ބާލިން (ޖެނުއަރީ 20) – ދެހާސް ސައުވީސް ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ޖަރުމަނުން ބިޑްކުރަން ނިންމައިފި އެވެ.

ޖަރުމަނުން ރަސްމީކޮށް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 3 ވަނަ ދުވަހު އެވެ. މުބާރާތް ޖުމްލަ 10 ސްޓޭޑިއަމެއްގައި ބާއްވަން ޖަރުމަނުން ބޭނުންވާއިރު ސްޓޭޑިއަމްތަކުގެ ތަފްސީލްތައް މި އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާންކުރާނެ އެވެ. ޔޫރޯ ބާއްވާނެ ގައުމެއް ކަނޑައަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ރީންހާޑް ގްރިންޑެލް ވިދާޅުވީ މިއީ ޖަރުމަނުގެ ފުޓްބޯޅައަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އެންމެ މަތީ ފެންވަރުގެ ބިޑެއް އެ ގައުމުން ހުށަހަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމަށް ބޭނުންވާ ވަސީލަތްތައް ޖަރުމަނުގައި ފުރިހަމަވެފައިވާ ކަމަށާއި ހުރިހާ ގޮތަކުން ފުރިހަމަ މުބާރާތެއް ރޭވޭނެ ގާބިލްކަން އެބަހުރި ކަމަށެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމުން ވަނީ 1988 ވަނަ އަހަރުގެ މުބާރާތް ހޯސްޓްކޮށްފަ އެވެ. އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް އެ ގައުމުގައި ވަނީ ބާއްވައިފަ އެވެ. އެއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އެއް ވޯލްޑް ކަޕެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ފީފާ އަށް ބޮޑެތި ފައިދާތަކެއް އެ ފަހަރުގެ މުބާރާތުން ކުރި އެވެ.

ޔޫރޯ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގެ އެކި ގައުމުތަކުގެ 10 ސިޓީއެއްގަ އެވެ. އެއީ މުބާރާތަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ޔުއެފާ އިން ގެނައި ބަދަލެކެވެ.

މުބާރާތް 2024 ވަނަ އަހަރު ބާއްވަން ބިޑްކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ތުރުކީ އާއި ނެދަލެންޑްސް ހިމެނެ އެވެ. މީގެ އިތުރުން ރަޝިއާއާ ގުޅިގެން މުބާރާތް ބާއްވަން އެސްޓޯނިއާ އިން ޝައުގުވެރިވާއިރު ޑެންމާކާއި ސްވިޑަން އާއި ނޯވޭ އަދި ފިންލެންޑް ގުޅިގެން ވެސް މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.