ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިސްޓް ހޮޓެލް ގްރޫޕް، ރިޒް ކާލްޓަން އިން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ރިސޯޓު އިއްޔެ ހުޅުވައިފި އެވެ.

"ރިޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް"ގެ ނަމުން ނަން ދީފައިވާ މި ރިސޯޓަކީ މާލެ އަތޮޅު ރަށްފަޅު ހުރާ ފަޅުގައި ތަރައްގީ ކުރި "ފަރި އައިލެންޑްސް"ގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. ފަރި އައިލެންޑްސްގެ ފުރަތަމަ ރިސޯޓު "ޕަޓީނާ މޯލްޑިވްސް" ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ހުޅުވައިފަ އެވެ. އެ ފަޅުގައި ތިން ރިސޯޓު ތަރައްގީ ކުރާއިރު، އެހެން ރިސޯޓެއް ވެސް އަންނަނީ ތަރައްގީ ކުރަމުންނެވެ.

އެއާޕޯޓުން ސީޕްލޭނުގައި 15 މިނެޓުގެ ތެރޭގައި ދެވޭ މި ރިސޯޓަކީ ލަގްޒަރީ ޓޫރިޒަމަށް ހާއްސަކޮށްގެން ހުޅުވި ރިސޯޓެކެވެ. މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ އެންމެ ޒަމާނީ ޑިޒައިންތަކަށް ބަލައި އޮސްޓްރޭލިއާގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ ކެރީ ހިލް އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ރިސޯޓު ޑިޒައިން ކުރުމުގައި ރާއްޖޭގެ ފަޅާއި މޫދާއި ރަށްތައް މިސާލަކަށް ބަލައިގެންނެވެ.

ރިޒް ކާލްޓަން މޯލްޑިވްސްގެ ޕޫލް ބީޗް ވިލާއެއް-- ފޮޓޯ: ރިޒް ކާލްޓަން
ރިޒް ކާލްޓަން މޯލްޑިވްސްގެ ޕޫލް ބީޗް ވިލާއެއް-- ފޮޓޯ: ރިޒް ކާލްޓަން

ރިޒް ކާލްޓަންގެ މި ރިސޯޓުގައި އެންމެ މަތީ ފެންވަރުގެ 100 ވިލާ ހުންނާނެ އެވެ. މީގެ ތެރޭގައި ވޯޓާ ވިލާތަކާއި ބީޗް ޕޫލް ވިލާތައް ހިމެނެ އެވެ.

މި ރިސޯޓުގައި ހަދާފައިވާ އެންމެ ބޮޑު ވިލާއަކީ "ދަ ރިޒް ކާލްޓަން އެސްޓޭޓް"ގެ ނަމުގައި ހުޅުވި ވިލާ އެވެ. މި ވިލާގައި ޕްރައިވެޓް ބީޗެއްގެ އިތުރުން ޕޫލަކާއި ސްޕާ ރޫމަކާއި ބަޓްލާ ސާވިސް ލިބޭނެ އެވެ. އަދި އެ ވިލާގައި ޗުއްޓީ ހޭދަ ކުރާ ގެސްޓުންނަށް ކެއުން ތައްޔާރު ކުރަން ހާއްސަ ޝެފެއް ވެސް ހުންނާނެ އެވެ.

ރިސޯޓަށް އަންނަ ގެސްޓުންނަށް ރާއްޖޭގެ ސަގާފަތް ދަސްކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދާނެ އެވެ. އެގޮތުން، ދިވެހި ކެެއުން ތައްޔާރު ކުރާނެ ގޮތާއި ބޮޑުބެރުގެ ހަރަކާތްތައް ހިންގާނެ ކަމަށް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.

ރިޒް ކާލްޓަން މޯލްޑިވްސްގެ ވޯޓާ ވިލާއެއްގެ ކޮޓަރީގެ އެތެރެ-- ފޮޓޯ: ރިޒް ކާލްޓަން
ރިޒް ކާލްޓަން މޯލްޑިވްސްގެ ވޯޓާ ވިލާއެއްގެ ކޮޓަރީގެ އެތެރެ-- ފޮޓޯ: ރިޒް ކާލްޓަން

މީގެ އިތުރުން އެ ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ލިބޭ ހަތް ރެސްޓޯރެންޓާއި ބާ ވެސް ހުންނާނެ އެވެ. މި ރެސްޓޯރެންޓުތައް ހުންނަ ސަރަހައްދަށް އެ ރިސޯޓުން ވަނީ "ކަލިނަރީ އައިލެންޑް"ގެ ނަމުން ނަން ދީފަ އެވެ.

ބޭރުގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ރިޒް ކާލްޓަންގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ބްރޭންޑް ލީޑަރު ޑޯނާ މެކްނަމަރާ ވިދާޅުވީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމަކީ އެ ކުންފުނިން އަބަދުވެސް ބޭނުންވި ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ގުދުރަތީ ރީތިކަމުގެ އިތުރުން ވެސް އެހެނިހެން ގިނަ ކަންކަމަށް ހާއްސަ ގައުމަކަށްވުމުން އެކަންކަން ދުނިޔެއަށް އަންގައިދީ އެ ކުންފުނީގެ އިތުރު ރިސޯޓުތައް ރާއްޖޭގައި ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޒް ކާލްޓަންގެ ޕޭރެންޓް ކުންފުނި މެރިއެޓް އިންޓަނޭޝަނަލް އިން މިހާރު ވެސް ރާއްޖޭގައި ރިސޯޓުތައް ހިންގަ އެވެ. އެއީ ޖޭ ޑަބްލިއު މެރިއެޓް އާއި ޝެރަޓަން މޯލްޑިވްސް އެވެ.