"ގޮޑްޒިލާ ވާސަސް ކޮންގް" އާއި "ގޮޑްޒިލާ އެކްސް ކޮންގް: ދަ ނިއު އެމްޕަޔާ"ގައި "ޖިއާ"ގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި ޒުވާން އެކްޓްރެސް ކޭލީ ހޮޓްލް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވެއްޖެ އެވެ.  

ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 18 އަހަރުގެ ކޭލީ މަރުވީ އެމެރިކާގެ މެރީލޭންޑްގެ ފްރެޑްރިކް ކައުންޓީގައި ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ. ކޭލީ ދަތުރުކުރި 1995 ގެ ހޮންޑާ އެކޯޑް ކާރު ކޮންކްރީޓް ކާނުގަނޑެއްގައި ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ ކާރުގައި ތިން މީހަކު ތިއްބެވެ. 

ފުލުހުންގެ ތަހުގީގުން އެނގޭ ގޮތުގައި އެ އެކްސިޑެންޓް ހިންގަން މެދުވެރިވި މައިގަނޑު ސަބަބަކީ ބާރު ސްޕީޑުގައި ދުއްވަނިކޮށް ކާރު ކޮންޓްރޯލުން ނައްޓައިގެން ދިއުމެވެ. 

ކާރު ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް، ކާރުގައި އިން އަނެއް މީހާ ފަރުވާއަށް އިންކާރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ އެކްސިޑެންޓަށް ފަހު އެއާ އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކޭލީގެ ހިތް ހުއްޓި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މަންމަނު ކުއްޖެއް ކަމަށްވާ ކޭލީގެ ބައްޕަ ޖޯޝުއާ ހޮޓްލް ވަނީ ފޭސްބުކް ލައިވްއެއްގައި އިޝާރާތުގެ ބަހުން ވާހަކަދައްކަމުން ދަރިފުޅު މަރުވި ހިތާމަވެރި ޚަބަރު ހިއްސާކޮށްފަ އެވެ. އަދި ކާރު ދުއްވަން އިން ޒުވާނާއަށް މާފުކޮށްފައިވާ ކަމަށާއި، މި ހާދިސާގެ ސަބަބުން އޭނާގެ މުޅި ހަޔާތް ބަރުބާދުނުކުރުމަށް އޭނާ އެދިފައިވެ އެވެ.

"ގޮޑްޒިލާ" ގެ ކޯ-ސްޓާރު މިލީ ބޮބީ ބްރައުން އާއި ހޮލީވުޑްގެ އެކި ތަރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޭލީގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވައިފަ އެވެ.

ކޭލީއަކީ "ގޮޑްޒިލާ" ފްރެންޗައިޒްގައި "ޖިއާ" (ކޮންގްއާ އެކު އިޝާރާތުން ވާހަކަދައްކާ އެކަނިވެރި އަންހެން ކުއްޖެއް)ގެ ރޯލުން ބެލުންތެރިންގެ ހިތްތައް އަތުލި އެކްޓްރެސްއެކެވެ. އޭނާގެ ހުނަރުވެރި އެކްޓިންގެ ސަބަބުން 2024 ވަނަ އަހަރުގެ "ސެޓާން އެވޯޑްސް"ގެ "ބެސްޓް ޕާފޯމަންސް ބައި އަ ޔަންގް އެކްޓަރު"އަށް ވެސް ނޮމިނޭޓްވި އެވެ.