ކުރު ތައާރަފަކުން ފަށަނީ ނަމަ، "ރިއްޓެގެ އެންމެންނަކީ" ވެސް ހުނަރުވެރިންނެވެ. ލަވަކިޔުންތެރިންނާއި ބޮޑުބެރުގެ ތަޖުރިބާކާރުންނާއި ފިލްމީ ތަރިންނާއި ފުޓްބޯޅަ ތަރިން ވެސް "ރިއްޓެމެންގޭގައި" އެބަ ތިއްބެވެ. އެކަމަކު ހަމަ ބުނަން ޖެހޭނީ އެވެރިންގެ އެންމެ މަޝްހޫރު ސިފަ އަކީ މިއުޒިކް ކުޅުމާއި ލަވަކިޔުމުގެ އާދަޔާހިލާފު ހުނަރު ކަމަށެވެ.
މަޝްހޫރު ހާބުރި ރަޝީދަށް ބައްޕަކިޔާ ރިއްޓެ އަކީ ވެސް ލަވަ އާއި މިއުޒިކްގެ ދުނިޔޭގައި އެފަދަ ދެ ވަނައެއް ނެތް ހުނަރުވެރިއެކެވެ. ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ވިލްދާން ފަދަ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ ހުވަފެން ދެކެމުންދިޔަ ރިއްޓެ މިއުޒީޝަކަށް ފައްކާކޮށްދިނީ މިއުޒިކަށް މިހާރު ވެސް މަރެއް ކަމަށްވާ ހާބުރި ރަޝީދެވެ.
ބައްޕަގެ ފިޔަވަޅުމަތިން ފެށި ގޮތަށް އޭނާ ކުރިއަށް ދަނީ ފަސްއެނބުރި ބެލުމެއް ނެތި އެވެ. އުމުރުން އެންމެ 11 އަހަރުގައި ރިސޯޓް މިއުޒިކް ކުޅެން ފެށި ރިއްޓެ އެގޮތުގައި މެދުނުކެނޑި މިއުޒީޝަނެއްގެ "ރަސްމީ ވަޒީފާ" އަދާކުރާތާ މިހާރު 14 އަހަރު ވީ އެވެ.
ލަވައެއް ހިޓެއްގެ ދެ ވަނަ ސެގްމަންޓުގައި އޭނާ ޕާފޯމްކޮށްފައިވާ ހިތްގައިމު ލަވަ "އެންމެން" އަކީ އޭނާގެ 14 އަހަރު ވީ ކެރިއަރުގެ އެންމެ ހާއްސަ އެއް ލަވައޭ ބުނެވިދާނެ އެވެ. ރިއްޓެ ބުނަނީ މި ލަވަ އަކީ ބައިބައިވުމާއި ފިތުނަ ފަސާދަ އާއި ހަސައިގެ ވަޅުގަނޑަކަށް ވެއްޓިފައި އޮތް މި މުޖުތަމައަށް އޭނާ ގަތައިދޭ މިއުޒިކްގެ ފަރުވާއެއް ކަމަށެވެ.