އިއްޔެ ފާހަގަކުރި ރާއްޖޭގެ ނަސްރު ދުވަހު ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރެފި އެވެ.

ރޭ ބޭއްވި ނަސްރު ދުވަހުގެ ރަސްމީ ޖަލްސާގައި އަލްބަމް ނެރެދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި އަލްބަމްގެ ތީމަކީ "މިންތީގެ ހަމަހަމަކަން" އެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ތީމަށް އަލްބަމްގެ ލަވަތައް ބިނާކުރީ ގައުމު ބިނާކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރާއި ހިއްސާ އެއްވަރަކަށް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް މުޖުތަމައު ހޭލުންތެރިކުރުމުގެ އިތުރަށް އެންމެން އެއް ރޫހެއްގައި ގައުމީ ހިދުމަތުގައި ބައިވެރިވުމުގެ ޝައުގާއި ވިސްނުން އުފައްދާ އާލާކުރުމުގެ ގޮތުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މުޅިން ވެސް އަމިއްލަ ރާގުގެ ދިވެހިވަންތަ ލަވަތައް ހިމެނޭ އަލްބަމްގެ ރާގުތައް ހަދާފައި ވަނީ ކެފްޓަން ކާނަލް އަލިމަނިކާއި ވޮރެންޓް އޮފިސަރު 1 އަބްދުﷲ އިލްހާމް އިބްރާހީމާއި ކޯޕްރަލް އަހްމަދު ޔާސިރާއި އިބްރާހީމް މޫސާ ފިކުރީ، ޝާޒް ސައީދާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ގެ އިތުރުން މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

ލަވަތަކުގެ ޅެންތައް ހައްދަވާފައި ވަނީ ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ހުސައިނާއި އާދަމް ނަސީރު އިބްރާހީމާއި އާދަމް އަބްދުއް ރަހްމާނާއި އާދަމް ހަލީމް އަދުނާނާއި އީސާ ސަރީފާއި އިއްޒަތް އަހުމަދު ނިޒާރު އަދި ކޮމާންޑް ސާޖަންޓް މޭޖަ އަބްދުﷲ ސައީދެވެ.

އަލްބަމްގެ ލަވަތައް ކިޔާފައި ވަނީ ރާފިއަތު ރަމީޒާ، މަރިޔަމް އަޝްފާ، ޒާރާ މުޖުތަބާ، އަމްރާ މުހައްމަދު އާމިރު، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، އައިޝަތު ޖައިޝާ ވަހީދު، ފާތިމަތު އިރާދާ، މަރިޔަމް ނަފްހާ، އައިޝަތު އަފާ، މަރިޔަމް އީނާޝް، އައިޝަތު ޔަރާ ޝަމާލް، އައިޝަތު އަމާނީ އަބްދުﷲ، ކުޑަ އިއްބެ، ތޭރަވާ، ހަސަން އިލްހާމް، ފަސްޓް ލެފްޓިނެންޓް ހުސައިން އަލީ، ހައިޝަމް މުހައްމަދު ރާޝިދު، ވޮރެންޓް އޮފިސަރު އެކެއް އަބްދުﷲ އިލްހާމް އިބްރާހީމް، ކޯޕްރަލް އަހުމަދު ޔާސިރު، ހަސަން ތޮލާލް، އަބްދުﷲ ނާސިފް އަދި އަހުމަދު ހިޝާމެވެ.

އެމްއެންޑީއެފުން މީގެ ކުރިން ވެސް ގައުމީ ލަވަތައް ހިމެނޭ އަލްބަމްތައް ނެރެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ބަހުރުވަތަކުން ގެނެސްދިން ލަވަތައް ހިމެނޭ އަލްބަމަކީ ވަރަށް ފާހަގަކޮށްލެވޭ އަލްބަމެކެވެ.