ދަރިފުޅު، އަޒާން މުހައްމަދު ވަހީދަކީ މަރިޔަމް ފަރުޒާންގެ "މުޅި ދުނިޔެ" އެވެ. އެ ދަރިފުޅަށް ޓަކައި ދިރިއުޅުމުގައި މަޔަކު ތަހައްމަލުކުރާނެ ހުރިހާ ވޭނަކާއި ހިތާމައެއް ފަރުޒާން ތަހައްމަލުކުރި އެވެ. އެކަމަކު ވެސް، އޭނާގެ އެއްވެސް ޝަކުވާއެއް، މައްސަލައެއް ނެތެވެ.
ތާޖުއްދީން ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ އަޒާން، 11، އަށް ކުރިމަތިލާން ޖެހިފައިވަނީ އެ އުމުރުގެ ކުއްޖަކަށް ވަރަށް މަދުން ނޫނީ ކުރިމަތިލާން ޖެހިފައިވާ ކަމެއް ނޫނެވެ. އޭނާގެ އުމުރުން އެންމެ އަށް އަހަރުގައި ޑަޔަލިސިސް ހަދަން ފަށައިފި އެވެ.
އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ސްކޫލަށް ދަނީ ގަވައިދުންް ޑަޔަލިސިސް ހަދަމުންނެވެ. މިއީ އަޒާން އަށް ވެސް، އަދި އޭނާގެ މަންމަ އަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.
ދެ އަހަރާ ބައި، އަޒާންގެ ލޯ މަތިން ދުޅަ ވާން ފެށި
އުފަންވީ އިރު އަޒާންގެ ސިއްހީ މާ ބޮޑު މައްސަލައެއް ނެތަސް، ނޭވާ ހިއްލާތީ ޖެހުނީ ނާސަރީ އަށް ލާށެވެ. އެ ތަނުގައި ހަފްތާއެއްހާ ދުވަހު ބާއްވައިފައި ނެރުނު ފަހުން އިތުރު މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ.
އަޒާންގެ ލޯ މަތި ދުޅަވާން ފެށީ އުމުރުން ދެ އަހަރާ ބައިގަ އެވެ. އެ ހިސާބުން އަޒާން ގޮވައިގެން ޑޮކްޓަރަށް ދައްކަން، އުފަން ރަށް ހދ. ކުރިނބީގައި ތިބެފައި ފަރުޒާން ދިޔައީ އެ އަތޮޅު ކުޅުދުއްފުއްޓަށެވެ. ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރު ބުނީ ނެފްރޯޓިކް ސިންޑްރޯމް ކަމަށެވެ. އެއީ ކިޑްނީއަށް ޖެހޭ ބައްޔެެކެވެ.
"ބަލި އެނގުނު ހިސާބުން ދިޔައީ އޭޑީކޭއަށް. އެ ތަނުން ދިން ބޭސްތަކަކުން ކުއްޖާ ބޮޑަށް ސަކަރާތްވީ. މާ ބޮޑަށް ދުޅަވެ ކުއްޖާގެ ސިފަ ވެސް ނޭނގޭ ވަރަށް ގޯސްވި،" ފަރުޒީން ކިޔައިދިނެވެ.
ބޭސް ބޭނުންކުރަމުން، ގަވާއިދުން އަޒާން ގޮވައިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދެއެވެ. އެ ގޮތަށް ދައްކަން ދިޔަ ފަހަރެއްގައި، ކަނޑުގަދަވެ އެ ރަށުގައި ކުއްޔަށް ކޮޓަރިއެއް ހިފައިގެން އެ މީހުން މަޑުކުރި އެވެ. އެ ރޭ ދަންވަރު ހޭލެވިގެން ފަރުޒީން، އަޒާންގެ ގައިގައި ކޮއްޓާލުމުން ވެސް ހިލަމެއް ނުވި އެވެ.
"އެހެންޏާ ކޮއްޓާލައިފިއްޔާ ނުއެއް އޮންނާނެ. އެކަމަކު އެ ރޭ ނެތް ޚަބަރެއް. ދެން ނެގީ. ނެގިއިރު ނެތް ގައިގައި އެއްވެސް ކަމެއް. ގޮވައިގޮވާ ވެސް ހެޔެއް ނޭރި. ވަގުތުން އުރާލައިގެން ގެންދިޔައީ ހޮސްޕިޓަލަށް. ހޮސްޕިޓަލަށް ގޮސް ބޭއްވި ތަނާ ފުރަތަމަ ފިޓު ޖެހުނީ،" ފަރުޒީން ކިޔައިދިނެވެ.
ހާލު ރަނގަޅުވަމުން ދަނިކޮށް، އަނެއްކާ ވެސް މަތިމަތިން ފަސް ފަހަރަށް ފިޓު ޖެހުނީ އެވެ. ހާލުދެރަވެ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫ އަށް އޭނާ ބަދަލުކުރި އެވެ. އައިސީޔޫގައި ތިން ދުވަހު، ހޭ ނާރާ އަޒާން އޮތެވެ. ތިން ދުވަސް ފަހުން، ހޭ އެރި އިރު އަޒާންގެ ހަނދާނަށް ހުރީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ. މަންމަ އާއި ބައްޕަ ވަކިކުރަން ވެސް އޭނާ އަކަށް ނޭނގުނެވެ.
އޭރު ވެސް އަޒާން އަށް އާސަންދަ ހޯދަން އާއިލާއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، ރާއްޖޭން ރަނގަޅު ކުރެވޭނެ ކަމެއް ކަމަށް ބުނެ ރާއްޖޭން ބޭރަށް ދާކަށް އާސަންދައެއް ނުދިނެވެ.
ކިޑްނީ ފެއިލްކަން އެނގުން
ޑޮކްޓަރުން ދިން ބޭސް ކެެއުމުން އަޒާންގެ ދުޅަ ތިރިވި ނަމަވެސް، ކިޑްނީ އަށް ލިބެމުންދިޔަ ގެއްލުމަށް ފަރުވާއެއް ނުލިބެ އެވެ. އެކަަމަކު، ކިޑްނީގައި މައްސަލަތަކެއް ހުރިކަމެއް ޑޮކްޓަރުންނަށް ވެސް ނޭނގޭ ކަމަށް ފަރުޒާން ކިޔައިދިނެވެ.
އަނެއްކާ ވެސް އަޒާންގެ ހާލު ދެރަވެ 2019 ވަނަ އަހަރު އިމަޖެންސީގައި މާލެ ގެނައެވެ. އެހެން ފަހަރުތަކެކޭ ހިލާފަށް، ޑޮކްޓަރުންގެ މޫނުން އެފަހަރު ހާސްކަން ފެނުނެވެ. އެކަމަކު ވެގެން އުޅޭ ގޮތެއް ކިޔައެއް ނުދެ އެވެ.
"އެ މީހުން އެކަމަކު އަނގައިންނެއް ނުބުނޭ. ދެން އަޅުގަނޑު އެ ގަނޑު އަތުލައިފަ އޭތި ބެލީ. ބެލިއިރު ހުރީ ކިޑްނީ ފެއިލް ޖަހައިފަ. އެ ވަގުތު ނޭނގުނު ވީ ގޮތެއް ވެސް،" ފަރުޒާން ކިޔައިިދިނެވެ.
އޭގެ އަނެއް ދުވަހު އަމިއްލަ އަށް ލޯނެއް ނަގައި، ފައިސާ ހަމަޖައްސައިގެން އިންޑިއާ އަށް ފުރުމުގެ ކަންކަން ހަމަޖެއްސި އެވެ.
އިންޑިއާއިން ބުނީ ކިޑްނީ ހުއްޓުނީ ކަމަށް
އަޒާން ގޮވައިގެން އެ މީހުން ދިޔައީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެމްޔޫ ހޮސްޕިޓަލަށެވެ. އެތަނަށް ދިއުމާ އެކު ވަގުތުން އެޑްމިޓް ކުރި އެވެ. އެ ހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށް ފަހު ބުނީ ކިޑްނީ ފެއިލް ނުވާ ކަމަށާއި ހުރީ ހުއްޓިފައި ކަމަށެވެ.
"އެއް ކިޑްނީ މައްސަލަ ޖެހިގެންނޭ ބުނީ އަނެއް ކިޑްނީ ހަލާކުވެފައި ހުރީ. އެ ހިސާބުން އެނގުނީ އަސްލު ނުގުޅޭ ބޭސްތަކެއް ދީގެންކަން ކުއްޖާ ބޮޑަށް ހަލާކުވެފައި ހުރީ،" ފަރުޒާން ކިޔައިދިނެވެ.
ހޮސްޕިޓަލުގައި ބާއްވައިގެން އެއް މަސް ދުވަސް ވަންދެން، އަޒާން އަށް އިންޑިއާގައި ފަރުވާ ދިނެވެ. ތިން ދުވަސް ވަންދެން ޑަޔަލިސިސް ވެސް ހެދުމަށް ފަހު، ދެ ކިޑްނީ ވެސް އެއް ލެވެލެއްގައި މަސައްކަތް ކުރަން ފަށައިފި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ކިޑްނީ ޓްރާންސްޕްލާންޓް ކުރަން އެ ފަހަރު އެދުމުން، ޑޮކްޓަރުން ބުނީ ކިޑްނީ ބަދަލުކުރަން ނުޖެހޭ ކަމަށެެވެ. އަދި ފަރުވާދީގެން ރަނގަޅު ކުރެވޭނެ ކަމަށާއި ދެ ކިޑްނީ ވެސް އިމްޕްރޫވް ވަމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ކިޑްނީ 10 ޕަސެންޓަށް އެރުމުން ގެއަށް ބަދަލުކުރި އެވެ. އަދި ހަފްތާއަކު އެއްފަހަރު ޑޮކްޓަރަށް ދައްކާ އިންޖެކްޝަން ޖެހުމަށް ލަފާ ދިނެވެ. ދެ މަސް ދުވަހު އިންޑިއާގައި ހޭދަކުރުމަށް ފަހު ކިޑްނީ 30 ޕަސެންޓަށް އެރުމުން ހަ މަސް ދުވަހުގެ ބޭސް ދީފައި ރާއްޖެ އައުމުގެ ހުއްދަ ދިނެވެ.
ރާއްޖެ އައިސް، ކޮންމެ މަހަކު ވެސް މާލެއިން ޓެސްޓުތައް ހަދަ އެވެ. ގަވާއިދުން ހަ މަހު ބޭސް ބޭނުން ކުރުުމަށްފަހު، އަޒާން ގޮވައިގެން އަނެއްކާ ވެސް އިންޑިއާ އަށް ދިޔަ އެވެ. އެ ފަހަރު ޑޮކްޓަރުން ބުނީ ކިޑްނީ 50 ޕަސެންޓަށް އަރާފައިވާ ކަމަށެވެ.
"އެ ފަހަރު ވެސް ޑޮކްޓަރު ބުނި ދުވަސް ނަގާނެއޭ މިކަމުގައި. ދެން ކެއުން މަނާ ކުރި ވަރަށް ގިނަ އެއްޗެހި. ބަލަައިގެން ގެންގުޅޭށޭ ބުނެފައި ހަ މަސް ދުވަހުގެ ބޭސް ދީފައި ރާއްޖެ ފޮނުވީ،" ފަރުޒާން ކިޔައިދިނެވެ.
ކޮވިޑާ އެކު އަޒާންގެ ފަރުވާ އަށް ހުރަސް
ހަ މަސް ދުވަހުގެ ބޭސް ދިނުމަށްފަހު އަޒާން ރާއްޖެ އަށް ދާން އިންޑިއާއިން ހުއްދަ ދިނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއަށްފަހު، ހަ މަސް ކޮށްފައި އަނެއްކާ ވެސް އިންޑިއާ އަށް ދާން އޮތީ ބުނެފަ އެވެ. އެކަމަކު، އެކަމަށް އެޅުނު ހުރަހަކީ ކޮވިޑްގެ ލޮކްޑައުންއެވެ.
އަޒާންގެ ބޭސް ހުސްވި ދުވަސްވަރު ދިމާވީ، ރާއްޖެ އެންމެ ނުރައްކަލުގައި އޮތް ހާލަތާ އެވެ. އޭރު ރަށުގައި ތިބެފައި، މާލެއަށް އާދެވޭނެ ގޮތެއް ވެސް ނެތެވެ. މުޅި ގައުމު އޮތީ ބަންދުވެފަ އެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނައެވެ.
"ބޭސް ވެސް ނުލިބޭ. އަޒާންގެ ހާލަތު މާ ބޮޑަށް ދަށަށް ދިޔައީ،" ފަރުޒާން ކިޔައިދިނެވެ.
މާލެއަށް އާދެވޭ ގޮތް ވީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މާލެ އައިސް ޑޮކްޓަރަށް ދެއްކުމާއެކު، އަވަހަށް ރާއްޖޭން ބޭރަށް ދާން ލަފާ ދިނެވެ. އަދި ޑޯނަރެއް ހޯދަން ވެސް އޮތީ ބުނެފަ އެވެ.
"އެ ހިސާބުން ވެސް އަޅުގަނޑު ބުނިން ކިޑްނީ ދޭނަމޭ. މަންމަ އާއި ބައްޕަގެ ޓެސްޓުތައް ހެދީ. ބުނިން އަޅުގަނޑު ވެސް ކުޑައިރު ކިޑްނީ މައްސަލަ ޖެހުނޭ. ބުނީމަ އެ މީހުން ބުނީ މިހާރު އޯކޭއޭ މައްސަލައެއް ނެތޭ،" ފަރުޒާން ކިޔައިދިނެވެ.
ހާލު ދެރަވެ ވެންޓިލޭޓަރަށް، ހީވީ މަރުވަނީއޭ
ރާއްޖޭން ބޭރަށް ގޮސް ޓްރާންސްޕްލާންޓް ހަދަން، ލިޔެކިޔުން ހަމަކުރަން މަހެއްހާ ދުވަސް ހޭދަވި އެވެ. ނަމަވެސް، ފުރަން އެެއް ދުވަހަށް ވެފައި އޮއްވާ އަޒާންގެ ބަނޑުގައި މާ ބޮޑަށް ރިއްސަން ފެށި އެވެ. ވަގުތުން، ޑޮކްޓަރަށް ދައްކަން ދިއުމުން، ޓެސްޓުތަކެއް ހަދާފައި ފޮނުވާލި އެވެ. އެކަމަކު އަނެއްކާ ވެސް، އަޒާންއަށް ކެތްވާ ވަރު ނުވާތީ ދެވަނަ ފަހަރަށް ވެސް ހޮސްޕިޓަލަށް ދިޔައެވެ.
"އެ ފަހަރު އެޑްމިޓް ކުރީ ވޯޑުގައި. އެތާ ވޯޑުގައި އޮއްވާ އަޒާންގެ ނޭވާ ހާސްވާން ފެށީ. ހާސްވާން ފެށީމަ ވަގުތުން ގެންގޮސް ވެންޓިލޭޓަރަށް ލީ،" ފަރުޒާން ކިޔައިދިނެވެ.
އައިސީޔޫގައި އަޒާން ބޭއްވުމަށްފަހު، ޑަޔަލިސިސްއެއް ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. ވަގުތުން ކަރަށް ހޮޅި ގުޅާ، ކެޕީޓާއެއް ލެއްވި އެވެ. އެކަމަކު، ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ކުޑަކުދިންގެ ޑަޔަލިސިސް ހެދެން ނެތް ކަަމަށެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކަށް ސިޓީ ފޮނުވައިގެން ވެސް އެ ސައިޒުގެ ކެޕީޓާއެއް ނުލިބުނެވެ.
"ކުޑަކުދިން ރާއްޖޭގައި ނުހަދައޭ ބުނީ ޑަޔަލިިސިސްއެއް. ބުނީ ރާއްޖޭގައި ޑަޔަލިސިސް ހަދާ އުމުރުން އެންމެ ހަގު ކުއްޖާއޭ އަޒާން އަކީ. މިހާރު ވެސް. އުމުރުން އަށް އަހަރުގައި އޭނާ ޑަޔަލިސިސް ހަދައިފި،" ފަރުޒާން ކިޔައިދިނެވެ.
އެއް މަސް ދުވަސް ވަންދެން އަޒާން އައިސީޔޫގައި ބޭއްވި އެވެ. އަޒާން ކައިރިއަށް ފަރުޒާންއަކަށް ވެސް ނުވަދެވެ އެވެ. މަންމަ ގާތުގައި ނެތުމުން، އަޒާން ވެސް ވަރަށް ރޮއެވެ. އޭނާ ޝަކުވާ ކުރަން ފެށުމުން ގިނަ ފަހަރަށް މަންމަ ވައްދަ އެވެ.
މަސް ދުވަސް ވަންދެން އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ހާލު ރަނގަޅުވާން ފެށުމުން ވޯޑަށް ބަދަލު ކުރިއެވެ. ނަމަވެސް، ވޯޑަށް ބަދަލުކުރި ދުވަހުގެ ޖެހިގެން އައި ދުވަހު އަނެއްކާ ވެސް އަޒާންގެ ނޭވާ ހުސްވާ ހިސާބަށް ގޮސް ވެންޓިލޭޓަރަށް ލިއެވެ. ނަމަވެސް، ހާލު ރަނގަޅުވެލާ އިރަށް އަނެއްކާ ވެސް ވޯޑަށް ބަދަލުކުރީ އެވެ.
"ވޯޑަށް ބަދަލުކޮށްފައި އޭގެ ޖެހިގެން އައި ދުވަހު ހަވީރު ހާލު ދެރަވީ. އެ ވަގުތު ނުލިބުނު އައިސީޔޫއިން ވެސް ތަންކޮޅެއް. ހުރިހާ މަންޒަރެއް ލޮލަށް ފެންނާނެތާ އެ ދުވަހު،" ފަރުޒާން ކިޔައިދިނެވެ.
އެ ވަގުތު އަޒާންއަށް ވަމުންދިޔަ ހުރިހާ ގޮތެއް އޭނާއަށް ފެނުނެވެ. އަޒާންގެ ނޭވާ ހުސްވަމުންދިޔައިރު ބުނި ޖުމުލަ އަދިވެސް އޭނާގެ ހިނދުރީގައި ވަނީ ހަރުލައިފަ އެވެ. އެ މަންޒަރުތައް އަދިވެސް ސިފަވެ އެވެ.
"އޭނަ ބުނީ އެންމެ ފަހު ނޭވާއޭ. އެކަހަލަ އެއްޗެކޭ ބުނީ. ދެން އަނެއްކާ ވެސް ކަންފަތް ކައިރިކޮށްލައިފިން. އެކަމަކު ވާހަކައެއް ނުދެއްކޭ. ލޯ ވެސް މެރެނީ. އޮކްސިޖަން ވެސް ދަށްވަމުން ދަށްވަމުން ދަނީ. އެހެން ދަމުން ދަމުން ގޮސް އެއްކޮށް ހުއްޓުނީ،" ފަރުޒާން ކިޔައިދިނެވެ.
އެ ފަހަރު އަޒާންގެ ހިތް ވެސް ފަސް މިނެޓަށް ހުއްޓުނު ކަމަށް ޑޮކްޓަރު ބުންޏެވެ.
"ހިތަށް އެރީ ހަމަ ދަނީއޭ. މަރުވަނީ އޭ. އޭނަ ބުނި އެއްޗެއް ހަނދާންވަނީ. ކަންފަތުގައި ހަރުލައިފަ ހުންނަނީ. އެ ވަގުތު އަޅުގަނޑާ އޭނަ ބައްޕަ އާ ތިބީ. އޭނަ ވެސް ރޮނީ އަޅުގަނޑު ވެސް ރޮނީ. އެއްވެސް ހޭވެރިކަމެއް ނެތް،" ފަރުޒާން ކިޔައިދިނެވެ.
އައިސީޔޫއިން ޖާގައެއް ލިބުމާއެކު އަޒާން އައިސީޔޫއަށް ބަދަލު ކުރެވުނެވެ. އެ ފަހަރު ޑޮކްޓަރުން ބުނީ، އިންޑިއާއަށް ފޮނުވެންދެން އަޒާން ބާއްވާނީ އެ ތަނުގައި ކަމަށެވެ.
ޓްރާންސްޕްލާންޓަށް އިންޑިއާއަށް، އެކަމަކު ކޮވިޑް ޖެހި އެކަމަށް ހުރަސް
އައިސީޔޫގައި ބޭއްވުމަށްފަހު، އަޒާން ސްޓޭބަލް ވުމުން އިންޑިއާއަށް ޓްރާންސްޕްލާންޓު ހަދަން ދިޔަ އެވެ. ދިޔަ ގޮތަށް ފެށީ ޓެސްޓުތައް ހަދާށެވެ. އެ ކޮޅުގައި ތިބެގެން ވެސް ބަރާބަރަށް ދިޔައީ ޑަޔަލިސިސް ހަދަމުންނެވެ.
ހުރިހާ ޓެސްޓުތަކެއް ހެދުމަށްފަހު، އެންމެ ފަހުގެ މަރުހަލާއަށް ދުވަސްކޮޅަކަށް ވެފައިވަނިކޮށް ދެ މައިންނަށް ކޮވިޑް ޖެހުނެވެ. އެއީ އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެކެވެ. އެކަމަކު ކޮވިޑްގައި ދެ މީހުންނަށް ވެސް މާ ބޮޑު ވަރެއް ނުވެ އެވެ.
"ކަރަންޓީން ނިންމައިފަ އެ މީހުން ބުނީ ހަ މަސް ފަހުންނޭ ޓެސްޓެއް ވެސް ހެދޭނީ ދެން. އެއީ ކޮވިޑް ވީމަ މައްސަލަތައް ދިމާވެޔޭ ބައެއް މީހުންނަށް،" ފަރުޒާން ކިޔައިދިނެވެ.
އޭރު ފަރުޒާންއަށް އޮތީ ބަރުދަން ލުއި ކުރަން އަންގައިފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އޭނާ އެ ކަން ކުރި އެވެ. އެ ހަ މަހު ވެސް އެ މީހުން މަޑުކުރީ އިންޑިއާގަ އެވެ.
ޑޮކްޓަރު ބުނި ގޮތަށް، ހަ މަސް ދުވަސް ފަހުން ޓްރާންސްޕްލާންޓް ހެދުމަށް ޓަކައި ޓެސްޓުތައް ހެދި އެވެ. އެކަމަކު، ނަސީބު ކަންދިމާކުރި ގޮތުން ފަރުޒާންގެ ކިޑްނީއިން ޕްރޮޓީން ލީކުވާކަން އެނގުނެވެ. އެންމެ ފަހު ބަޔޮކްސީ ޓެސްޓު ހެދުމަށްފަހު ޑޮކްޓަރު ބުނީ ނޯމަލް މީހެއްގެ ކިޑްނީއާ އޭނާގެ ކިޑްނީއާ ތަފާތު ކަމަށެވެ. ކޮވިޑްގެ ފަހުން ކިޑްނީ ހަލާކުވެފައިވާ ކަމަށެވެ.
"ދެން ބުނީ ފިފްޓީ ފިފްޓީ އެއްޗެކޭ ދެވޭނީ. ކުޑަމީހާއަށް ކިޑްނީ ދީފިއްޔާ މާ ގިނަ ދުވަހު ނުހިފަހައްޓަފާނޭ. މާ ގިނަ ދުވަސް ނުވެ ޑަޔަލިސިސް ހަދަން ޖެހިދާނޭ. އޭރުން ދެ މީހުން ޖެހޭނީ ޑަޔަލިސިސް ހަދަން. އާއިލާ މީހުން ބޭނުމެއް ނުވި އެގޮތެއް،" ފަރުޒާން ކިޔައިދިނެވެ.
"އަޅުގަނޑު ބުނިން އަޅުގަނޑަށް އޯކޭއޭ. އެކަމަކު އާއިލާ މީޙުން ބޭނުން ނުވީމަ."
އިންޑިއާ ހޮސްޕިޓަލުން ބުނެފައިވަނީ އަޒާންއަށް ކިޑްނީ ޑޮނޭޓް ކުރެވޭނީ މަންމަ، ބައްޕަ އަދި ދެ ފަރާތު މާމައަށް ކަމަށެވެ. އެހެންކަމުން، ދެން ކިޑްނީ ދެވޭނެ މީހަކު ނެތެވެ.
އިތުރު ގޮތެއް ނެތުމުން، ދަރިފުޅު ގޮވައިގެން މަޖުބޫރުވީ އެނބުރި މާލެ އަންނާށެވެ. އިތުރު ޑޯނަރެއް ނެތުމުން ޑަޔަލިސިސް ހަދާނެ އިތުރު ގޮތެއް ނެތުމުންނެވެ. އެހެންކަމުން، ރަށުގައި ކިތަންމެ އުޅޭހިތްވި ނަމަވެސް މާލެއަށް ދިރިއުޅުން ވެސް ބަދަލު ކުރީ އެވެ.
ކިޔެވުމަށް ބޮޑު އަސަރެއް
ކުޑައިރުއްސުރެ ވެސް އަޒާންއަށް ކިޔެވުމަށް މާ ބޮޑު އަހައްމިއްޔަތެއް ދޭކަށް ފުރުސަތެއް ނުލިބުނެވެ. ދުވަސްތައް ހޭދަކުރަން މަޖުބޫރުވީ ހޮސްޕިޓަލުގަ އެވެ. އެހެންކަމުން، އޭނާގެ ކިޔެވުމަށް ބޮޑު އަސަރެއް ވަނީ ކޮށްފަ އެވެ.
"އަދިވެސް ހަމަ އެކައްޗެއް ކިޔައިދޭން ޖެހެނީ. ހަނދާން ވަރަށް ބަލި. އަދިވެސް ނޭނގޭނެ ލިޔަން ކިޔަން،" ފަރުޒާން ކިޔައިދިނެވެ.
ތާޖުއްދީން ސުކޫލުގައި މިހާރު ކިޔަވަމުންދާ އަޒާންގެ ޝެޑިއުލް އެހެން ކިޔަވާ ކުދިންނާ ތަފާތެވެ. ސުކޫލުގެ ވަގުތު އޮންނަ ގޮތުން ޑަޔަލިސިސް ހެދެނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ. ނިމެނީ ގާތްގަނޑަކަށް މެންދަމު ދޭއް ޖަހާލާއިރު އެވެ.
"އައިސް ކައިގެން ނިދޭނީ ފަތިސް ވާ ފަހުން. އަނެއްކޮޅުން ހޭލެވޭނީ ހަމަ ސްކޫލަށް ދާން. އެއީ ހަފްތާއަކު ތިން ދުވަހު ހެދިޔަސް ނިންޖަށް ވަރަށް ބޮޑު ގެއްލުމެއް ދައްކާ. އޭނަ ބޭނުމެއް ނުވޭ ސުކޫލް ގަޑި ކުރު ކުރާކަށް ވެސް،" ފަރުޒާން ކިޔައިދިނެވެ.
ސްކޫލުން ވަނީ އެ ގޮތަށް އެ ކަން ހަމަޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު، އަޒާން އެ ގޮތް ބޭނުން ނުވާތީ އަޅައިނުލީ އެވެ. ސްކޫލުން ވަނީ އަޒާންއަށް ލުއި ގޮތްތަކެއް ވެސް ހަމަޖައްސައިދީފަ އެވެ.
މައެއްގެ ގުރުބާނީ
ދަރިފުޅާއެކު ކުރެވުނު މި ތަޖުރިބާގައި ކޮންމެ ދުވަހަކީ ވެސް ފަރުޒާންއަށް ހިތްދަތި ދުވަހެކެވެ. ލޯ ކުރިމަތީ ދަރިފުޅު ތަހައްމަލު ކުރަމުންދިޔަ ކަންތައްތައް ފެނުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު، ދަރިފުޅަށް ޓަކައި ކޮންމެ ގުރުބާނީއެއް ވާން ވެސް އޭނާ ހުރީ ތައްޔާރަށެވެ.
ތުއްތު ކުދިން އެންމެ ކާން ބޭނުންވާ، ޗޮކްލެޓް ފަދަ އެއްޗިއްސެއް އަޒާންއަކަށް ނުކެވެ އެވެ. އެ އެއްޗެހި ކެއުން ފަރުޒާން އަށް ވެސް "މަނާ" ވާނެ އެވެ. އެހެން މީހަކު ކެއުމުން މައްސަލަ ނުޖެއްސިޔަސް، މަންމަ ކެއުމުން އަޒާން ޝަކުވާ ކުރި އެވެ.
އެ ކަމުގައި ފަރުޒާންގެ ކަންބޮޑުވުމެއް ނެތެވެ. ދަރިފުޅު ނުކާ އެއްޗެއް ކާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާއަށް ބުރައެއް ވެސް ނޫނެވެ.
"އަޅުގަނޑުގެ ހުރިހާ ވެސް މީހަކީ އަޒާން. އެހެންވީމަ އަޅުގަނޑަށް އުނދަގޫ އެއްވެސް ކަމެއް ނެތް،" އޭނާ ހިނިތުންވެލި އެވެ.