މާލެ ކައިރިން ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާ ހިނގަން މެދުވެރިވުމުގައި ދައުލަތުގެ އިދާރާތަކުގެ އިހުމާލު ބަލައި، ފިޔަވަޅު އަޅަން މާލޭ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ. 

ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް ދެ ބޯޓު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންނެވެ.  އޮޔާ ގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެ ތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެ ފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ގެންދިޔަ އެވެ. 

އެއީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ދެ ބޯޓެވެ. އެ ބޯޓުގެ ފަޅުވެރިން ހާލުގައި ޖެހިފައި ތިބިިއިރު މިހާރު އެ ވަނީ ރާއްޖޭން ބޭރުގެ ސަރަހައްދަށް ފެތިފަ އެވެ. 

ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ ކަމަށެވެ. މާލޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާ ކަމަށް ވެސް ބުންޏެވެ. 

ކައުންސިލުން ވަނީ އެ ދެ ބޯޓު ރާއްޖެ އަށް އެތެރެވި ގޮތާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކަނޑައިގެން ގޮސް ފަރަށް އަރައި ބްރިޖުގައި ޖެހުނު މައްސަލަ ތަހުގީގު ކުރަން ޕަބްލިކް އިންކްއަރީއެއް ހެދުމަށް ގޮވާލައިފަ އެވެ. 

ފަރަށް ލިބުނު ގެއްލުން އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) މެދުވެރިކޮށް ބަލައި، ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ސިޓީ ކައުންސިލުން ގޮވާލި އެވެ. އަދި ބްރިޖަށް ލިބުނު ގެއްލުން ބަލަން އިންޖިނިއަރުންގެ އޮޑިޓެއް ހަދަން ވެސް ގޮވާލާފައިވެ އެވެ. 

ސިނަމާލެ ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން އެ ކަން ބަލާފައިވެ އެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި ބްރިޖަށް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ކޫރުންތަކެއް ހުރި ކަން ފާހަގަކުރެއްވި އެވެ.