ސަންއާ (ނޮވެމްބަރު 9) - ޔަމަނަށް އެހީ ފޯރުކޮށްދެވެން ހުރި ހުރިހާ މަގުތައް ސައުދީ އަރަބިއާ އިން ބަންދުކޮށްލުމުން ޔަމަން ބަންޑަށް ޖެހި އެތައް މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ހާލަތަށް ވެއްޓިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އދ.ގެ އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ.

އދ.ގެ އަންޑަ-ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް މާކް ލޯކޮކް ވަނީ ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ ޔަމަނުގެ ބޯޑަރު ހުޅުވާލުމަށް ސައުދީ ކޯލީޝަނަށް ގޮވާލައްވައިފަ އެވެ. ޔަމަނުގެ އެއްގަމާއި ކަނޑު އަދި ވައިގެ ސަރަހައްދު މިދިޔަ ހޯމަ ދުވަހު ސައުދީ ކޯލީޝަނުން ބަންދުކޮށްލީ ހޫތީން ރިޔާޒަށް މިސައިލް ހަމަލާއެއް ދިނުމުންނެވެ. ސައުދީން ބުނެފައި ވަނީ ހޫތީންނަށް މިސައިލް ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. އަދި ޔަމަނުގެ ބޯޑަރު ބަންދުކޮށްލީ އީރާނުން ޔަމަނަށް ފޯރުކޮށްދޭ ހަތިޔާރު ހުއްޓުވަން ކަމަށް ވެސް ސައުދީން ބުނެފައިވެ އެވެ.

ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދިނުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޯކޮކް ވިދާޅުވީ ސައުދީން އެޅި ފިޔަވަޅުތައް އުވާނުލައިފި ނަމަ ބަނޑުހައިހޫނުކަމުގެ ބޮޑު މުސީބާތެއް ޔަމަނަށް ކުރިމަތިވާނެ ކަމަށެވެ.

"އެއީ ފަހަކަށް އައިސް ދުނިޔެ ތަހައްމަލު ކުރަން ޖެހޭ އެންމެ ބޮޑު ބަނޑުހައިހޫނު ކަމަށް ވާނެ،" ލޯކޮކް ވިދާޅުވި އެވެ.

ރެޑް ކްރޮސް އިން ބުނެފައި ވަނީ ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ފޮނުވި ބޭހުގެ ޝިޕްމަންޓެއް ވެސް އެ ގައުމަށް އެތެރެނުކުރެވި ތާށިވެފައިވާ ކަމަށެވެ. ޔަމަނުގެ 900،000 މީހުންނަށް ވަނީ ކޮލެރާ ޖެހިފަ އެވެ. އދ. އިން ބުނެފައި ވަނީ ޔަމަނުގެ ހަތް މިލިއަން މީހުންނަށް ހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށެވެ.