ޔުއެފާ އިން އިއުލާންކުރި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމް ނުވަތަ އެންމެ މޮޅު 11 ކުޅުންތެރިން ލިސްޓުގައި ޗެމްޕިއަން ޕޯޗުގަލްގެ ހަތަރު ކުޅުންތެރިން ހިމެނިއްޖެ އެވެ.
މި ލިސްޓުން ޖާގަ ލިބުނު ޕޯޗުގީސް ކުޅުންތެރިންނަކީ އެ ޓީމުގެ ކެޕްޓަން އަދި ތިން ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޯލްކީޕަރު ރުއި ޕެޓްރީޝިއޯ އާއި ދެ ޑިފެންޑަރުން ކަމަށްވާ ޕެޕޭ އާއި ރަފައެލް ގުއެރޭރޯ އެވެ. މީގެ ތެރެއިން ގުއެރޭރޯ އަކީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވެސް ވާދަކުރި ކުޅުންތެރިއެކެވެ.
ފްރާންސް އަތުން ބަލިވެ ސެމީ ފައިނަލުން ކެޓި ޖަރުމަނުގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ދެ ޑިފެންޑަރުން ކަމަށްވާ ޖެރޯމް ބޯޓެން އާއި ޔޯޝުއާ ކިމިޗް އަދި މިޑްފީލްޑަރު ޓޯނީ ކްރޫޒެވެ. ފައިނަލުން ބަލިވި ފްރާންސުން ފުރުސަތު ލިބުނީ ޑިމިޓްރީ ޕަޔެޓް އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހާސިލްކުރި އެންޓޮއިން ގްރިޒްމަން އަށެވެ.
މުބާރާތުގެ ސެމީ ފައިނަލުން ކެޓި ވޭލްސްގެ ދެ ކުޅުންތެރިޔަކަށް ވެސް ޑްރީމް ޓީމުން ފުރުސަތު ލިބިފަ އެވެ. އެއީ އެ ޓީމުގެ މެދުތެރޭގައި މޮޅަށް ކުޅުނު އާރޮމް ރަމްސީ އާއި ޖޯ އެލަން އެވެ.
މި ލިސްޓުން ޖާގަ ދީފައިވަނީ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކުގެ ކުޅުންތެރިންނަށެވެ. މި ލިސްޓުން ޖާގަ ހޯދާނެ ކަމަށް ގިނަ ބަޔަކު ހީކުރި ކުޅުންތެރިންގެ ތެރެއިން އެ ފުރުސަތު ނުލިބުނު ކުޅުންތެރިޔަކީ މުބާރާތުގައި ތިން ގޯލް ޖެހި ވޭލްސްގެ ބޭލް އެވެ. އޭނާ އަކީ އެ ޓީމު ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ޔޫރޯގެ ޑްރީމް ޓީމް: