ލަންޑަން (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލެންޑް އަތުން 2-0 އިން ހޯދި މޮޅާ އެކު މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަަ އަށް ޖެހިލައިފި އެވެ.
ރޭ ޓޮޓެންހަމް ކުޅުނު މެޗުން އެ ޓީމު ވަނީ 3-2 އިން އެވަޓަން ބަލިކޮށްފަ އެވެ. މި މޮޅާ އެކު ޓޮޓެންހަމް ދެ ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ތިން ވަނައިގައި އޮތީ 26 މެޗުން 55 ޕޮއިންޓާ އެކު އެވެ. ސިޓީ މޮޅުވުމުން ލިވަޕޫލް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ލިވަޕޫލަށް ލިބިފައިވަނީ 27 މެޗުން 52 ޕޮއިންޓެވެ.
ރޭގެ މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ 42 ވަނަ މިނިޓްގައި ސާޖިއޯ އަގުއޭރޯ އެވެ. މިއީ ސަންޑަލެންޑް ދަނޑުގައި އަގުއޭރޯ ޖެހިޖެހިގެން ލަނޑު ޖެހި ހަތަރު ވަނަ މެޗެވެ. ދެ ވަނަ ހާފް ފެށިގެން 14 މިނިޓް ތެރޭ ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ލިރޯއީ ސާނޭ އެވެ. މިއީ މި ސީޒަނުގައި ސާނޭ ޖެހި ހަ ވަނަ ލަނޑެވެ.
ސިޓީން އިތުރު ލަނޑު ޖަހަން ފޮނުވާލި ހަމަލާތައް ސަންޑަލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މި ބައްޔާ އެކު ސަންޑަލެންޑް ލީގުގެ އެންމެ ފުލުގައި އޮތީ 27 މެޗުން 19 ޕޮއިންޓާ އެކު އެވެ. ސަންޑަލެންޑްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ލީގުގައި ދެމިއޮތުމަށް ކުރަން ޖެހޭ މަސައްކަތް ދެގުނަ ވެއްޖެކަމަށާއި ކުޅުންތެރިން އިތުރު ހިތްވަރެއްލައިގެން މަސައްކަތް ކުރަންވީ ވަގުތު މިއީ ކަމަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗަކަށް ފަހު މެޗެއް ސިޓީން އަންނަނީ ރަނގަޅު ކުރަމުން ކަމަށެވެ.
"އަހަރެން ހިތްހަމަ ޖެހޭ ގޮތަށް މިހާރު ކުޅުންތެރިން އެބަ ކުޅޭ. މެޗަކަށް ފަހު މެޗެއް މި ޓީމު ދަނީ ކުރިއަށް. އަހަރެން އެދެނީ މި ފޯމުގައި ސީޒަން ނިންމާލަން. އޭރުން ކާމިޔާބެއް ލިބުމުގެ ފުރުސަތު ވެސް ބޮޑު،" ގާޑިއޯލާ ބުންޏެވެ.
ރޭ އެވަޓަން ކޮޅަށް ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ ޑެލެ އަލީ އެވެ. އެވަޓަންގެ ލަނޑުތައް ޖެހީ ރޮމެލޫ ލުކާކޫ އާއި އެނާ ވެލެންސިއާ އެވެ.