އާޔަތުލް ކުރުސި ކަނޑައިނަގައިގެން ލިޔެފައިވާ ތާރީހީ ފަށެއް އަޅައިގެން ދިވާލީ ފާހަގަކުރުމުން، ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ނޯޓިސްއެއް ފޮނުވައިފި އެވެ.
އެ ނޯޓިސް ފޮނުވާފައި ވަނީ އިންޑިއާގެ އިޖުތިމާއީ އެކްޓިވިސްޓެއް ކަމަށްވާ އައްބާސް ހަފީޒް އާއި މުސްލިމް މުޖުތަމައުގެ ބައެއް މެންބަރުން އެކަމާ މެދު ނުރުހުން ފާޅުކޮށް އިހުތިޖާޖުކުރުމާ ގުޅިގެންނެވެ.
ދިވާލީގެ ހަފުލާއަކަށް ޑިޒައިނަރު ޕުނީތު ބަލާނާ ފަރުމާކޮށްފައިވާ ބެއިޖް ކުލައިގެ ކަފްތާން ހެދުމަކާއި ފަގުޑިއަކާ އެކު ކަރީނާ އަޅާފައި ވަނީ 30 ކެރެޓުގެ އެމެރަލްޑް ފަށެކެވެ. އަދި އޭނާގެ ފަގުޑީގައި ޖަހާފައިވާ "ކަލްގީ" އަކީ ފިރިމީހާ ސައިފް އަލީ ޚާންއާ ކައިވެނި ކުރި ދުވަހު ސައިފް ބޭނުންކުރި ގަހަނާއެކެވެ.
ކަރީނާގެ ސްޓައިލިސްޓް ރިއާ ކަޕޫރު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ކަރީނާ އަޅައިގެން ހުރި 200 އަހަރުވީ ކަލްގީ އާއި އާޔަތުލް ކުރުސި ލިޔެފައިވާ 30 ކެރެޓުގެ އެމެރަލްޑް ފަށަކީ ބޯޕާލްގެ ޝާހީ އާއިލާގެ ތަރިކައެކެވެ.
އެ ގަހަނާތަކަކީ ކުރިން ބޯޕާލްގެ ބޭގަމް ބޭނުންކުރެއްވި ތަކެތި ކަމަށާއި، އަދި އެއީ ސައިފް އާއި ކަރީނާ ކާވެނިކުރުމަށް ފަހު އާއިލީ ތަރިކައިގެ ގޮތުގައި ކަރީނާއަށް ލިބިފައިވާ ތަކެތި ކަމަށް ރިއާ ބުނެފައިވެ އެވެ.
ސައިފްގެ މާމާ ސާޖިދާ ސުލްތާނަކީ ބޯޕާލްގެ އެންމެ ފަހުގެ ނަވާބުގެ ބޭފުޅެކެވެ.
"ދިވާލީއަކީ ސަގާފަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިރުވުން" ކަމަށް ލިޔެ، ކަރީނާ އެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
ހާއްސަކޮށް ކީރިތި ގުރުއާނުގެ މާތް އާޔަތެއް ލިޔެފައިވާ ގަހަނާއެއް އެހެން ދީނެއްގެ އަޅުކަމާއި އީދެއްގެ ހަފުލާގައި ބޭނުންކުރުމަކީ އިސްލާމް ދީނަށް އިހުތިރާމް ކުޑަކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި ކަރީނާ އަދި ސައިފް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސައިފް ކުރިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާއަކީ މުސްލިމެއް ނަމަވެސް، ދީނީ ކަންކަމަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދެ އެވެ. ގަވާއިދުން ނަމާދު ނުކުރާއިރު ރޯދަ ވެސް ނުހިފާ ކަމަށް ސައިފް ބުނެފައިވެ އެވެ.
ހިންދޫއެއް ކަމަށްވާ ކަރީނާ ކުރިން ބުނެފައިވާ ގޮތުގައި، އޭނާއަކީ ހުރިހާ ދީނަކަށް ވެސް ވަރަށް އިހުރިތާމްކުރާ މީހެކެވެ.