(އާދިއްތަ ދުވަހާ ގުޅޭ)

އާދަނާއި ދޮންކަމަނަގެ ކައިވެނީގެ ކުޑަކުޑަ ހަފުލާއަށް ގޯތިތެރެ އޮތީ ތައްޔާރުވެފައެވެ. ކައިވެނީގެ ގޮށްޖަހަން ހަމަޖެހިފައި އޮތީ ރޭގަނޑު ހަތެއްޖަހާ އިރުއެވެ. ތަނަށް ފެތުރިފައިވަނީ ހުވަނދުމަލާއި ފިނިފެންމަލާއި ކަނީރުމާ އެކުވެގެން އުފެދިފައިވާ މީރުވަހެކެވެ. ގޯތި ތެރޭގައި ހުރި ކުޑަ ފެނާރުން ކުޅެމުންދިޔަ މަޑުމަޑު މިޔުޒިކަށް ސަމާލުކަންދީގެން، ބަގީޗާ ތެރޭގައި ފޮރުވިފައި ހުންނަ އުނދޯލީގައި ހަފީޒާ އިނެވެ. ދޮންކަމަނަ ހަވީރުއްސުރެ ތައްޔާރުވަނީއެވެ. އާދަނު އަންނަން ކައިރިވެއްޖެއެވެ. ދައުވަތު ދީފައިވާ މަދު މެހުމާނުންގެ ތެރެއިން ބައެއް މެހުމާނުން އައިސް ގޮނޑިތަކުގައި އިށީންނަން ފަށައިފިއެވެ. އޭގެ ތެރޭގައި ދޮހޮއްކޮއާއި ދޮންމަނިކު ވެސް ހިމެނެއެވެ. 

ގަޑީގެ ކަށި ހަތަކާ ދިމާއަށް ފިރުކެމުންދިޔަ އިރު ހަފީޒާއަށް ހީވަނީ ވަގުތު މަޑުޖެހިފައިވާ ހެންނެވެ. ދޮންކަމަނަ އާއި އާދަނު ކައިވެނިކުރަން ހަފީޒާ ބޭނުމެވެ. ހަފީޒާއެކޭ އެއްފަދައިން އާދަނު ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ހަފީޒާ ބޭނުމެވެ. ވީ އިރު ހަފީޒާ ވާން ޖެހޭނީ އުފަލެވެ. އެހެނެއް ނުވިއެވެ. ހީވާ ކަހަލައެވެ. ހަފީޒާ އިނީ ގުންޑޮޅިއެއް މަތީގައެވެ. ކޮންމެ އިރަކު ވެސް ގުންޑޮޅި ކަނޑައިގެން ހިނގައިދާނެއެވެ. އެ ހާސްކަން ހަފީޒާގެ މޫނުމަތިން ބޭޒާރުވާކަށް ހަފީޒާ ބޭނުމެއް ނޫނެވެ. ހިނިތުންވުމެއް ތުންފަތުގައި ކުރެހޭތޯ ހަފީޒާ ހައިނުކޮށް މަސައްކަތްކުރީ އެހެންވެއެވެ. އާދަނާއި ދޮންކަމަނަގެ ކައިވެންޏަކީ އުމުރަށް ފެންބޮވާނެ ކަރުހިއްކުމަކަށް ވާނެކަން ހަފީޒާއަށް ޔަގީންވެއްޖެއެވެ. ސާދާ ފޭރާމަކުން ގޯތިތެރެ ނަލަހައްދައިފައި އޮތް ނަމަވެސް ހަފީޒާއަށް އެއީ އުފާވެރި ހަފުލާއެއް ނޫނެވެ. ހަމަހިމޭން ވައުދެކެވެ. 

"ހަފީޒާ! ހަފީޒާ!" ހިތްނުތަނަވަސް ދޮންކަމަނަގެ މާސޫމު އަޑު ހަފީޒާއަށް އިވުނެވެ. 

ހަފީޒާ އުނދޯލިން ތެދުވެގެން ހިނގައިގަތެވެ. ދޮންކަމަނަ ހުރީ ފެންޑާގައެވެ. ކަސަބު ބޯވަޅުއެޅި ދިވެހި ލިބާހުގައެވެ. ބޮލުގައި ރުމާފަޅި، ކަރުގައި ފަށްޓަރުބައި، ކަންފަތުގައި މުދިބައި، އަތުގައި އުޅާބައި އޮތެވެ. ތިން ހިރު ފެންނަ، ކަޅާއިހުދުގެ ފޭލި އޮތީ އެއްކޮޅަށް ކުޑަކޮށް ސޮހިފައެވެ. އެ ވަރުން ވެސް ދޮންކަމަނަ ހީވަނީ ފަރިފަރި ޕަރީއެއް ހެންނެވެ. ހަފީޒާ ހިތަށްއެރިއެވެ. ދޮންކަމަނަ ހާދަ ހިތްވަރުގަދައެވެ. ހުރިހައި ކަމެއް އެނގި ހުރެ އާދަނު ގަބޫލުކޮށްފިއެވެ. އެއްވެސް ޝައްކެއް، ޝަކުވާއެއް ނެތެވެ. ހިތްވަރުގަދަ އަންހެނުންނަކީ އެއީއެވެ. 

"ހިނގާ ފޭލި ރީތިކޮށްލަން ދޯ؟" ހަފީޒާ ބުންޏެވެ. "އަތަރު ވެސް ލާންޖެހޭނެ. ޖެހޭނެއްނު މީރުވަސް ދުއްވައިލަން. ދޮންކަމަނަ ފެނުނީމަ އާދަނު އަންތަރީސްވާ ވަރު ކޮށްލަންވާނެ."

ހަފީޒާގެ ދުލާއި ހިތް ދިމައެއްނުވެއެވެ. ދޮންކަމަނަ އަތުގައި ހިފައިގެން ހިނގައިގަތް ވަގުތު ވެސް ހިތް ބުންޏެވެ. ތި ކުރަނީ ކީއްހެއްޔެވެ؟ ކައިވެނި ހުއްޓުވާށެވެ. ނޫނީ ފަހުން ދެރަވާނެއެވެ. ހަފީޒާ ހިތާހިތުން ބުންޏެވެ. ނޫނެކެވެ. އަހަރެން ދެކެ ނުހަނު ލޯބިވާ ފިރިޔަކު އެބަ ހުއްޓެވެ. ދެރަވާންވީ ކޮން ކަމަކާ ހެއްޔެވެ؟

"އަޅުގަނޑު އެއްޗެއް އަހާލަންތޯ؟" ދޮންކަމަނަ ބުންޏެވެ. 

"މިހާރު ކީކޭ އަހަން ތި އުޅެނީ؟" ހަފީޒާ ސުވާލުކުރިއެވެ. "ދޮންކަމަނަ ނާހާނެ ސަހަލު ސުވާލެއް."

"ބިރުގަތީތޯ؟" ހީނގެންފައި ދޮންކަމަނަ އެހިއެވެ. 

"ގަންނާނެއްނު! ކޮންމެ ފަދަ އެއްޗެއް ވެސް އަހާފާނެވިއްޔަ!" ހަފީޒާ ޖަވާބު ދިނެވެ. "އަހާބަލަ!"

"އަޅުގަނޑު އާދަނާ އިނަސް ހެޔޮތޯ؟" ދޮންކަމަނަ ސުވާލުކުރިއެވެ. 

ހަފީޒާއަށް ހުއްޓެވުނެވެ. ހިތަށްއެރިއެވެ. ދައްކަންވާ ވާހަކަ އާއި ނުދައްކަންވާ ވާހަކަ އާދަނަށް އެނގޭ ނަމަ އަހަރެން މި ފަދަ ލަދަކާ ކުރިމަތިލާކަށް ނުޖެހުނީހެވެ. 

"ދޮންކަމަނާ! ތީ ކޮން ކަހަލަ ސުވާލެއް؟" ހަފީޒާ ބުންޏެވެ. "އަހާފާނެ ކޮންމެ ފަދަ އެއްޗެއް ވެސް."

"އަންހެންކުއްޖެއްގެ ހިތް އެންމެ ރަނގަޅަށް އެނގޭނީ ވެސް އަންހެންކުއްޖަކަށް ނޫންތޯ؟" ދޮންކަމަނަ ވަރަށް އަދަބުވެރިކަމާ އެކުގައި ބުންޏެވެ. "އެއްވެސް އަންހެންކުއްޖަކު އޭނަގެ ފުރަތަމަ ލޯބި ހަނދާނެއް ނުނެތޭނެ. އެ ވަރިހަމަ ކިތަންމެ ހިތި ތަޖުރިބާއަކަސް."

ހަފީޒާ ހިތަށްއެރިއެވެ. ނޫނެކެވެ. އާދަނަކީ ހަފީޒާގެ ހަޔާތުގެ އެންމެ ފޮނި، އެންމެ ރީތި ތަޖުރިބާއެވެ. އާދަނުގެ ލޯބި މާމުޔަށް ވުރެ ފޮންޏެވެ. ކަނޑަށް ވުރެ ފުނެވެ. އުދަރެހަށް ވުރެ ފުޅައެވެ. 

"މީހުން ކިޔާނެ އަޅުގަނޑު ވަރަށް ސޭކުވާނޭ،" ދޮންކަމަނަ ބުންޏެވެ. "ލާނެތްވާނޭ ވެސް ބުނާނެ. އުމުރާ ނުގުޅޭ ވާހަކަ ދައްކައޭ ވެސް ބުނާނެ. އަޅުގަނޑު ބުނާނީ އެހެން ގޮތަކަށް. އަޅުގަނޑަށް ވަރަށް ކެރޭނެ. ފަހުން ކޮންމެ ގޮތެއް ވިޔަސް ބުނަންވީމަ ބުނެލާނެ. އަޅުގަނޑު ވަރަށް އަވަހަށް ރުޅި ވެސް އަންނާނެ. އެކަމަކު ނުކުރާނެ ކަމެއް ދަންނަވާފާނަން. ރުޅި އައިސްގެން ލޯބިވެރިޔާ ފަހައިގަތަސް ލޯބިވެރިޔެއް ޖަހައެއް ނުގަންނާނަން. އެހެން މީހުން އަޅުގަނޑަށް ކަންތައް ކުރި ގޮތަކަށް އަޅުގަނޑު ކަންތަކެއް ނުކުރާނަން."

ހަފީޒާ ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ ހުއްޓެވެ. އެހެނަސް ހާލަތާއި މަގާމު ހަފީޒާއަކަށް ތަނެއްނުދިނެވެ. 

"އާދަނަކީ މިހާރު އަހަރެންގެ މާޒީ،" ހިތާދެކޮޅަށް ހަފީޒާ ބުންޏެވެ. "މުސްތަގުބަލަކީ އަހަރެން ފިރިމީހާ."

ހާޒިރުވި ހާއްސަ މެހުމާނުންނާ އެކު ކައިވެނީގެ މަޖިލިސް ފެށުނެވެ. ކަލޭފާނާއި ދޮންކަމަނަ އާއި އާދަނު ވެސް އިނެވެ. ހަލުވި ހިނގުމެއްގައި އައި މީހަކު ދޮރާށިން ވަދެގެން އައިސް ދުރުގައި މަޑުކޮށްލައިގެން ވިސްނަން ހުއްޓެވެ. ދޮންކަމަނައާ ދިމާއަށް އާދަނު ވައްކަޅިން ބެލިއެވެ. ދޮންކަމަނަގެ އައިބެއް ނެތެވެ. ޒުވާނެވެ. ފަރިކަން ދެ ގުނަވެފައިވާ ދޮންކަމަނަ ބައެއް ފަހަރު ހީވަނީ ހަފީޒާ ހެންނެވެ. އެ ފަދަ ކޮންމެ ފަހަރަކު އާދަނަށް ހިތާހިތުން ބުނެވެއެވެ. އަހަރެންގެ ހިތާއެވެ. ހަފީޒާއަކީ ސިފައެއް ނޫނެވެ. ލޯބީގެ އަސަރުގަދަ ޖަޒުބާތެކެވެ. އަންހެނެއްގެ ހުވަފެނީ މިސާލެކެވެ. އެ ވަހެއް ގައިގަ ބީހުމުން ދާއިމަށް ދެމިހުންނަ ހުވަނދެކެވެ. 

ހަފީޒާ އުޅުނީ ކޮޓަރީގައެވެ. އެކި ފަހަރު އެކި ކަންތައް ކޮށްގެން ހިތް ރުއްސޭތޯ އުޅުނު ނަމަވެސް، އެއްވެސް ކަމަކާ ހަފީޒާ ގަޔާވާ ގޮތެއް ނުވިއެވެ. ވެގެން އުޅެނީ ކީއްކަން ހަފީޒާއަށް އެނގެއެވެ. ހަގީގަތް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. 

"ދަރިފުޅާ!" ދޮރުގައި ޓަކިޖަހާލައިފައި ކަލޭފާނު ގޮވައިލެއްވިއެވެ. 

ހަފީޒާ ހިތަށް އެރިއެވެ. ބައްޕަ އެ އުޅުއްވަނީ ހަފީޒާ ގެންގޮސް ކައިވެނީގެ މަޖިލީހުގައި ބައިވެރިކުރާށެވެ. އެ ކަމެއް ނުވާނެއެވެ. އެ ތަނުގައި ހަފީޒާ އިނުމުގެ އެއްވެސް މާނައެއް ނެތެވެ. ބައްޕަ އަހައިފިއްޔާ ބުނާނަމެވެ. އަޅުގަނޑު ކުރަން ހުރި ވަރަށް ގިނަ ކަންތައް އެބަ ހުއްޓެވެ. ހަފުލާގައި ފަހުން ބައިވެރިވާނަމެވެ. 

"އަޅުގަނޑު އިރުކޮޅަކުން ދާނަން،" ހަފީޒާ ބުންޏެވެ. "ބައްޕަ ދުރުވޭ!"

ކަލޭފާނު ދޮރު ހުޅުވައިލެއްވިއެވެ. ހަފީޒާއަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. 

"ކިހިނެއްތޯވީ؟" ކަލޭފާނުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުމުން ހަފީޒާއަށް އެހުނެވެ. 

"މާތް ރަސްކަލާނގެ ދަރިފުޅަށް ކެތްތެރިކަން ދެއްވާށި!" ކަލޭފާނު ބުނުއްވިއެވެ. 

ކައިވެނީގެ މަޖިލިސް ނިމި ކެއުމަށް އިންސާފުކުރެވެމުންދިޔަ ވަގުތެވެ. ގޯތި ތެރޭގައި ބަހައްޓާފައި ހުރި ބޮޑުމޭޒު ކައިރީގައި އާދަނާއި ދޮންކަމަނަ ވެސް އިށީނދެގެން ތިއްބެވެ. ސުފުރާމަތި ފެނިފައި އާދަނުގެ ހިތުގައި ސުވާލު އުފެދުނެވެ. އާދަނަށް ކުރިން ހީވެފައި އޮތީ އާދައިގެ ސަޔެއް އޮންނާނެ ކަމުގައެވެ. ތައްޔާރުކޮށްފައި ހުރީ ކެއުމެކެވެ. ބަތާއި ކުކުޅު އަލުވިރިހަ އާއި މުގުރިހަ އާއި ކޭލު ހިކިފޮނިރިހަ އާއި ފިޔާސަޓަންޏާއި ހަނާކުރިމަހާއި ޕާޕަރެވެ. ސާގުބޮނޑިބަތާއި ފޮނި ކުކުޅުބިސްގަނޑާއި ދޮންކޭލާއި ހަކުރާއި ސޮޑާ ވެސް ހުއްޓެވެ. އެއީ ހުވަފެނުން ވެސް އާދަނު ނުދެކޭ ފެންވަރުގެ ޖާފަތެކެވެ. އެންމެން އަންތަރީސް ކުރުވިއެވެ. އާދަނު އަންތަރީސްވީ ހަފީޒާ ނުފެންނާތީއެވެ. ކަލޭފާނު ދުރުވި ސަބަބެއް ނޭނގޭތީއެވެ. އިރުއިރުކޮޅާ ވަށައިގެން ހޯދެއެވެ. 

"ކޯޗެއް ތި ހޯދަނީ އާދަނާ؟" ދޮންކަމަނަ އެހިއެވެ. "މީނީއޭ މަ."

"ކަލޭފާނު ނުފެންނާތީ.." އާދަނު ބުންޏެވެ. 

"ހުސް ދޮގު!" ލާނެތް ރާގަކަށް ދޮންކަމަނަ ބުންޏެވެ. "ހަފީޒާ ނުފެންނާތީ ދޯ؟"

"މަނަވަރު ހިނގައިދާނެ އެހެން ތަނަކަށް ވެސް،" ހިތަށް ހަމަޖެހުން ހޯދައިދޭން މަސައްކަތްކުރަމުން ހަފީޒާ ބުންޏެވެ. "މިހާރު ހަނގުރާމަ ނިމިއްޖެ! ވެދާނެ ކަނޑު ގަދައީ ކަމަށް ވެސް. ބޮޑުސިންގާ މަނަވަރެއް ޓަސްލާފަ ނުއެއް ގެއްލޭނެ. އަޅުގަނޑުމެން ހިނގާ އައްޑޫއަށް ދަމާ!"

ހަފީޒާގެ ނަޒަރުގައި، ފިރިމީހާއާ ހަވާލުވެގެން ތިބީ މަނަވަރަށް ކަމެއް ވިޔަސް ފިރިމީހާ ސަލާމަތް ކުރެވޭ ވަރުގެ ބަޔަކެވެ. އެކަމަކު އާދަނު ގެއްލިއްޖެއެވެ. ދެން އޮތް ގޮތަކީ، ރޯލަން ލިބުނު ބަހަނާގެ ބޭނުންކުރުމެވެ. 

"ދިޔަކަސް ކުރާނެ ކަމެއް ނޯންނާނެ ދަރިފުޅާ!" ކަލޭފާނު ބުނުއްވިއެވެ. "ސިލޯނުން މެސެޖެއް ލިބޭ އިރަށް މި ކޮޅަށް އެބަ އަންގައޭ! އަދި ނުބުނެއޭ މަނަވަރަށް ކަމެއްވި ވާހަކައެއް. ނުފެނިގެން އުޅޭ ވާހަކަ ބުނީ. ބައްޕަ ބޭނުންވީ ދަރިފުޅަށް އެ ކަން އަންގާލަން. އިނގިރޭސީންނަކީ ނުލާހިކު މޮޅު ބައެއް. އެ މީހުންގެ މަނަވަރަކަށް ގެއްލުމެއް ނުދެވޭނެ. މަނަވަރު ފެންނާނެ. ދަރިފުޅު ހިނގާ ކާން."

ހަފީޒާ ބޭނުންވީ ކޮޓަރީގައި އިންނާށެވެ. ކަލޭފާނު އެކި ވާހަކަ ދައްކަވައިގެން ހަފީޒާ ކޮޓަރިން ނެރުނެވެ. ކާމޭޒު ކައިރިއަށް ގެންދިޔައެވެ. ހަފީޒާ ހުއްޓައިނުލައި ކަލޭފާނާ ވާހަކަދެއްކިއެވެ. އާދަނާ ދިމާއަށް ބެލިދާނެތީ ހަފީޒާ ބިރު ގަންނަ ކަހަލައެވެ. ދެބަފައިން ގޮނޑީގައި އިށީން ވަގުތު ދޮރާށި ކައިރި ތަންކޮޅެއް ހަލަބޮލިވިއެވެ. ސިފައިންގެ ހަތަރު މީހަކު ވަދެ ދެ ފަރާތުގައި އެތުރިލި ވަގުތު ކިލެގެފާނު ވަދެވަޑައިގަތެވެ. ގައުމުގެ ވެރިމީހާއަށް ވުރެ ބޮޑަށް ކިލެގެފާނާއި ދޮށީމަނިއްޕުޅާ ދެމެދުގައި އޮތީ އާއިލީ ގުޅުމެކެވެ. އާދަނުގެ ކައިވެނީގެ ހަފުލާއަށް ކިލެގެފާނަށް ދައުވަތު އެރުވިއެވެ. ނަމަވެސް، ރަސްމީ ކަމެއްގައި އަވަދިނެތި އުޅުއްވާތީ ވަޑައިނުގަނެވޭނެ ކަމަށް އޮތީ ވިދާޅުވެފައެވެ. ނިކަން ހަރުކޮށް ކިލެގެފާނު ވަޑައިގަންނަވާ ތަން ފެނުމުން، އިށީނދެގެން ތިބި އެންމެން ކޮޅަށް ތެދުވިއެވެ. އާދަން ކަލޭފާނު ވެސް މެއެވެ. އެ ވަޑައިގެންނެވި ގޮތަށް ވަޑައިގެން ކަލޭފާނާ ސަލާން ކުރައްވާފައި، ކަންފަތް ކައިރީގައި ސިއްރެއް ވިދާޅުވިއެވެ. އާދަން ކަލޭފާނު އަރިއަޅައިލި ނަމަވެސް ސާބިތުވެ ކޮޅަށް ހުންނެވިއެވެ. އާދަނަކަށް ވާނުވާއެއް ނޭނގެއެވެ. ކިލެގެފާނު ދެން ހަފީޒާޔާ ހަތަރުކަޅި ހަމަކުރެއްވިއެވެ. 

"އެތެރެއަށް ހިންގަވާ!" ކިލެގެފާނު ވިދާޅުވިއެވެ. 

"ކިހިނެއްތޯ ވީ؟" ހަފީޒާ ސުވާލުކުރިއެވެ. 

އާދަން ކަލޭފާނު ހަފީޒާގެ އަތުގައި ހިއްޕެވިއެވެ. ދެބަފައިންނާ އެކުގައި ކިލެގެފާނު ވެސް އެތެރެއަށް ވަޑައިގަތެވެ. 

"ކިހިނެއްވީތަ؟" ދޮންކަމަނައަށް ބުނެވުނެވެ. 

"އަހަރެން ވެސް ހަމަ ތިހެން މި ހިތަށް އަރަނީ." އާދަނު އެހެން ބުނެފައި ވަށައިގެން ހޯދައިލިއެވެ.

ދޮންމަނިކު ތެދުވެގެން އަތް ވެސް ނުދޮވެ ގޮސް، ދުރުގައި ހުރި ސިފައިންގެ މީހަކާ ވާހަކަ ދައްކާލައިފައި އާދަނާ ދިމާއަށް އަންނަން ފެށިއެވެ. މުޅި ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ކުއްލިއަކަށް ހަފީޒާ ހަޅޭއްލަވައިގަތް އަޑުއިވުނެވެ. 

"ދޮށީމަނިއްޕުޅު އަވަހާރަވެއްޖެ!" އާދަނު ގާތުގައި ދޮންމަނިކު ބުންޏެވެ. (ނުނިމޭ)