އެފްއޭއެމް އިން އިންތިޒާމުކުރާ އެޓޯލް ޗެމްޕިއަންޝިޕްގެ ސަރަހައްދީ ޒޯންތަކުގެ ކޮލިފައިން މުބާރާތްތައް މި މަހު ފެށުމަށް ނިންމައިފި އެވެ.
އެ ޓޯލް ޗެމްޕިއަންޝިޕްގެ އަތޮޅުތަކުގެ މުބާރާތްތައް މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ނިންމާލާފަ އެވެ. އަތޮޅު މަރުހަލާއިން ސަރަހައްދީ ޒޯންތަކުގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވެ، އެފްއޭއެމުން ވަނީ އެކަން ރަށްތަކަށް މިހާރު އަންގައިފަ އެވެ.
އެފްއޭއެމުން ވަނީ މައި ހަތަރު ޒޯނަކަށް ރާއްޖެ ބަހައިލައިފަ އެވެ. އެއީ އުތުރު ރީޖަން، ސެންޓްރަލް ރީޖަން، ދެކުނު ރީޖަން އަދި މާލެ ރީޖަން އެވެ. މާލެ ފިޔަވައި އަނެއް ތިން ޒޯނުގެ ތެރޭގައި ސަބް ދެ ޒޯން ހިމެނެ އެވެ.
ސާކިއުލާގައިވާ ގޮތުން، އެކި ސަބް ޒޯންތަކުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ތަފާތު ތާރީޚުތަކެއްގައެވެ. އެގޮތުން ހއ. ދިއްދޫގައި މި މަހު 18 ގަ އެވެ. އެ ރީޖަންގެ ސަބް ޒޯން ދޭއްގެ ކޮލިފައިން ކުރިއަށްގެންދާނީ ބ. އޭދަފުށީގަ އެވެ. އެ މުބާރާތް ފަށާނީ މި މަހު 15 ގަ އެވެ.
ސެންޓަރަލް ރީޖަންގެ ސަބް ޒޯން އެކެއް މި މަހު 15 ގައި އދ. މަހިބަދޫގައި ފަށާނެ އެވެ. ހަމަ އެ ތާރީހުގައި އެ ސަރަހައްދުގެ ސަބް ޒޯން ދޭއްގެ ކޮލިފައިން ދ. މީދޫގައި ފަށާނެ އެވެ.
ދެކުނު ސަރަހައްދުގެ ސަބް ޒޯން އެކެއްގެ ކޮލިފައިން މި މަހު 18 ގައި ފަށާނީ ލ. ގަމުގަ އެވެ. ހަމަ އެ ތާރީހުގައި އެ ރީޖަންގެ ސަބް ޒޯން 2 ގެ ކޮލިފައިން މުބާރާތް ގދ. ގައްދޫގައި ފަށާނެ އެވެ.
ސަބް ޒޯންތަކުގެ ކޮލިފައި މުބާރާތްތައް މި މަހުގެ ނިޔަލަށް ނިމޭނެ އެވެ.
ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅުމަށް ފަހު، އެ ލީގެއްގެ ޗެމްޕިއަން ޓީމު ކޮލިފައިވާނީ ދިވެހި ލީގަށް ކޮލިފައިވާ ބުރަށެވެ.
ދިވެހި ލީގަށް ކޮލިފައިވާ ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި، ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީސީ އާއި އަށްވަނައިގައި ނިންމާލި ގްރީން ސްޓްރީޓްސް އެވެ.
މި ބުރުން ހޮވޭ ގަދަ ހަތަރު ޓީމަށް، އަންނަ ސީޒަނުގެ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.