އެސްޓަން ވިލާގެ މައްޗަށް 2-1 އިން މޮޅުވެ ޔުއެފާ ސުޕަ ކަޕް ޕީއެސްޖީން ދިފާއުކޮށްފި އެވެ.
އޮސްޓްރިއާގެ ސަލްޒބާގްގައި ކުޅުނު މެޗުން ހޯދި ކާމިޔާބީއާ އެކު ޕީއެސްޖީ ވެފައިވަނީ ތާރީހުގައި ވިދިވިގެން ދެ އަހަރު މި ތަށި ކާމިޔާބުކުރި ހަތަރުވަނަ ކްލަބަށެވެ.
ވިދިވިދިގެން މި ތަށި ހޯދި ޓީމުތަކަކީ އަޔެކްސް އާއި އޭސީ މިލާން އަދި ރެއާލް މެޑްރިޑެވެ.
މި މެޗުގައި ފާހަގަކޮށްލެވުނު ކަމަކީ ރެފްރީންގެ ޓީމެވެ. ވޯލްޑް ކަޕަށް ދާން، އެމެރިކާއިން ވިސާ ދިނުމަށް ފަހު އެ ގައުމަށް ދިއުމުން ޑީޕޯޓްކޮށްލި ސޮމާލިއާގެ ރެފްރީ އުމަރު އާތަން މެޗުގައި ރެފްރީކަން ކުރި އެވެ. އޭނާ ވެފައި ވަނީ ޔޫއެފާގެ ފައިނަލް މެޗު ކެޓަގަރީގެ މެޗެއްގައި ރެފްރީކަން ކުރި ޔޫރަޕުން ބޭރުގެ ފުރަތަމަ ރެފްރީ އަށެވެ. އޭނާ އަށް އެހީވާން ދެ ފަރާތު ރޮނގު ބެލެހެއްޓީ އެފްރީ ބައްރުގެ ދެ ލައިސްމަނުންނެވެ.
އެސިސްޓެންޓް ރެފްރީ ޖިބޫތީގެ ލިބާން އަބްދުލްރައްޒާގް އަހުމަދު އަދި ދެވަނަ އެސިސްޓެންޓް ރެފްރީ ކެންޔާގެ ސްޓީފެން އެލީޒަރު އިއޮނިޔަންގޯ ޔިއެމްބޭ އެވެ.
ޕީއެސްޖީ އިން މެޗު ފެށީ ވަރުގަދަކޮށެވެ. 20 ވަނަ މިނިޓުގައި ޓީމަށް ލީޑު ނަގައިދިނީ ވިންގަރ ހްވިޗާ ކްވަރަޓްސްހެލިއާ އެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނིިކޮށް އެސްޓަން ވިލާގެ އުމުރުން 17 އަހަރުގެ ބްރަޔަން މާޖޯ ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އޭނާއަކީ ޔުއެފާ ސުޕަ ކަޕްގެ ތާރީހުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭނާ ލަނޑު ކާމިޔާބުކުރީ ޖޯން މެގިން ނަގައިދިން ހުރަހަކުންނެވެ
ޕީއެސްޖީއަށް މެޗުގެ ކާމިޔާބީ ކަށަވަރުކޮށް ދިނީ 61 ވަނަ މިނެޓުގައި ޑެޒިރޭ ޑުއޭ ޖެހި ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުސްމާން ދެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޑުއޭ ވަނީ ގޯލު ކާމިޔާބުކޮށްފަ އެވެ.