް ވަޑައިގަތް އިރު، އޮތީ އޯވާ ހައިޑްރޭޓް ވެފަ އެވެ. އެ ތަނަށް ފުޅު ވަޑައިނުގަތް ނަމަ އެ ކުއްޖާ ސަލާމަތްވުމުގެ ފުރުސަތު ކުޑަ އެވެ. ވަގުތުން ހުރިހާ އައިވީއެއް ނައްޓައިލާ، އެ ކުއްޖާ ސަލާމަތް ކުރެއްވި އެވެ.
މިއީ ސިއްހީ ދާއިރާގައި ފުޅު ހިދުމަތްކުރެއްވި ބައި ގަރުނުގެ ވަރަށް ކުޑަ މިންވަރެކެވެ.
ލިޔުންތެރިއެއްގެ ގޮތުގައި ވެސް، ސިއްހީ ދާއިރާގެ ހިދުމަތްތެރިއެއްގެ ގޮތުގައި ވެސް ފުޅުގެ ވާހަކަ ކިޔައިދެވިދާނެ އެވެ. އެ ދެ ރޮނގުންކުރެ، ވަކި ރޮނގެއްގައި އޭނާގެ ހިދުމަތްތައް މަދެއް ނޫނެވެ. ކުރައްވާފައިވާ މަސައްކަތްތައް އެހާމެ ގިނަ އެވެ.
ބުރަ މަސައްކަތްތަކަކާ އެކު ފުޅު، އޭނާގެ އުފަން ރަށުގެ ރައްޔިތުންނަށް ޓަކައި ލިޔުއްވި ފޮތް ނެރުނުތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ"ގެ ނަމުގައި ނެރުއްވި އެ ފޮތަކީ ބުރަ މަސައްކަތްތަކެއް ކުރައްވައިގެން އޭނާ ނެރުއްވި 322 ސޮފުހާގެ ބޮޑު ފޮތެކެވެ. އެއީ ނައިފަރު މީހުންނަށް ފުޅު ދެއްވި އަގުހުރި ހަދިޔާ އެކެވެ.
ޒަމާނީ ޓެކްނޮލޮޖީ ދިވެހީންގެ ތެރެއަށް ތައާރަފްނުވާ ޒަމާނުގައި، ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ވެސް ގިނަ ފޮތްތަކެއް ފުޅު ވަނީ ލިޔުއްވައިފަ އެވެ. އޭގެ ތެރޭގައި އެކި ބަލިތަކުގެ މައުލޫމާތު ހިމެނޭހެން ލިޔުއްވި ފޮތްތަކަށް އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނެވެ.
ސިއްހީ ދާއިރާގެ މަަސައްކަތުގެ ފެށުން!
ސިއްހީ ދާއިރާ އަށް ވަދެވުނު ގޮތް އަހާލުމުން ފުޅު ކިޔައިދެއްވީ ނައިފަރުގައި ފެތުރުނު ބޭރަށް ހިންގުމުގެ ރޯގާއެއްގެ ވާހަކަ އެވެ. އެ ތަނުގައި މަސައްކަތްކުރައްވަން އުޅުއްވި ދުވަސްވަރުގެ ވާހަކަ ކިޔައިދެއްވި އެވެ. ފުޅު ވިދާޅުވި ގޮތުގައި އެ ތަނުގައި ވަރަށް ފަރުވާތެރިކަމާއެކު އޭނާ މަސައްކަތް ކުރެއްވި އެވެ. އޭނާ މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަމުގެ ސަބަބުން މުޅި ހެލްތު ސެންޓަރު ހިންގުން އޭނާއާ ހަވާލު ކުރި އެވެ.
"އެ ހިސާބުން އަޅުގަނޑަށް 24 ގަޑިއިރު އެ ތަނުގައި އުޅެން ޖެހުނީ. އެ ހިސާބުން އަޅުގަނޑު ޝައުގުވެރިވީ. އޭރު އަޅުގަނޑު މަދަރުސާ ކުއްޖެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރީ ވެސް،" ފުޅު ކިޔައިދެއްވި އެވެ.
އެއީ 1950ގެ އަހަރުތަކުގެ ތެރެއިން އަހަރެކެެވެ. ފުޅުގެ އުމުރުން ވާނީ 17 އަހަރެވެ. އެހާ ޒުވާން އުމުރެއްގައި ސިއްހީ ދާއިރާއަށް ޝައުގުވެރިކަން އުފެދުމުން، އިތުރަށް ތައުލީމް ހާސިލުކުރެއްވޭނެ ގޮތެއް ހޯއްދަވަން ފެއްޓެވި އެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި މާލީ ތަނަވަސްކަން ހުރި ގޮތުން މާލެއަށް ފައިބާ ކިޔަވަން ހުރެވޭކަށް އޭރަކު ނެތެވެ.
މާލެއަށް ބޭހަކަށް އައި ފަހަރެއްގައި އިންޑިއާއަށް ކިޔަވަން ވަޑައިގަންނަވަން ވެސް ފުޅު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭނާއާއެކު ދިޔަ މީހާ ސްރީލަންކާއާ ހިސާބަށް ދިއުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ އެވެ. ގެންދެވި ރުފިޔާކޮޅު ވެސް ވީނުވީއެއް ނޭނގި އެ ފަހަރު ގެއްލުނެވެ.
"އައި އިރު ޑަބްލިޔުއެޗްއޯއިން އޮންނަނީ އިއުލާން ކޮށްފައި ޑޮމިސިލަރީ ވޯކަރުން ހޯދަން. އިމްތިހާނުގައި ބައިވެރިވެގެން ޑޮމިސިލަރީ ވޯކަރަކަށް ވެވިދާނެއޭ. އަޅުގަނޑު ވެސް ބެލީ ޑޮމިސިލަރީ ވޯކަރަކަށް ވެގެން ވެސް ހެލްތުގެ ދާއިރާއަށް ވަދެވޭތޯ،" ފުޅު ކިޔައިދެއްވި އެވެ.
އެކަަމަކު އެ ވަޒީފާއަށް ވަންނަވައިގެން ސިއްހީ ދާއިރާއިން މާ ބޮޑަށް ކުރިއަށް ވަޑައިގެންނެވޭނެ ކަމަކަށް ފުޅު ހިޔެއް ނުކުރައްވަ އެވެ. އެ ވަޒީފާ އަށް ވެންނެވީ މާލޭގައި ވަޒީފާއެއް އަދާކުރައްވަން ހުންނަވާށާއި މަންމައަށް އެހީތެރިވެދެއްވުމުގެ ބޭނުމުގަ އެވެ.
އިމްތިހާނުން ފާސްވި ތިން މީހުންގެ ތެރޭގައި ހިމެނި، ފުޅަށް ވެސް އެ ވަޒީފާ ހަމަޖެހުނެވެ. އެ ވަޒީފާގައި ކުރެއްވި މަސައްކަތްތަކާ މެދު އޭނާގެ ވެރިންގެ ގޮތުގައި މަސައްކަތްކުރެއްވި ދެ ޑޮކްޓަރުން ވަރަށް ހިތްހަމަ ޖެހުނެވެ. އެހެންކަމުން ވަޒީފާގައި ދެ އަހަރު ހޭދަކުރެއްވި ފަހުން ހެލްތު އެސިސްޓެންޓަކަށް ފުޅު ބަދަލުކުރެއްވުމަށް އެ ޑޮކްޓަރުން ނަން ފޮނުއްވި އެވެ.
ޑަބްލިޔުއެޗްއޯގެ އޮފީހުން ހެލްތު މިނިސްޓްރީއަށް، ފުޅު ހެލްތު އެސިސްޓެންޓުގެ ކޯހުގައި ބައިވެރިކޮށްދެއްވުމަށް އެދި ލިޔުއްވި އެވެ. އެހެން ނަމަވެސް، ނަސީބު ކަންދިމާކުރި ގޮތުން އެ ކޯސް އެ ދުވަސްވަރު އޮތީ ހުއްޓައިލައިފަ އެވެ. ދުވަސްކޮޅަކު މަޑުކޮށްލައްވަން ޖެހުނު ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ކޯހެއްގައި ހެލްތު މިނިސްޓްރީން އޭނާ ބައިވެރި ކޮށްދިނެވެ.
"އެ ކޯހުގައި އަޅުގަނޑަށް ލިބުނީ ދެވަނަ. އެ ހިސާބުން ހެލްތުގެ ދާއިރާގައި އަޅުގަނޑު މަސައްކަތް ފަށައިގެން ވަރަށް ޝައުގުވެރިކަމާއެކު ކުރިއަށް ދިޔައީ،" ފުޅު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ތަދު ޒަމާނެއްގައި ބުރަ މަސައްކަތްތަކެއް!
ކޮމިއުނިޓީ ހެލްތު ވޯކަރެއްގެ ގޮތުގައި ފުޅު ފުރަތަމަ ވަޑައިގެންނެވީ ހދ. ނޮޅިވަރަންފަރުގައި ހުންނަ އެ އަތޮޅު ހެލްތު ސެންޓަރަށެވެ. އެކަމަކު، އެއީ މިހާރު ރާއްޖޭގެ ރަށްރަށުން ފެންނަ ފާޑުގެ ހެލްތު ސެންޓަރެއް ނޫނެވެ. އެއީ ދިހަ ފޫޓު އަށްފޫޓުގެ ގޮޅިއެއް ވަރުގެ ތަންކޮޅެކެވެ.
ފަންޑިތަވެރިންނާއި ދިވެހި ބޭސްވެރިން ވެސް އޭރު ތިބީ އަޅުގަނޑުމެންނާ ކޮންމެވެސް ވަރަކަށް ޖެލަސްވާ ގޮތް ވެފަ. އެހެންވީމަ މަސައްކަތުގައި އަޅުގަނޑު ފުރަތަމަ އެ މީހުންގެ ގާތަށް ދިޔައީ. ފްރެންޑްޝިޕް ބާއްވަން ފެށީ. ފަހުން އެ މީހުން ވެސް އަންނަން ފަށައިފި
ފުޅު ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި އޭރު ސިއްހީ ކަންކަމުގައި އުޅޭނީ ބޭސްވެރިންނާއި ފަންޑިތަވެރިންނާއި ފޫޅުމައިން ކަމަށެވެ. އޭނާ މަސައްކަތް ކުރަައްވަން ފެއްޓެވީ ހެލްތު ސެންޓަރުތައް ރާއްޖޭގެ ރަށްރަށުގައި ހުޅުވަން ފެށި ދުވަސްވަރެވެ.
"ހެލްތު ސެންޓަރުގައި އެއްޗެއް ގުދަން ކޮށްލާނެ ތަނެއް ނުހުންނާނެ. ބަލި މީހަކު ލައިގެން ބަލާލާނެ ތަނެއް ވެސް ނޯންނާނެ. މަސައްކަތު މީހެއް ނުހުންނާނެ، ނަރުހެއް ނުހުންނާނެ، ކާތިބަކު ނުހުންނާނެ. އެހެންވީމަ ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އަމިއްލައަށް،" ފުޅު ކިޔައިދެއްވި އެވެ.
"އޭރަކީ ޑިސްޕޮސިބަލް އެއްވެސް އެއްޗެއް ހުންނަ ޒަމާނެއް ނޫން. ހުންނާނީ ކައްކައިގެން ބޭނުންކުރާ އެއްޗެހި. ސިރިންޖު ވެސް ޖެހޭނީ މީހެއްގެ ގަޔަށް އިންޖިކްޝަން ޖަހަން ވިޔަސް ކައްކައިގެން ޖަހަން. ކަށި ވެސް ބައެއް ފަހަރަށް ކޮށިވާނެ. އެ ކޮށިވާ ކަށި އަޅުގަނޑުމެން ޖެހޭނީ ގަލުގައި ގާނައިގެން ތޫނުކުރަން،"
އެ ތަނުގައި ހުރި އައިސްއަލަމާރިއެއް ބޭނުންކޮށްގެން އޭގައި ލޮލީ ހަދައިގެން ވިއްކަން ފުޅު ފެއްޓެވި އެވެ. ހެލްތު މިނިސްޓްރީން ހުއްދަ ހޯއްދަވައިގެން ލޮލީ ވިއްކަވައި ލިބުނު ރުފިޔާއަށް މަސައްކަތު މީހަކު ވަޒީފާއަށް ނެންގެވި އެވެ. އެ ރުފިޔާ އެއްކުރައްވައި، އަތޮޅު އޮފީހަށް ޖަމާކުރެއްވި އެވެ. އަދި މަސައްކަތު މީހެއް ދެއްވުމަށް އެދިވަަޑައިގަތެވެ.
ސިއްހީ ހުރިހާ މައްސަލައެއްގައި ފަރުވާ ހޯދަން އޭރު ވެސް މީހުން އަންނަ ކަމަށް ފުޅު ވިދާޅުވި އެވެ. އެންމެ މަދުން މީހުން ދަނީ ގައިނީ މައްސަލަތަކުގަ އެވެ. އެ ފަދަ ކަންކަމުގައި ގިނައިން މީހުން އޭރު ގޮސް އުޅެނީ ފޫޅުމައިންގެ ކައިރިއަށެވެ.
"ފަންޑިތަވެރިންނާއި ދިވެހި ބޭސްވެރިން ވެސް އޭރު ތިބީ އަޅުގަނޑުމެންނާ ކޮންމެވެސް ވަރަކަށް ޖެލަސްވާ ގޮތް ވެފަ. އެހެންވީމަ މަސައްކަތުގައި އަޅުގަނޑު ފުރަތަމަ އެ މީހުންގެ ގާތަށް ދިޔައީ. ފްރެންޑްޝިޕް ބާއްވަން ފެށީ. ފަހުން އެ މީހުން ވެސް އަންނަން ފަށައިފި،" އޭނާ ވިދާޅުވި އެވެ.
ކޮމިއުނިޓީ ހެލްތު ވޯކަރަކަށް އުޅުއްވިއިރު މީހުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްކޮށްދެވުމާއި ހޭލުންތެރިކަން އިތުރުކޮށްދެއްވުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.
ކޮލެރާ އާއި ޝިގެއްލާ ވަބާގައި ކާމިޔާބު މަސައްކަތްތަކެއް!
ސިއްހީ ދާއިރާގައި ހޭދަކުރެއްވި ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ފުޅަށް ކުރިމަތިލައްވަން ޖެހިވަޑައިގެން އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮލެރާގެ ވަބާ އެވެ. އެއީ ރާއްޖޭގައި އޭރު ފެތުރުނު ސިއްހީ އެންމެ ބޮޑު ވަބާ ވެސް މެ އެވެ.
ރާއްޖޭން ފުރަތަަ ކޮލެރާ ފެނުނު، ލ، މާމެންދުއަށް ކަން ދިމާކުރި ގޮތުން ވަޑައިގަންނަވަން ޖެހުނީ ވެސް ފުޅަށެވެ. ޓީމް ލީޑަރެއްގެ ގޮތުގައި އެހެން ދެ ބޭފުޅުންނާއެކު އޭނާ ވަޑައިގެންނެވީ އެ ރަށުގައި ކޮލެރާގެ ހާލަތު ވަރަށް ގޯސްވެފައި އޮއްވަ އެވެ.
އެ ރަށަށް ގޮސް ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ފުޅު ވިދާޅުވި އެވެ. އޭނާ އެ ރަށަށް ވަޑައިގެންނެވުމުގެ ކުރިން އެތައް ބަޔަކު މަރުވި ނަމަވެސް ފަރުވާ ދެއްވަން ފެއްޓެވުމަށްފަހު މަރުވީ އެންމެ މީހެކެވެ.
ދެން ކުރިމަތިވީ ވެސް މުޅި ރާއްޖެ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ފަދަ ވަބާ އެކެވެ. ޝިގެއްލާ ބަަލީގެ ނުރައްކަލެވެ. އެ ދުވަސްވަރު ފުޅަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ މާލޭގައި މަރުކަޒުގަ އެވެ. އެ ތަނުގައި މަސައްކަތް ކުރައްވަން އުޅުއްވަނިކޮށް، ޝިގެއްލާ ކޮންޓްރޯލް ނުވެގެން އުޅޭ ދެ ރަށަކަަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.
މިސްކިތް އިމާރާތްކުރަން ގެންގޮސްފައި ހުރި ޓިނުތަކުން އިމާރާތެއް އަޅައިގެން. ފަސްދޮޅަަހަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރު ވެސް އެކަކު ވެސް މަރުނުވެ އެންމެން ސަލާމަތްވި. އެއީ ވެސް ވަރަށް ހެޔޮ ރަހުމަތެއް ކަމުގައި އަޅުގަނޑު ދެކެނީ.
ފުރަތަަމަ ރަށަކަށް ވަޑައިގަންނަވަން ޖެހުނީ ރ. ކަނދޮޅުދުއަށެވެ. އޭރު އެ ރަށުގައި ބަލި ޖެހިފައި 69 މީހުން ތިއްބެވެ. ކުރިން ވެސް ސަރުކާރުން ދެ ޓީމެއް އެ ރަށަށް ފޮނުވި ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.
ކަނދޮޅުދޫގައި ބަލި ކޮންޓްރޯލްކުރުން ވީ އުނދަގޫ ކަމަކަށެވެ. މީހުން އައިސޮލޭޓް ކުރާނޭ ތަނެއް އެ ރަަށަކު ނެތެވެ. އެންމެން ވެސް ތިބެނީ ގޭގޭގަ އެވެ. އެެހެންކަމުން ފުރަތަމަ ޖެހުނީ އައިސޮލޭޓް ކުރަން އިމާރާތެއް އަަޅާށެވެ.
"މިސްކިތް އިމާރާތްކުރަން ގެންގޮސްފައި ހުރި ޓިނުތަކުން އިމާރާތެއް އަޅައިގެން. ފަސްދޮޅަަހަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރުގައި ވެސް އެކަކު ވެސް މަރުނުވެ އެންމެން ސަލާމަތްވި. އެއީ ވެސް ވަރަށް ހެޔޮ ރަހުމަތެއް ކަމުގައި އަޅުގަނޑު ދެކެނީ،" ފުޅު ކިޔައިދެއްވި އެވެ.
އެކަމަކު، ޝިގެއްލާ ޖެހުނު މީހުންގެ ތެރެއިން އެ ރަށަށް ފަޅުރަށަކުން ގެނައި ވަަރަށް ހާލު ދެރަ ބަލި މީހަކު ނިޔާވި ކަމަށް އޭނާ ވިދާޅުވި އެވެ. ކަނދޮޅުދުއަށް ފަހު އެ ވަބާގައި ފުޅަށް ވަޑައިގަންނަވަން ޖެހުނީ ހއ. ކެލައަށެވެ.
ތުއްޕުޅުއިރުއްސުރެ ޝައުގުވެރިކަން ހުންނަ ކަމަކުން ސިއްހީ ދާއިރާއަށް ހިދުމަތެއް!
ފުޅު އެންމެ ތުއްޕުޅުއިރުން ފަށައިގެން ވެސް ތައުލީމު ހާސިލުކުރެއްވީ އޭނާގެ އުފަން ރަށް ޅ. ނައިފަރުގަ އެވެ. ނައިފަރު އިފްތިހާހު ސުކޫލުން ކިޔަވައި ނިންމަވާލެއްވި އިރު އޭނާއަށް ގުރޭޑް ނުވައެއްގެ ފެންވަރަށް ހުރީ ކިޔަވާވިދާޅުވެވިފަ އެވެ.
ސުކޫލުގައި އުޅުއްވި ދުވަސްވަރު ދަރިވަރުންގެ ޖަމިއްޔާގެ އެންމެ އިސް ދަރިވަރަކީ ފުޅެވެ. އިސް ނަންގަވައިގެން އަދަބީ ގިނަ ހަރަކާތްތައް އެ ދުވަސްވަރު ވެސް އޭނާ ހިންގަވައިފައި ވެ އެވެ. އަދި ލިޔުންތެރިކަމަށް އޭރުންސުރެ ވެސް ޝައުގުވެރިކަން ހުންނަ ކަމަށާއި މަޖައްލާފަދަ ތަކެތި ލިޔުއްވައިފައި ހުންނާނެ ކަމަށް އޭނާ ކިޔައިދެއްވި އެވެ.
"މަޖައްލާތައް ލިޔާއިރު އަޅުގަނޑަކީ މުހައްރިރު. އެހެންވީމަ އަޅުގަނޑުގެ މުހައްރިރުކަމުގެ ދަށުގައި ބައިވަރު މަޖައްލާ ހުންނާނެ ނެރެވިފައި. އެހެންވީމަ އޭރުން ސުރެ އަޅުގަނޑަށް ލިޔުންތެރިކަމަށް ވަރަށް ޝައުގުހުރޭ. އަދި އޭރު ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތާ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވެ އެއްވަނަ ދެވަނައިގައި އަބަދުވެސް އުޅެން،" ފުޅު ކިޔައިދެއްވި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވި ނަމަވެސް ލިޔުންތެރިކަމަށް ފުޅުގެ ހިތްޕުޅުގައި އޮތް ޝައުގުވެރިކަމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެ އެވެ. އަދި ލިޔުންތެރިކަން ދޫކޮށެއް ވެސް ނުލައްްވަ އެވެ.
އެހެންކަމުން ފުޅު ނިންމެވީ އޭނާއަށް ލިބިވަޑައިގެން ހުންނެވި ސިއްހީ ދާއިރާގެ މައުލޫމާތުތައް އޭނާގެ ލިޔުންތެރިކަމުގެ ހުނަރު ބޭނުންކުރައްވައިގެން އާންމުންނަށް ފޯރުކޮއްދެއްވާށެވެ. އެ ހިޔާލުފުޅާއެކު، އެކި މައުލޫތަކަށް ފޮތް ލިޔުއްވަން ފެއްޓެވި އެެވެ.
ބޭރަށް ހިންގުން، ކެންސަރު، ލޭ މައްޗަށް ދިއުން، ހަކުރު ބަލި އަދި އެ ނޫނަސް ވިހެއުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ވެސް ފޮތް ނެރުއްވި އެވެ.
"އަޅުގަނޑު އެންމެ ފަހުން މި ނެރުނީ އޮނަވިހި [19] ވަނަ ފޮތް އަޅުގަނޑުގެ. ނައިފަރުގެ ނަމުގައި މި ޝާއިއު ކުރީ،" ފުޅު ކިޔައިދެއްވި އެވެ.
ފުޅުގެ ފޮތްތަކަށް އާއްމުންގެ ބޮޑު މަގުބޫލުކަމެއް!
"ވަރަށް ރަނގަޅަށް ބަލައިގަތް. އަޅުގަނޑުގެ ހުރިހާ ފޮތްތަކެއް ވެސް މީހުން ވަރަށް ބަލައިގަތް. މިސާލަކަށް ހަކުރުބަލީގެ ފޮތް ތިން ވަނަ ޕްރިންޓުގައި މިހާރު އެ އުޅެނީ،" އޭނާގެ ފޮތްތައް އާއްމުން ބަލައިގަނޭތޯ ސުވާލުކުރުމުން ފުޅު ވިދާޅުވި އެވެ.
އިންޓަނެޓާއި ޒަމާނީ ވަސީލަތްތައް ނެތް އެ ޒަމާނުގައި އާއްމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަން ވަރަށް ދަށެވެ. އެހެންކަމުން، ފުޅުގެ މައުލޫމާތުގެ ހަޒާނާއިން ލިޔުއްވަމުންގެންދެވި ފޮތްތައް ވީ އާންމުންނަށް ވަރަށް ބޮޑު އެހީއަކަށެވެ.
ފޮތް ވިއްކުމަށްވުރެ ބޮޑަށް ފުޅު ކުރައްވާ ހިތްވާ ކަމަކީ މީހުންނަށް ފޮތް ދެއްވުމެވެ. ސަބަބަކީ އޭނާގެ މަގުސަދަކީ މީހުންގެ މައުލޫމާތު އިތުރުކޮށްދިނުން ކަމަށް ވާތީ އެވެ. ކޮންމެ މީހަކު އެދުނު ނަމަވެސް ފުޅު އޭނާގެ ފޮތްތައް ވަނީ ދީފަ އެވެ.
"އެންމެ ފަހުން ނެރުނު ނައިފަރު ފޮތް ވެސް އަޅުގަނޑު ބެލީ ވިއްކޭތޯ އެއް ނޫން. އެކަމަކު ހިލޭ ބަހަންވީމަ ކޮންމެ މީހަކު ވެސް ދަނީ ފޮތެއް ހިފައިގެން. އެ ބޭނުންވާ މީހާއެއް ނޫން އެ ގެންދާނީ. އެ ދާ މީހާ ދާނީ ފޮތެއް ހިފައިގެން. އެކަމަކު ކުޑަކުޑަ އަގަކަށް ވެސް ވިއްކީމާ އެ ގެންދާނީ ބޭނުންވާ މީހާ،" ފުޅު ވިދާޅުވި އެވެ.
ނައިފަރު ފޮތް އޭނާ ވިއްކެވީ ފޮތެއް 100 ރުފިޔާގެ މަގުންނެވެ. އަދި އެ ފޮތުގެ ޗާޕުގެ 50 އިންސައްތަ އޭނާ ވަނީ ނައިފަރު ސުކޫލަށް ހަދިޔާ ކުރައްވައިފަ އެވެ.
ހެލްތު ސެންޓަރުތަކުގެ އަހަރީ ދުވަސްތަކުގެ ފޮތްތައް ވެސް ފުޅު ވަނީ ލިޔުއްވައިފަ އެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ 25 ވަނަ އަހަރީދުވަހުގެ ފޮތް ވެސް ލިޔުއްވީ އޭނާ އެވެ. އެދިލައްވައިފިނަމަ ކޮންމެ ތަނަކަށް ވެސް ފޮތް ލިޔުއްވޭތޯ ފުޅު މަސައްކަތް ކުރެއްވެވި އެވެ.
ފޮތް ލިޔަން ވަގުތު ލިބޭ!
އެންމެ ގިނަ މީހުން ފުޅާ ކުރިމަތިކުރުވާ ސުވާލަކީ ފޮތް ލިޔުއްވަން ވަގުތު ހޯއްދަވަނީ ކިހިނެއްތޯ އެވެ. އެ ސުވާލަށް އޭނާގެ ޖަވާބު ވަރަށް ސާފެވެ. އަދި އެހާމެ ފަސޭހަ އެވެ.
"އަޅުގަނޑަށް ވަގުތު ލިބޭ. އެ މީހަކު ހޮބީއަކަށް ހަދައިފިއްޔާ ވަގުތު ވާނެ، ވަގުތު ލިބޭނެ އެ މީހަކު ހޯދީމަ،" ފުޅު ވިދާޅުވި އެވެ.
އޭޏާ ވިދާޅުވީ ފޮތް ލިޔުއްވުމުގައި އެހާ ފަސޭހަވަނީ ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދެއްވާތީ ކަމަށެވެ. އެހީތެރިވާ ބޭފުޅުންގެ ތެރޭގައި ނަސީމާ މުހައްމަދު ކަލޭފާނު، ފުޅު ފާހަގަ ކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާ ކުރައްވައިގެން ފޮތް ލިޔުއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ފުޅު ކިޔައިދެއްވި އެވެ.
އެންމެ ފަހުން އޭނާ ލިޔުއްވި ނައިފަރު ފޮތް ލިޔުއްވަން ހަތަރު އަހަރު ހޭދަކުރެއްވި އެވެ. އެއީ ކޮވިޑްގެ ދުވަސްވަރާ ދިމާވުމުން މައުލޫމާތު ހޯއްދަވަން ޖެހޭ ބައެއް ބޭފުޅުންގެ ގާތުން މައުލޫމާތު ހޯދުމުގައި ދަތިތަކާ ކުރިމަތިވުމުންނެވެ.
ސިއްހީ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވި!
ހދ. އަތޮޅު ހެލްތު ސެންޓަރާ ހަވާލުވެ ހުންނެވުމަށްފަހު ދެން ފުޅު މަސައްކަތްކުރެއްވީ ޅ. އަތޮޅު ހެލްތު ސެންޓަރު ގަ އެވެ. އެ ސެންޓަރުގައި ހުންނަވަނިކޮށް މާލެއަށް ބަދަލުވެވަަޑައިގަތުމަށް އެންގެވި އެވެ. ނަމަވެސް، އޭނާއަކީ ގިނިކަންޏާ މަންމައަކު ބަލަހައްޓަވަން ޖެހިފައިވާ މީހަކަށް ވާތީ އެ ކަން ނުވާނޭކަމަށް ދެންނެވި އެވެ.
"އެކަމާ ހެދި ހިސާބަކަށް އަޅުގަނޑު ކުށްވެރި ވެސް ވި. އަލިފު އަތޮޅު ހެލްތު ސެންޓަރުގައި ދިހަވަރަކަށް މަސް ދުވަހު މަޑުކުރަން ވެސް ޖެހުނު. ފޮނުވީ ހަފުތާއަކަށް. ދިހަ މަސްވީއިރު ވެސް ބަހައްޓާފައި ހުރީ،" ފުޅު ވިދާޅުވި އެވެ.
އެ ހެލްތު ސެންޓަރުގައި ހުންނެވުމަށްފަހު ދެން އޭނާއަށް އަތޮޅުތެރޭގެ ހުރިހާ ހެލްތު ސެންޓަރުތަކެއް ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެއްވި އެވެ. އޭގެ ފަހުން ފުޅު މަސައްކަތް ކުރެއްވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށެވެ.
"އޭގެ ފަހުން ދެން އަޅުގަނޑު ބަދަލުވީ މަޑުމަޑުންމަޑުމަޑުން ޕޯސްޓަކަށް ފަހު ޕޯސްޓެއް ބަދަލުވަމުން ޑިރެކްޓާ ޖެނެރަލެއްގެ މަގާމާ ހަމައަށް. ބަދަލުވި ގޮތަށް ބަލާއިރު ހެލްތު ސެންޓަރުތަކާ ހަވާލުވެ ހުއްޓާ ދެން އަޅުގަނޑު ބަދަލުކުރެއްވީ އެލައިޓް ހެލްތު ސާވިސެސް ޓްރެއިނިން ސެންޓަރަށް. އެތަަނަށް ފަންސަވީސް އަހަރު ފުރުމާ ގުޅިގެން،" ފުޅު ކިޔައިދެއްވި އެވެ.
"ދެން އަޅުގަނޑު ބަދަލުކުރެއްވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް. އެ ތަނުގައި ހުރީ އިންޗާޖެއްގެ ގޮތުން އެތަން ބަލަހައްޓަން. ހުއްޓާ އަނެއްކާ ބަދަލުކުރެއްވީ ހުޅުމާލޭ ހޮސްޕިޓަލުގެ އިންޗާޖަކަށް. އެ ތަނުގައި ހުއްޓާ އެންސްޕާ ހުޅުވަން ބޭނުންވީ. ބޭނުންވެގެން ދެން އަޅުގަނޑު ބަދަލުކުރެއްވީ އެންސްޕާ އަށް. އެންސްޕާގައި ހުރެގެން އަޅުގަނޑު ރިޓަޔާ ވީ ވެސް."
އަށް މަސް ދުވަސް ވަންދެން އައިޖީއެމްއެޗްގެ އެކްޓިން ސީއީއޯއެއްގެ ގޮތުގައި ވެސް ފުޅު މަސައްކަތް ކުރެއްވި އެވެ.
މިހާތަނަށް 19 ފޮތް ފުޅު ލިޔުއްވައިފައިވާއިރު، އަދިވެސް އޭނާ ބޭނުންވަނީ ލިޔުއްވުމުގައި ދެމި ހުންނަވާށެވެ. އެ ގޮތުން، އޭނާ ކިޔަވާވިދާޅުވި އިފްތިތާހު ސުކޫލަށް 100 އަހަރުވާން ގާތްވެފައިވާއިރު، އެ ސްކޫލަށް 100 އަަހަރުވާ ދުވަހަށް ފޮތެއް ލިޔުމަކީ އޭނާގެ އުންމީދެކެވެ.
"ލިޔަން ގަސްތުކުރަނީ ފުރަތަމަ ފަންސަވީސް، ދެން ދެވަނަ ފަންސަވީސް، ދެން ތިންވަނަ ފަންސަވީސް، އެއަށްފަހު ހަތަރުވަނަ ފަންސަވީސް، އެއީ އޭރަށް އަޅުގަނޑު ނެތް ދުނިޔެއެއްގައި ވެސް އަޅުގަނޑު ނިންމި ހިސާބުން އެހެން ބޭފުޅަކަށް ކުރިއަށް ގެންދެވޭނެ ކަމަށް ބަލާފަ،" ފުޅު ވިދާޅުވި އެވެ.
މަދަރުސާގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރު އަމިއްލައަށް މަޖައްލާ ނެރުއްވުމުން، ކުށްވެރިވެ ސްކޫލުން 50 މާކްސް ފުޅަށް ކެނޑުނެވެ. "އަދަބީ އައްސޭރި" ގެ ނަމުގައި ނެރުއްވި އެ މަޖައްލާއަކީ އޭނާގެ ލިޔުންތެރިކަމުގެ ފެށުމެވެ. ނަމަވެސް، 1963 ވަނަ އަހަރު "މަންމަ އާއި ކުޑަދަރިފުޅު"ގެ ނަމުގައި ފޮތް ލިޔުއްވައްވަން ފެއްޓެވި އެވެ. އޭގެ ފަހުން މިއަދާ ޖެހެންދެން ވެސް އެ ދެމިހުންނެވީ އެ މަސައްކަތުގަ އެވެ.
ފުޅުގެ އެންމެ ބުރަ އެއް މަސައްކަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުޅި ތާރީހު ހިމެނޭ "ސިއްހީ ހިދުމަތުގައި ދިވެހިރާއްޖޭގެ އިއްޔެ އާއި އިހަށް ދުވަސް" މި ނަމުގައި ނެރުއްވި ފޮތެކެވެ. އެ ފޮތް ޑަބްލިޔުއެޗްއޯއިން އިނގިރޭސި ބަހަށް ވެސް މިހާރު ވަނީ ތަރުޖަމާ ކޮށްފަ އެވެ.
ސިއްހީ ދާއިރާގައި ވެސް ލިޔުންތެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވަވާފައިވާ ފުޅު، މިހާރު މަސައްކަތް ކުރައްވަނީ ގައުމީ އިނާމާ ބެހޭ ކޮމިޓީގަ އެވެ. އޭނާގެ ހިދުމަތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ.