ޑާކް ރެއިން އެންޓަޓައިންމަންޓުން މިހާރު އެންމެ ފޯރީގައި ޝޫޓް ކުރަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" ގެ އާ ލަވައެއް އެހުންތެރިންނަށް އިއްވާލައިފި އެވެ.
ސައުންޑްކުލައުޑުން އަހައިލެވޭ ގޮތަށް މި ފަހަރު ދޫކޮށްލި ލަވައަކީ "ރޭ ރޭ" އެވެ. މިއީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއްގެ އާ ވާޝެނެކެވެ. ފަހުގެ ލަވަ އަޝްރާ ކިޔާފައިވާ އިރު، ލަވައިގެ މިއުޒިކަށް ޒަމާނީ ބަނޑިތައް ގެނެސް މިކްސިން އާއި މާސްޓަރިން ހަދާފައިވަނީ ޑާކް ރެއިންގެ ފިލްމުތަކަށް އާންމުކޮށް ލަވަ ހަދައިދޭ ފަތޯ އެވެ.
"ރޭ ރޭ" އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރައޫފުގެ މެލޮޑީއެކެވެ. އަދި ލަވައިގެ ޅެން ވެސް ހަދާފައި ވަނީ އޭނާ އެވެ. ކުރީގެ ލަވަ ކިޔާފައި ވަނީ މަހުމޫދާ ޝަކީބެވެ.
ހަތަރު ވަރަކަށް ލަވަ ހިމެނޭ "މާމުއި" އިން މީގެ ކުރިން ވަނީ، ފިލްމުގައި ހިމެނޭ "އަރައިގެން އައި އިރާއޭ" ލަވަ އާންމުކޮށްފަ އެވެ.
ޝޫޓިން މިހާރު ގާތްގަނޑަށް ނިމުމަކަށް އައިސްފައިވާ "މާމުއި" އަކީ އަންނަ އަހަރުގެ އެޕްރީލް 1 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެކެވެ.
ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމަކީ މި އަހަރު "ވަކިން ލޯބިން" ގެނެސް ދިން އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ.