ޕެރިސް (ޖުލައި 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރީކޮޅު އަނިޔާވެގެން ފައިބަން ޖެހުނު ނަމަވެސް، ޓީމުގެ އެހެން ކުޅުންތެރިން ޓީމު މޮޅުކޮށްދޭނެ ކަމުގެ އިތުބާރު އޮތް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯގެ ކަކުލަށް އަނިޔާވެ ފައިބަން ޖެހުމުން ޕޯޗުގަލަށް އޮތް ފުރުސަތު ވެސް ގެއްލުނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެކަމަކު ބަދަލު ކުޅުންތެރިޔާގެ އެޑާގެ ލަނޑާ އެކު ފްރާންސް އަތުން 1-0 އިން މޮޅުވެ ޕޯޗުގަލް ތަށި ހޯދި އެވެ.

މުބާރާތުގެ ފައިނަލުން 2004 ވަނަ އަހަރު ގްރީސް އަތުން ޕޯޗުގަލް ބަލިވިއިރު އޭރު އުމުރުން 18 އަހަރުގެ ރޮނާލްޑޯ ވަރަށް ބޮޑަށް މާޔޫސްވި އެވެ. އޭނާ ބުނީ، އަބަދުވެސް ދެ ވަނަ ފުރުސަތަކަށް އެދިއެދި ހުރި ކަމަށެވެ.

"އަހަރެން ހުރީ 2004 ވަނަ އަހަރުން ފެށިގެން މި ފުރުސަތު އެދިގެން. އަހަރެމެންނަށް ތަށްޓެއް ހައްގު އެހެންވެ އަލުން ފައިނަލުން ފުރުސަތު ހޯދަން ވަރަށް ބޮޑަށް ބޭނުންވި. މި ފަހަރު ނަސީބު ދެރަކަމުން އަހަންނަށް އަނިޔާވީ. އެކަމަކު އަހަންނަށް ޔަގީންކަން އޮތް އަހަރެމެންގެ ސްޓްރެޓެޖީއާ އެކު އަދި މިތިބަ ކުޅުންތެރިންނާ އެކު ފްރާންސް ބަލިކުރެވޭނެކަމުގެ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އަބަދުވެސް އުއްމީދަކީ ގައުމީ ޓީމާ އެކު ތަށްޓެއް ހޯދުން ކަމަށާއި މިއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ އުފާވެރި ކާމިޔާބީ ކަމަށެވެ.

ރޭގެ މެޗުގައި ލަނޑު ޖެހި އެޑާ ބުނީ ދަނޑަށް އެރުމުގެ ކުރިން ރޮނާލްޑޯ އޭނާ އަށް ހިތްވަރުދިން ކަމަށެވެ.

"ރޮނާލްޑޯ ބުނި އަހަންނޭ މޮޅުވާ ލަނޑު ޖަހާނީ. އޭނާ އަހަންނަށް ހިތްވަރުދިން. ރޮނާލްޑޯ އަށް އަނިޔާވުމުން ވަރަށް ބޮޑަށް މާޔޫސްވި. އެކަމަކު ރޮނާލްޑޯ، އޭނާގެ ކިބައިގައި ހުރި ހުރިހާ ހިތްވަރެއް އަހަރެމެންނަށް ދިން. އެއާ އެކު އޭނާއަށްޓަކައި އަދި ޕޯޗުގަލް ރައްޔިތުންނަށްޓަކައި މި މޮޅުވީ،" އެޑާ ބުންޏެވެ.