އިންޑިއާގެ ދިއްލީގައި ހުރި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ އާއިލީ ގޭގެ ބާކީ ހުރި ބައިތައް 37 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 4.4 މިލިއަން ޑޮލަރު) އަށް ގަނެ، އެ ގޭގެ ފުރިހަމަ މިލްކުވެރިކަން އޭނާ ހޯދައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދިއްލީގެ ޕަންޗްޝީލް ޕާކުގައި ހުރި އެ ގެއަކީ ޝާހުގެ ހަޔާތުގައި ވަރަށް ހާއްސަ އަދި ކުރީގެ ހަނދާންތަކާ ގުޅިފައިވާ ތަނެކެވެ. އެއީ، 1991 ވަނަ އަހަރު އޭނާ އާއި ގޯރީ ޚާން ކައިވެނިކޮށް މުމްބާއީއަށް ބަދަލުވުމުގެ ކުރިން އެމީހުން ދިރިއުޅުނު ގެ އެވެ.

އެ ގޭގެ ބޭސްމަންޓާއި ގްރައުންޑް ފްލޯ މިލްކުވެރިކަން ކުރިން ވެސް އޮތީ ޝާހުގެ ބައްޕަގެ އާއިލާއަށެވެ. ނަމަވެސް، އަލަށް ހެދި 37 ކްރޯޑް ރުޕީސްގެ އެއްބަސްވުމާ އެކު ޝާހު ވަނީ އެ އިމާރާތުގެ ދެވަނަ ފްލޯ އަދި ތިންވަނަ ފްލޯގެ މިލްކުވެރިކަން ވެސް ހޯދައިފަ އެވެ. އެއާ އެކު މުޅި އެ އިމާރާތުގެ ފުރިހަމަ ކޮންޓްރޯލް އޭނާއަށް ވަނީ ލިބިފަ އެވެ. 

އެ ގެ ހުރީ 10،800 އަކަފޫޓުގެ ބޮޑު ބިމެއްގަ އެވެ. 

ނޫސްތަކުގައި ބުނީ މި ބޮޑު މުއާމަލާތުގެ ސަބަބުން ދިއްލީގެ ލަގްޒަރީ ރިއަލް އެސްޓޭޓް މާކެޓަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަށެވެ.

ދިއްލީގެ ޕަންޗްޝީލް ޕާކަކީ އެންމެ މުއްސަނދި އަދި އަގުބޮޑު ސަރަހައްދުތަކުގެ ތެރެއިން އެއްތަން ކަމަށާއި، މިއީ ސީދާ ޕްރޮޕަޓީގެ އަގުތަކަށް ބަދަލު އަންނާނެ ކަމަކަށް ނުވި ނަމަވެސް، މިފަދަ ސެލެބްރިޓީ ޑީލްތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ އަގު ހިފެހެއްޓި، ޑިމާންޑް ބޮޑުވާނެ ކަމަށް ނޫސްތަކުގައި ބުންޏެވެ.

ހުރުން ގްލޯބަލް ރިޗް ލިސްޓް ދައްކާ ގޮތުގައި ޝާހުގެ މިލްކިއްޔާތުގެ އަގު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރު އޭނާގެ މިލްކިއްޔާތުގައި ހުރި 1.4 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ޝާހުގެ ކުރިއަށް އޮތް އެންމެ ބޮޑު ފިލްމަކީ އަންނަ ޑިސެމްބަރު މަހު 24 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ކިންގް" އެވެ.