ފ. ފީއަލީގައި އިއްޔެ ކަރަންޓުގައި ޖެހުނު ދެބެއިންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ މާލެ ގެންނަން ތައްޔާރުވެއްޖެ އެވެ.

އެ ދެ މީހުން ކަރަންޓުގައި ޖެހުނީ ގޭގެ ފުރާޅު ސާފުކުރުމަށްފަހު ފައިބަން އުޅުމުގެ ތެރޭގައި މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްޖެހިގެންނެވެ. އަދި ހޮޅިދަނޑީގައި އަތް ޖެހި އެ މީހުން ވަނީ ވެއްޓިފަ އެވެ.

އެ ދެ މީހުންނަށް ފުރަތަމަ ފަރުވާ ދިނީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ. އެއީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. 

ނަމަވެސް، އިތުރު ފަރުވާއަށް އިއްޔެ މެންދުރުފަހު ވަނީ އެ އަތޮޅު ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ.

ނިލަންދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވުމުން އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި އޭނާގެ ލޭގެ ޕްރެޝަރު ދަށްވާތީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ހުރި މީހާގެ ހާލު ސްޓޭބަލް. އަދި ދެ ދުވަހެއް ވަރު ބަލާފައި ހޮސްޕިޓަލުން ދޫކޮށްލާނެ." އޮފިޝަލް ވިދާޅުވި އެވެ.