މެންޗެސްޓާ (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ މަގާމެއް ވެސް ވަރަށް ވާދަވެރި ކަމަށާއި މި ހާލަތަށް ވިސްނާއިރު ލީގުގެ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރޭ ލިވަޕޫލް މޮޅުވުމުން ސިޓީ ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެހެން ނަމަވެސް މިރޭ ރަށުން ބޭރުގައި ސަންޑަލެންޑް އަތުން މޮޅުވެއްޖެނަމަ ލީގު ތިން ވަަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

"ޕްރިމިއާ ލީގުގެ ކޮންމެ މެޗަކީ ވެސް ފައިނަލެއް. އެއީ ކޮންމެ ޓީމެއް ވެސް މި ވަގުތު މިދަނީ މަގާމަކަށް ވާދަކުރަމުން. ހަމައެކަނި ލީގަކަށް ނޫން. ޗެމްޕިއަންސް ލީގުގެ މަގާމަކަށް ޔޫރޮޕާ ލީގުގެ މަގާމަކަށް ނޫނީ ރެލިގޭޝަނުން ސަލާމަތްވުމަށް. މި ދަނޑިވަޅުގައި އެއްވެސް މެޗެއް ފަސޭހަ ނުވާނެ،" ގާޑިއޯލާ ބުންޏެވެ.

ސަންޑަލެންޑް ދަނޑުގައި ލިވަޕޫލާއި ޓޮޓެންހަމަށް ވެސް މޮޅުވެވިފައިނުވާތީ މި މެޗު ފަސޭހަ ނުކޮށްލާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"ލީގުގައި އެންމެ ރަނގަޅަށް ކުޅޭ ދެ ޓީމު ލިވަޕޫލާއި ޓޮޓެންހަމަށް ވެސް މި ދަނޑުގައި ސަންޑަލެންޑް ބައްޔެއް ނުކުރެވުނު. މިއީ އަހަރެމެންނަށް ވެސް ޗެލެންޖެއް،" ގާޑިއޯލާ ބުންޏެވެ.

ފަހަކަށް އައިސް ސިޓީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ވެސް ވަނީ އެ ޓީމުން ދައްކަމުން އަންނަ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.

"އަހަރެމެން މި ސީޒަނުގައި ވަރަށް ދަށްކޮށް ވެސް ކުޅެފި. އެކަމަކު އެ ހުރިހާ ކަމެއް ފަހަތަށް ޖައްސާލުމަށް ފަހު މި ވަގުތު ސިޓީ އޮތީ ހަމައަކަށް އެޅިފައި. ބޭނުންވަނީ މި ފޯމު ދަމަހައްޓައި ރަނގަޅު މަގާމެއްގައި އޮވެ ސީޒަން ނިންމާލަން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ސަންޑަލެންޑަކީ މި ވަގުތު ލީގުގެ އެންމެ ފުލުގައި އޮތް ޓީމެވެ. މިރޭގެ މެޗުގެ ކުރިން އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ޕްރިމިއާ ލީގުގައި އޮތުމަށް އެ ޓީމު ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަންޑަލެންޑް ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ. މި ދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.