ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، 9 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 1 މިލިއަން ޑޮލަރު)ގެ ޗެކް ބައުންސްވި މައްސަލާފައި ތިން މަސްދުވަހަށް އޭނާ ޖަލަށް ލުމަށް ދިއްލީގެ ހައިކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް އަމިއްލައަށް ޑައިރެކްޓްކޮށް ނެރުނު ފިލްމު "އަތާ ޕަތާ ލާޕަތާ" އަށް ފައިސާ ހޯދުމަށް ކުންފުންޏަކުން ނެގި ފަސް ކްރޯޑް ރުޕީސްގެ ލޯނަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެ ފިލްމު ބޮކްސް އޮފީހުގައި ފްލޮޕްވުމުން ލޯނު އަނބުރާ ނުދެއްކި، އިންޓްރެސްޓާ އެކު ދަރަނި 9 ކްރޯޑަށް އެރި އެވެ. އަދި ދަރަނި ދެއްކުމަށް ރާޖްޕާލް ދޫކުރި ހަތް ޗެކެއް ވަނީ ބައުންސްވެފަ އެވެ.
ހަމަ މި މައްސަލާގައި، މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އޭނާ ޖަލުގައި ބަންދުކުރި އެވެ. ފުރަތަމަ ފަހަރު 10 ދުވަހަށް ޖަލުގައި ބަންދުކުރީ ކޯޓަށް ފޭކު ލިޔެކިޔުންތައް ހުށަހެޅި މައްސަލައިގަ އެވެ. ނަމަވެސް، ވަކީލުން މެދުވެރިކޮށް މައްސަލަ އިސްތިއުނާފުކުރުމުން ހަތަރު ދުވަސް ފަހުން އޭނާ ޖަލުން ދޫކޮށްލި އެވެ.
ދެވަނަ ފަހަރަށް އޭނާ ޖަލުގައި ބަންދުކުރީ ހަމަ މި މައްސަލަ ސާބިތުވެ 2018 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް އޭނާ ވަކީލުން މައްސަލަ އިސްތިއުފާނު ކުރުމާ އެކު، ތިން މަސްދުވަސް ނުވަނީސް އޭނާ ޖަލުން މިނިވަންވި އެވެ. ކޯޓަށް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކާ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ވެސް އޭނާ ޖަލުގައި ބަންދުކުރި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބައުންސްވި ހަތް ޗެކްގެ މައްސަލާގައި އޭނާއަށް ތިން މަހުގެ ޖަލު ހުކުމެއް އިއްޔެ ވަނީ އިއްވައިފަ އެވެ.
މި މައްސަލާގައި ބަދަލެއްގެ ގޮތުގައި، ޝަކުވާ ހުށަހެޅި ފަރާތަށް 1.05 ކްރޯޑް ރުޕީސް (ޖުމްލަ 7.35 ކްރޯޑް) ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ އިތުރު ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި މައްސަލާގައި ރާޖްޕާލްގެ އަންހެނުން ރާދާ ޔާދަވް ވެސް ކުށްވެރިވެ، 5.5 ލައްކަ ރުޕީސް ދައްކަން އޭނާގެ މައްޗަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުން ބުނި ގޮތުގައި، ލޯނުގެ ފައިސާ ދެއްކުމަށް ރާޖްޕާލް އަށް ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތެއް ކޯޓުން ދިން ނަމަވެސް، އޭނާ ވަނީ އިގުރާރުތަކާ ތަކުރާރުކޮށް ހިލާފުވެފަ އެވެ. އަދި ގާނޫނަކީ އެކްޓަރަކު ބޭނުންހާ ގޮތަކަށް ބަދަލުކުރެވޭނެ ފިލްމު ސްކްރިޕްޓެއް ނޫން ކަމަށް ކޯޓުން ބުންޏެވެ.
ނަމަވެސް، ކޯޓުން ވަނީ މި ހުކުމް ތަންފީޒުކުރުން ދެ މަސްދުވަހަށް ފަސްކޮށްދީފަ އެވެ. އެއީ ރާޖްޕާލް އަށް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.