މި އަހަރުގެ ޖުލައި މަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް "ގޯސްޓްބަސްޓާޒް: އާފްޓަލައިފް" އާ އެކު އިތުރު ފިލްމުތަކެއްގެ ތާރީހުތަކަށް ބަދަލު ގެނެސްފި އެވެ.
ކޮރޯނާވައިރަހާ ހެދި ފިލްމީ އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާ އިރު، ސޮނީ ޕިކްޗާޒުން ޖުލައި 10 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ފިލްމު މިހާރު ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 5 ގަ އެވެ. މިއީ މި އަހަރު ރިލީޒްކުރަން ނިންމި ބޮޑެތި ފިލްމުތަކުގެ ތެރެއިން އަންނަ އަހަރަށް ފަސްކުރި ދެވަނަ ފިލްމެވެ.
ކޮވިޑް-19އާ ހެދި އަންނަ އަހަރަށް ފަސްކުރި މި އަހަރުގެ ފުރަތަމަ ބޮޑު ފިލްމަކީ ކުރިން މެއި 20 ގައި ގެނެސްދޭން ނިންމާފައި އޮތް ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމު "އެފް9: ދަ ފާސްްޓް ސާގާ" އެވެ.
"ގޯސްޓްބަސްޓާޒް: އާފްޓަލައިފް" އަކީ ޖޭޒަން ރެއިޓްމަން ޑައިރެކްޓްކޮށްފައިވާ ސުޕަނެޗްރަލް ކޮމެޑީއެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ކެރީ ކޫން، ޕޯލް ރަޑް، ސިގޯނީ ވީވާ، ބިލް މުރޭ، މެކިނާ ގްރޭސް، އާނީ ހަޑްސަން އަދި އެނީ ޕޮޓްސް ހިމެނެ އެވެ.
މި ފިލްމާ އެކު ސޮނީން އަންނަ އަހަރަށް ފަސްކުރި ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ޖުލައި 31 އިން އަންނަ އަހަރުގެ މާޗް 19 އަށް ފަސްކުރި ޖެރެޑް ލެޓޯގެ "މޯބިއަސް" އާއި އޮގަސްޓް 7 އިން އަންނަ އަހަރުގެ ޖެނުއަރީ 15 އަށް ފަސްކުރި "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" ހިމެނެ އެވެ.
އަންނަ އަހަރަށް ފިލްމުތަކެއް ފަސްކުރި އިރު، ސޮނީން ވަނީ ފިލްމުތަކެއް ގެނެސްދޭ ތާރީހުތަކެއް އަވަސް ވެސްކޮށްފަ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ޖެނުއަރީ 15 އަށް ތާވަލުކުރި ކެވިން ހާޓްގެ "ފާދަހުޑް" ވަނީ މި އަހަރުގެ އޮކްޓޯބަރު 23 އަށް އަވަސްކޮށްފަ އެވެ.
މީގެ އިތުރުން މި އަހަރުގެ ޖުލައި 12 ގައި ގެނެސްދޭން އޮތް ޓޮމް ހޭންކްސްގެ "ގްރޭހައުންޑް" އަށް އާ ތާރީހަށް އިއުލާންކުރާނެ ކަމަށް ސޮނީން ބުންޏެވެ.