ފ. ފީއަލީގައި ގެއެއްގެ ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއިން މިއަދު ކަރަންޓުގައި ޖެހިއްޖެ އެވެ. 

އެ ރަށު ކައުންސިލްގެ ރައީސް މޫސާ އަހުމަދު "މިހާރު"އަށް ވިދާޅުވީ ޒުވާން ދެބެއިން ކަރަންޓުގައި ޖެހުނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށް ފަހު ފައިބަން އުޅުމުގެ ތެރޭގައި ގޭގެ ބޭރަށް، މަގުގައި ހުރި ހޮޅިދަނޑިއެއްގައި އަތްލިތަނާ ކަމަށެވެ.

ކަރަންޓުގައި ޖެހުމާ އެކު ދެ މީހުން މަގުމައްޗަށް ވެއްޓުނު ކަމަށާއި އެ ވެއްޓުނު ގަޑީގައި އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ހާދިސާގައި އަނިޔާވީ 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށެވެ. 

އެމީހުން ފުރާޅު ސާފުކުރީ މިއަދު އެ ރަށަށް ވަރަށް ވިއްސާރަވުމުން ތާންގީއަށް ފެން ނަގަންވެގެންނެވެ. 

އިތުރު ފަރުވާއަށް އެ ދެ މީހުން މިހާރު ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. 

އެނގިފައިވާ ގޮތުގައި، އެ ދެބެއިން މަސައްކަތް ކުރަނީ އެރަށު ފެނަކައިގަ އެވެ. 

ފުލުހުން ބުނީ ފީއަލީ ގެއެއްގެ ފުރާޅު ސާފުކުރުމަށް އެރި ދެ މީހަކު މަގުބައްތި ހޮޅިދަނޑިއަކުން ތިރިއަށް ފައިބަނިކޮށް ކަރަންޓުގައި ޖެހި އަނިޔާވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.