މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އާއި ސޮނީ ޕިކްޗާސް ގުޅިގެން ގެނެސްދޭ އާ ފިލްމު "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ސިނަމާތަކަށް ނުކުތުމުގެ ކުރިން، ބޮކްސް އޮފީހުގައި ތާރީހީ ރެކޯޑެއް ގާއިމްކުރުމާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.
ފިލްމީ ދާއިރާގެ ޚަބަރުތައް ބުނި ގޮތުގައި، އަންނަ ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި މުޅި ދުނިޔެއިން 800 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެއާ އެކު، މި ފިލްމު ވާނީ ދުނިޔޭގެ ސިނަމާގެ ތާރީހުގައި ވެސް، ފިލްމެއް ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފިލްމަށެވެ.
މިއީ ކުރިން އަންދާޒާކުރި 500 މިލިއަން ޑޮލަރުގެ އާމްދަނީއަށް ވުރެ މާ ބޮޑު ކުރިއެރުމެކެވެ.
އެމެރިކާ އާއި ކެނެޑާގެ ސިނަމާތަކުން އެކަނިވެސް ފުރަތަމަ ހަފުތާ ބަންދުގައި 190 މިލިއަނާއި 345 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް މި ފިލްމަށް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ސިނަމާގެ ތާރީހުގައި ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް 2019 ވަނަ އަހަރު ނުކުތް "އެވެންޖާސް: އެންޑްގޭމް" (1.22 ބިލިއަން ޑޮލަރު) އަށް އޮތްއިރު، "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" އިން ފަހަތަށް ޖައްސާލާނެ ކަމަށް ބެލެވެނީ "އެވެންޖާސް: އިންފިނިޓީ ވޯ" (640.5 މިލިއަން ޑޮލަރު) އާއި "ސްޕައިޑަމޭން: ނޯ ވޭ ހޯމް" (600.8 މިލިއަން ޑޮލަރު)ގެ ރެކޯޑްތަކެވެ.
މި ފިލްމުގެ އެޑްވާންސް ޓިކެޓް ވިއްކުން މިހާރު ވެސް އާދަޔާޚިލާފު އަވަސްމިނެއްގައި ކުރިއަށް ދާއިރު، މުޅި ދުނިޔެއިން އެޑްވާންސް ޓިކެޓުގެ ގޮތުގައި 120 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފައިވެ އެވެ. އޭގެ ތެރެއިން 60 މިލިއަން ޑޮލަރު ލިބިފައި ވަނީ ހަމައެކަނި އުތުރު އެމެރިކާގެ މާކެޓްތަކުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ އައިމެކްސް ސިނަމާތަކުގައި ކްރިސްޓޮފާ ނޯލަންގެ "ދި އޮޑިސީ" ދައްކަން އެއްބަސްވެފައި ވާތީ، އެމެރިކާގައި "ސްޕައިޑަމޭން"އަށް އައިމެކްސް ސްކްރީންތައް ނުލިބުނު ނަމަވެސް، ޑޮލްބީ ސިނެމާ އާއި ފޯޑީއެކްސް ފަދަ އެހެން ޕްރީމިއަމް ފޯމެޓްތަކުން ޓިކެޓު ވިއްކުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
ފިލްމުގެ ޓިކެޓު ވިއްކުން އިތުރަށް އުފުލިގެންދިޔައީ މިދިޔަ ހަފުތާގައި އާންމުކުރި "އެވެންޖާސް: ޑޫމްސްޑޭ"ގެ ޓްރެއިލާއާ އެކުގަ އެވެ. އެ ފިލްމުގައި ވެސް ޕީޓާ ޕާކާ (ސްޕައިޑަމޭން)ގެ ރޯލުން ފެންނާނީ ޓޮމް ހޮލަންޑެވެ.
"ސްޕައިޑަމޭން: ނޯ ވޭ ހޯމް"ގެ ހާދިސާތަކަށް ފަހު، ޑޮކްޓާ ސްޓްރޭންޖް ހެދި ޖާދޫގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ޕީޓާ ޕާކާއަކީ ކާކުކަމެއް ނޭނގެ އެވެ. އެ ފިލްމުގައި ފެންނާނީ އެކަނިވެރިކަމާ އެކު ދިރިއުޅެމުން، ނިއުޔޯކް ސިޓީއަށް ކުރިމަތިވާ ނުރައްކާތެރި، އެކަކަށް ވެސް ނުފެންނަ އާ ދުޝްމަނަކާ ދެކޮޅަށް ސްޕައިޑަމޭން ކުރާ ހަނގުރާމަ އެވެ. މިއީ ކުރިއަށް އޮތް މާވެލްގެ ބޮޑު ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"އާ ގުޅުވައިދޭ ވަރަށް މުހިންމު ފިލްމެކެވެ.