ހިންދީ ސިނަމާގެ ލެޖެންޑަރީ ތަރިން ކަމަށްވާ މަދޫބާލާ އާއި މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދުމަށް ނިންމާފައިވާ ބަޔޯޕިކް ފިލްމުތަކުގެ މަސައްކަތްތައް އެކި ސަބަބުތަކާ ހުރެ މަޑުޖައްސާލައި، ފަސްކޮށްފި އެވެ.

ފިލްމްފެއާގެ ރިޕޯޓެއްގައި ބުނީ މި ދެ ފިލްމު ހެދުމުގެ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ޕްރޮޑަކްޝަން މަރުހަލާއަށް ދިއުމުގައި ބޮޑެތި ކުރިއެރުންތަކެއް ނުލިބި ތާށިވެފައިވާ ކަމަށެވެ.

މީނާ ކުމާރީގެ ބަޔޯޕިކަށް ބަލާއިރު، އެ ޕްރޮޖެކްޓަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ފުރަތަމަ އެ ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހުނީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އެވެ. އަދި ލީޑް ރޯލަށް ކްރިތީ ސެނަން ހަމަޖެއްސި ކަމަށް އަޑުއެރި ނަމަވެސް، މަނީޝް އެ ޕްރޮޖެކްޓުން ވަކިވުމުން އެ ވާހަކަ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އޭގެ ފަހުން ކިއާރާ އަދްވާނީ އެ ރޯލު ކުޅެފާނެ ކަމަށް އަޑުފެތުރުނު ނަމަވެސް، އެކަމާ ގުޅޭ ގޮތުން ޕްރޮޑަކްޝަނުން ރަސްމީ އެއްވެސް ނިންމުމެއް ހާމަކޮށްފައެއް ނުވެ އެވެ.

މަދޫބާލާގެ ހަޔާތުގެ ވާހަކަ ގެނެސްދިނުމަށް ޑައިރެކްޓަރު ޖަސްމީތު ކޭ ރީން ތައްޔާރުވަމުންދިޔަ ފިލްމަށް ވެސް ވަނީ ހުރަސްތަކާ ކުރިމަތިލާންޖެހިފަ އެވެ. ސާރާ އަރުޖުން މައި ރޯލުން ފެންނާނެ ކަމަށް ބެލެވުނު މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކުރިން ބަޖެޓުގެ މައްސަލަތަކެއް ދިމާވި ނަމަވެސް، ބަންސާލީ މި ޕްރޮޖެކްޓާ ގުޅުމުން މަސައްކަތް ހަލުވިވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް މިހާރު މި ފިލްމުގެ މަސައްކަތް ވެސް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައި ކަމަށް ފިލްމްފެއާ އިން ބުންޏެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ދެ ފިލްމު ހެދުމަށް ބެލުންތެރިންނާއި އިންޑަސްޓްރީގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތް ނަމަވެސް، މަސައްކަތްތައް އަލުން ފެށޭނެ ސީދާ ތާރީޚެއް އަދި ސާފެއް ނުވެ އެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ކުރިމަގާ މެދު އުފެއްދުންތެރިންގެ ފަރާތުން ރަސްމީ ބަހެއް ލިބޭނެ އިރަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.