ޕެރިސް (ޖުލައި 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޕޯޗުގަލްގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދައިފި އެވެ.
މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 1994 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން އުފަންވެފައިވާ ކޮންމެ ކުޅުންތެރިޔަކަށް ވާދަކުރުމުގެ ފުރުސަތު އޮތް މި މަގާމް އޭނާ ހޯދީ ފްރާންސުގެ ކިންގްސްލީ ކޯމަން އަދި ޕޯޗުގަލްގެ ރަފައެލް ގުއެރޭރޯއާ ވާދަކޮށްގެންނެވެ.
މި އެވޯޑް ލިބޭ ކުޅުންތެރިޔާ ކަނޑައަޅަނީ ޔުއެފާގެ ޗީފް ޓެކްނިކަލް އޮފިސަރު އިއޮއާން ލުޕެސްކޫ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އަދި ފްރާންސުގެ ކުރީގެ މިޑްފީލްޑަރު އެލައިން ގިރޭސޭ ހިމެނޭ ކޮމިޓީއަކުންނެވެ.
ޕޯޗުގަލްގެ ބެންފީކާ އިން ވިދާލި ސަންޗޭސް އަންނަ ސީޒަނުގައި ފެންނާނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އޭނާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.
ޔޫރޯގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓް ހާސިލްކުރީ ފްރާންސުގެ އެންޓޮއިން ގްރިޒްމަން އެވެ. އޭނާ ވަނީ މުބާރާތުގައި ހަ ލަނޑު ޖަހައިފަ އެވެ. ތިން ލަނޑު ޖެހި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ރިހިބޫޓް ހޯދިއިރު ބްރޮންޒްބޫޓް ގެންދިޔައީ ފްރާންސުގެ އޮލިވާ ޖިރޯ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ވެސް އެހެން ބައެއް ކުޅުންތެރިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެކަމަކު ކުރި ލިބުނީ ކުޅެފައިވާ ވަގުތު ގިނަވުމުންނެވެ.