ބޮލީވުޑް ފިލްމު "ހީރޯ"ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަލްމާން ޚާން ފިލްމްސް (އެސްކޭއެފް) އިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އެ ފިލްމުގެ މަޝްހޫރު ލަވަ "މޭ ހޫން ހީރޯ ތޭރާ" އުފެއްދި މިއުޒިކް ކޮމްޕޯޒަރާއި ލިރިސިސްޓުގެ ނަން ހިމަނާފައި ނުވާތީ، މިއުޒިކް ކޮމްޕޯޒަރު އަމާލް މަލިކް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
"ހީރޯ"އަކީ މީގެ 11 އަހަރު ކުރިން 2015 ގައި ނުކުތް ފިލްމެކެވެ.
އަމާލް މަލިކް އެސްކޭއެފްގެ އިންސްޓަގްރާމް ޕޯސްޓަށް ކުރި ކޮމެންޓުގައި ބުނެފައި ވަނީ އާންމުންގެ މަގުބޫލުކަން ލިބުނު ލަވައެއް އުފެއްދުމަށް މިއުޒިކް ކޮމްޕޯޒަރާއި ލިރިސިސްޓު ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ނުކޮށް، އެމީހުންގެ ނަން އުނިކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާ ބަލަހައްޓާ ޓީމުން އަސާސީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށާއި އެ މައްސަލަ ސަލްމާންގެ ސަމާލުކަމަށް ގެނައުމަށް އެ ކޮމެންޓު ބޭންދުމަށް ވެސް އޭނާ އެދިފައިވެ އެވެ.
އެ މައްސަލައިގައި އަމާލްގެ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަރުމާން މަލިކް ވެސް ވަނީ އޭނާގެ ބޭބެގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.
އަރުމާން ބުނި ގޮތުގައި، ލަވައެއްގެ އަސްލު އުފެއްދުންތެރިންނަށް ލިބެންޖެހޭ ހައްގު ކްރެޑިޓް ނުދިނުމަކީ ފަންނާނުންނަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. އަދި ލަވަ ކޮމްޕޯޒްކުރި މީހާ އާއި ޅެންވެރިޔާއާ ނުލައި ލަވައެއް ފުރިހަމަ ނުވާނެ އެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ބޮޑުވެ، އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ސަލްމާން ޚާން ފިލްމްސްގެ ސޯޝަލް މީޑިއާ ޓީމުން ފަހުން ވަނި އެ ޕޯސްޓް އިސްލާހުކޮށް، މިއުޒިކް ކޮމްޕޯޒަރު އަމާލް މަލިކާއި ލިރިސިސްޓު ކުމާރުގެ ނަން ޓެގްކޮށް، އެ މީހުންނަށް ލިބެންޖެހޭ ކްރެޑިޓް ދީފަ އެވެ.