"ޔޫރޯ 2020" އަށް ހާއްސަކޮށްގެން، ދިރާގާ ގުޅިގެން "މިހާރު"ން ކުރިއަށް ގެންދިޔަ ކުއިޒުގެ ވަނަ ވަނަ އަށް އައި ފަރާތްތަކަށް އިނާމު ދީފި އެވެ.

"މިހާރު" ޔޫރޯ ކުއިޒުގެ އެންމެ ގަދަ ތިން ބައިވެރިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން ބެއިންއެވެ. މިހާރު ޔޫރޯ ކުއިޒުގެ އެއްވަނަ ހޯދީ ބ. އޭދަފުށި، މާވިނަ، އަބްދުﷲ ޝަހީމެވެ. ދެ ވަނަ ހޯދީ ހަމަ އޭގޭ އަލީ ޝަހީމެވެ. ތިން ވަނަ ހޯދީ އެގޭ އިބްރާހިމް ޝަހީމެވެ.

އެއްވަނަ ހޯދި އަބްދުﷲ ޝަހީމަށް ލިބޭނީ ލޮޓަސް ބައިކް ޝޮޕުން ހުށަހަޅައިފައިވާ "އައިމާ އިން މައިން" އިލެކްޓްރިކް ސްކޫޓަރެކެވެ. ދެ ވަނަ ހޯދި އަލީ ޝަހީމަށް ލިބޭނީ އެންސިސްގެ ފަރާތުން ހުށަހަޅައިފައިވާ 5،000ރ. ގެ އަގުހުރި ގިފްޓް ވައުޗަރަކާއި ވެލިގާ ހާޑްވެއާގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ، 5،000ރ. ގެ އަގު ހުރި ގިފްޓް ވައުޗަރެކެވެ، ތިން ވަނަ ހޯދި އިބްރާހިމް ޝަހީމަށް ދޭނީ އެކްސީޑުން ހުށަހަޅާއިފައިވާ "ޑެލްޓާ ކިއު" ކޮފީ މެޝިނަކާއި މިނީސޯ އިން ހުށަހަޅައިފައިވާ 2،000ރ. ގެ ގިފްޓް ވައުޗާއެކެވެ.

އަބްދުﷲ ޝަހީމް އެއްވަނަ އަށް ދިޔައީ އެންމެ އަވަހަށް 25 ސުވާލަށް ޖަވާބު ދިނުމުންނެވެ. ރަމްޒީ ގޮތުން އިނާމާ ހަވާލު ވުމަށް ފަހު އަބްދުﷲ ޝަހީމް ބުނީ ކުއިޒަށް ޖަވާބު ދިނުމުގެ ކުރިން ޔޫރޯ އާއި އެ މުބާރާތުގެ ތާރީހާ ޓީމުތަކާ ގުޅޭ ގިނަ މައުލޫމާތު ހޯދަން ދިރާސާކުރި ކަމަށެވެ.

"ވަރަށް ގިނަ ވަގުތު ހޭދަކުރިން ދިރާސާ ކުރަން. ހުރިހާ ސުވާލަކަށް ޖަވާބު ހިތުދަސް ވާ މިންވަރަށް އެކަމުގައި ވަގުތު ހޭދަ ކުރިން،" އަބްދުﷲ ޝަހީމް ބުންޏެވެ. "ހިތުދަސް ކުރީމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ސުވާލަކަށް ޖަވާބު ދެވުނު."

ޔޫރޯ އަށް ހާއްސަކޮށް "މިހާރު"ން ވަނީ ފެންޓަސީ ލީގެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ފެންޓަސީ ލީގުން ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް މިހާރު ދަނީ ރަމްޒީ އިނާމު ހަވާލުކޮށް ދެމުންނެވެ.