ޕެރިސް (ޖުލައި 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފްރާންސުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ހޮވައިފި އެވެ.

ޔުއެފާގެ ޓެކްނިކަލް ކޮމިޓީން ގްރީޒްމަން އަށް ގޯލްޑަންބޯލް އެވޯޑް ދިންއިރު އޭނާ ވަނީ ހަ ލަނޑާ އެކު މުބާރާތުގެ ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ.

ފައިނަލުގައި ޕޯޗުގަލް އަތުން ފްރާންސް ބަލިވެ އަދި އެ މެޗުގައި ގްރިޒްމަން އަށް އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ ވަނީ އޭގެ ކުރިން މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސެމީ ފައިނަލުގައި ޖަރުމަން އަތުން 2-0 އިން ފްރާންސް މޮޅުވި މެޗުގައި ދެ ލަނޑު ޖެހީ ވެސް އޭނާ އެވެ. މީގެ އިތުރުން ދެ ވަނަ ބުރުގައި އަޔަލެންޑް އަތުން ފަހަތުން އަރައި 2-1 އިން ފްރާންސް މޮޅުވީ ވެސް ގްރިޒްމަން ޖެހި ލަނޑުންނެވެ. އަދި މުބާރާތުގައި ދެ ލަނޑު ޖަހަން އޭނާ މަގުފަހިކޮށްދިނެވެ.

"ގްރިޒްމަން ކުޅުނު ކޮންމެ މެޗެއްގައި އޭނާ އަކީ ނުރައްކަލެއް. ޓީމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރޭ. ޓެކްނިކަލް ކޮމިޓީގެ އެންމެންނަށް އެއްބަސްވުމަކަށް އާދެވުނު މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ އޭނާ ކަމަށް،" ޔުއެފާގެ ޗީފް ޓެކްނިކަލް އޮފިސާ އިއޮއާން ލުޕެސްކޫ ވިދާޅުވި އެވެ.

ޔުއެފާގެ ޓެކްނިކަލް ކޮމިޓީގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ދެ ކޯޗުން ކަމަށްވާ އެލެކްސް ފާގަސަން އާއި ޑޭވިޑް މޮއިސްގެ އިތުރުން އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު ގަރެތު ސައުތުގޭޓް ހިމެނެ އެވެ.