އިންޑިއާގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރު އުމުރުން 75 އަހަރުގައި އިއްޔެ މަރުވި ނަމަވެސް، އޭނާ މަސައްކަތް ފުރިހަމަކޮށްފައިވާ ތިން ފިލްމެއް އަދި ރިލީޒްނުވެ އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އެ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކުރާ ބަޔޯޕިކް ފިލްމު "އީތާ" އެވެ. ޝްރައްދާ ކަޕޫރާއި ރަންދީޕް ހޫޑާ އަދި ނާނާ މުހިންމު ރޯލުތަކުން ފެންނަ އެ ފިލްމަކީ މަހާރާޝްތުރާގެ ފޯކް އާޓިސްޓް ވިތާބާއީ ނާރާޔަންގާއޮންކަރުގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

"އީތާ" ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހު ހަތަރެއްގަ އެވެ.

ދެވަނަ ފިލްމަކީ މެޑޮކް ފިލްމްސް އިން އުފައްދާ ހޯރާ-ކޮމެޑީ ފިލްމު "ޝަކްތީ ޝާލިނީ" އެވެ. އަދިތުޔާ ސަރްޕޮތުދާރު ޑައިރެކްޓްކުރާ އެ ފިލްމުގައި ނާނާގެ އިތުރުން އަނީތު ޕައްޑާ އަދި ވިޝާލް ޖެތުވާ ފެންނާނެ އެވެ.

އެ ފިލްމު އަންނަ ޑިސެމްބަރު 24 ގައި ނުވަތަ އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.

ތިންވަނަ އުފެއްދުމަކީ އަނަންތު ނާރާޔަން މަހާދޭވަން ޑައިރެކްޓްކޮށްފައިވާ ކްރައިމް ޑްރާމާ "ދަ ކޮންފެޝަން އޮފް މޭރީ" އެވެ. އެއީ 1966 ގައި ކެރަލާގައި ހިންގި މޭރިޔައްކުއްޓީ މަރުގެ ހާދިސާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެވެ. އެ ފިލްމުގައި ނާނާ ޕާޓޭކަރުގެ އިތުރުން އަދިލް ހުސައިން އަދި އަޝީޝް ވިދުޔާތީ ބައިވެރިވެ އެވެ. 

އެ ފިލްމުގެ ޑަބިން މަސައްކަތުގައި ނާނާ ކިޔަންޖެހޭ އެންމެ ޑައިލޮގެއް ފިޔަވައި ބާކީ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. އަދި އެ ފިލްމު ރިލީޒްކުރާ ތާރީޚެއް އަދި ނޭނގެ އެވެ. 

ގޯއާގައި ހުންނަ އޭނާގެ ގޭގައި ހުއްޓައި އުމުރުން 75 އަހަރުގެ ނާނާއަށް ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން އިއްޔެ ވަނީ މަރުވެފަ އެވެ. އިންޑިއާ ސަރުކާރުން ވަނީ ރަސްމީ އިއްޒަތުގައި އޭނާގެ ޖަނާޒާ ރޭ ދަންވަރު ޕޫނޭގައި ބާއްވައިފަ އެވެ.