ރޯމް (މާޗް 16) – ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ލީގު ފުރިހަމަކުރަން ވަގުތު ދިނުމަށް ޔޫރޯ ފަސްކުރަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ގޮވާލައްވައިފި އެވެ.

އޭނާ ވިދާޅުވީ ޔުއެފާ އިން މާދަމާ ބާއްވާ ކުއްލި ބައްދަލުވުމަށް އެކަން ހުށަހަޅުއްވާނެ ކަމަށެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވާނެ އެވެ.

އިޓާލިއަން ލީގުގެ އިތުރުން އިނގިރޭސި ލީގާއި ސްޕެނިޝް ލީގާއި ޖަރުމަން ލީގު އަދި ފްރާންސް ލީގު ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އަދި ޔުއެފާ އިން ބާއްވާ ކްލަބް ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ވެސް އޮތީ ހުއްޓާލައިފަ އެވެ.

އާއްމުކޮށް ސީޒަން ނިންމާ ދުވަސްވަރު ކަމަށްވާ މޭ ފަހުކޮޅަށް ލީގު ނުނިމެންދާނެތީ ތިން ގޮތަކަށް އަމަލުކޮށްފާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. އެއީ ޕްލޭއޮފް ކުޅެގެން ވަނަ ކަނޑައެޅުން، ޗެމްޕިއަނެއް ކަނޑަނޭޅުން ނުވަތަ މިހާރު އޮތް ހިސާބުން ވަނަތައް ދީ ނިންމާލުމެވެ.

އެކަމަކު އެހެން ގައުމުތަކުގެ ލީގުތަކާއި ޔުއެފާގެ ކްލަބް މުބާރާތްތައް ވެސް މެދުކަނޑާލާފައި އޮތުމުން، ބެލެވެނީ ގިނަ ބަޔެއްގެ އެދުމަކީ އަންނަ އަހަރަށް ޔޫރޯ ފަސްކުރުމަށް ފަހު، ޖޫން މަހުގެ ތެރޭގައި އާއްމު އުސޫލުން ލީގު ކުޅެން ސީޒަން ނިންމާލުމެވެ.

ގްރަވީނާ ވެސް އުއްމީދުކުރައްވަނީ އާއްމުކޮށް ލީގު ނިމޭ ތާރީހަށް ވުރެ އެއް މަސް ފަހުން، ޖޫން 30 ސީޒަން ލީގު ނިންމާލެވިދާނެ ކަމަށެވެ. އެކަމަކު އެކަމަކު އިތުރު އެއް މަހަށް ވެސް ދިގުލައިގޮސްފާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެހެންވެ ހާލަތު ރަނގަޅުވެ އެންމެ އަވަހަށް ވެސް މޭ މަހު ލީގުތައް އަލުން ފެށުނަސް، އާއްމު އުސޫލުން ކުރިއަށް ގެންގޮސް ނިންމާލެވެނީ ޔޫރޯ ފަސްކޮށްގެންނެވެ. ވަރަށް ބޮޑަށް ޔަގީންކުރެވޭ ގޮތުގައި ޔުއެފާ އިން އެގޮތަށް ނިންމާނެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާގެ ވިސްނުމަކީ އަންނަ އަހަރަށް ފަސްކުރުމުގެ ބަދަލުގައި ޑިސެމްބަރަށް ފަސްކުރުމެވެ.