ޖެނީވާ (އެޕްރީލް 23) - ކޮރޯނާވައިރަހުގެ ސަބަބުން ތަދުމަޑުކަމެއް ކުރިމަތިވެ ދުނިޔޭގެ އާބާދީގެ ތެރޭން 250 މިލިއަނަށް ވުރެ ގިނަ މީހުން ބަނޑަށް ޖެހި އަދި 10 ގައުމަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް އދ. އިން ބުނެފި އެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ޑިރެކްޓަރު ޑޭވިޑް ބީސްލީ ވިދާޅުވީ އިތުރު މުސީބާތަކުން ދުނިޔެ ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށެވެ. އެންމެ ބޮޑަށް ހާލުގައި ޖެހޭނެ ކަމަށް ހަތަރު ވަނަ "ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސަސް" ގައި 10 ގައުމެއް ވަނީ ހިމަނައިފަ އެވެ.
އެ ގައުމުތަކަކީ:
ޔަމަން
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ
އަފްޣާނިސްތާން
ވެނެޒުއެލާ
އިތިއޯޕިއާ
ސައުތު ސޫދާން
ސޫދާން
ސީރިއާ
ނައިޖީރިއާ
ހެއިޓީ
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސައުތު ސޫދާނާގެ އާބާދީގެ 61 ޕަސެންޓް މީހުން މިދިޔަ އަހަރު ވަނީ ކާބޯތަކެއްޗަށް ޖެހިފަ އެވެ. ކޮރޯނާވައިރަހުގެ ވަބާ ދުނިޔެ އަށް ކުރިމަތިވުމުގެ ކުރިން ވެސް އީސްޓް އެފްރިކާ އާއި ސައުތު އޭޝިއާގެ ބައެއް ގައުމުތަކަށް ކާބޯތަކެތި ހޯދުމުގައި ދަތިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބީސްލީ ވިދާޅުވީ ހައިހޫނުކަމުން އަރައިގަތުމަށް ދުނިޔެ އިން ހިކުމަތްތެރިކަމާ އެކު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
"ހަގީގަތަކީ މިކަމުގައި ފިޔަވަޅު އަޅަން ލަސްކުރަން ވަގުތު ނެތްކަން،" އޭނާ ވިދާޅުވި އެވެ.