(އާދިއްތަ ދުވަހާ ގުޅޭ)

ދޮންމަނިކު އަތް ހިއްލައިލިއެވެ. އެއީ އާދަނަށް ދިން ސިގުނަލެވެ. އާދަނު ދުވެފައި ސިޑިން އަރައި ދަރޭތި ދަމައިގަންނަން ބަލައިލި އިރު ދަރޭއްޗެއް ނެތެވެ. އާދަނަށް އާދެވުނީ ދަރޭތި ނުލައެވެ. ހުންއައިސް، ގައިގަ ރިއްސައިފައި ހުރި ވަރުން، ދޭންވާ ވަރަށް އާދަނަށް ސަމާލުކަން ނުދެވުނީއެވެ. ހަމީދު ހުންނެވީ، ވާނުވާއެނގިވަޑައިނުގެން ހައިރާންކަމެއްގެ ތެރޭގައެވެ. މީހުންތައް ހަޅޭއްލަވައިގަތެވެ. އާދަނު ބަލައިލި އިރު ދެތިން މީހުން ސިޑިޔާ ދިމާއަށް ދުވެފައި އާދެއެވެ. އާދަނު ދުއްވައިގަތީ އިސްޓޭޖުގެ ފަހަތުގައި ހުރި ދޮރާ ދިމާއަށެވެ. އެ ދޮރުން ތިރިޔަށް ފުންމައިލައިގެން ދުވެފައި ގޮސް ފަޅު ގެއެއްގެ ތެރެއަށް ދެމިގަތެވެ. އޭރު ވެސް، ހަޅޭއްލަވަމުން މީހުންތައް އަންނަ އަޑު އިވެއެވެ. އާދަނު އެ ގޭގެ ފާރުމަތިން އެހެން ގެއަކަށް ފުންމައިލިއެވެ. އެރިފައި ހުރި ބަރު ބޫޓެއްގެ ސަބަބުން ފާރަށް އަރަން ވަރަށް އުނދަގޫވިއެވެ. އެ ގޭ ތެރެއިން މަގުމައްޗަށް ނުކުމެގެން ދުވެފައި ގޮސް އޮޑިހަރުގޭ ތެރެއަށް ވަދެ ފިލިއެވެ. އެ ތަނުގައި އޮވެފައި ހިތަށް އެރިއެވެ. އަހަންނަށް މި ކުރެވުނީ ކީއް ހެއްޔެވެ؟ ބަލިވެފައި ހުއްޓައި އެ ފަދަ ކަމެއް ކުރަން އުޅުނީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ދެން އުޅެން ޖެހޭނީ އެއްވެސް މީހަކަށް ނުފެނިއެވެ. އެ ދިރިއުޅުން ހާދަހައި އުނދަގޫވާނެއެވެ. އެހެން ހިތަށްއެރި ވަގުތު ލޯ ހުޅުވުނެވެ. އާދަނު އޮތީ އާދަނުގެ ގޭގައެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. ދެން ހިތަށް އެރިއެވެ. ދޮންމަނިކު ކަޅު، ބަރު ބޫޓެއް ގެނެސްދިނީ އެއީ ހުވަފެނެއް ވީމައި ތާއެވެ؟ އެއީ ކީއްކުރާ ބޫޓެއްބާއޭ ހުވަފެނުގައި ވެސް އާދަނު ހިތަށް އެރިއެވެ. 

ލަވަ މުބާރާތުގެ ތެރޭގައި ހަމީދަށް ހަމަލަދިނުން ކެންސަލުކުރިއެވެ. އެ ފަދަ ކަމެއް ކުރާކަށް އާދަނުގެ ސިއްހަތު ތަނެއް ނުދެއެވެ. ގުރޫޕުގެ މީހުންނާ މަޝްވަރާ ކުރުމުން އެންމެން ވެސް ބުރަވީ، ރަނގަޅަށް ތައްޔާރު ވެވެންދެން ހަމަލަ ފަސްކުރުމަށެވެ. އޭގެ މާނައަކީ، ދެއަތް އުރާލައިގެން ތިބުމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އާދަނުމެން ކުރަން ފެށި ކަމަކީ، ހަމީދުއާ ދެކޮޅު ވާހަކަތައް ލިޔެފައި މަގުމައްޗަށް ލިޔުން އެޅުމެވެ. އެ ލިޔުމުގައި ހަގީގަތާއި ފުލޯކު ވާހަކަ ވެސް ހިމެނިއެވެ. ސަރުކާރާ މެދުގައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ޓަކައެވެ. ހަމީދުގެ މަރު އާދަނުގެ ބޮލުގައި ނާޅާ އެ ވެރިކަން ނިމުމަކަށް ގެނެވޭތޯއެވެ. 

"މުޙައްމަދު ހަމީދަކީ އަނިޔާވެރިއެކެވެ. ރައްޔިތުންނަށް ކެހިދޭ މީހެކެވެ. އެންމެން ބަނޑަށް ޖެހިފައި ތިއްބައި އޭނަގެ ކަމަކީ މަދަރުސާ ކުދިން ގޮވައިގެން ފަރުކޮޅުފުށްޓަށް ދަތުރު ގޮސް މަޖާކޮށް، އިސްރާފުކުރުމެވެ. އެ ރަށު ސުފުރާމަތި އޮންނަނީ ކާނާއިން ފުރިފައެވެ. އެ ރަށުގައި އޭނަ ހުންނަނީ ގަނޑުވަރެއް ހަދާފައެވެ. ސައުވީސް ގަޑި އިރު އެ ތަނުގައި ކަރަންޓު ހުރެއެވެ. ލަވަފޮށި ވެސް ހުރެއެވެ. ފާޑުފާޑުގެ މުބާރާތްތައް އެ ތަނުގައި ބާއްވައި، އަގުބޮޑު އިނާމުތައް ވެސް ދެއެވެ. އިރުއިރުކޮޅާ ރާއްޖެއިން ބޭރަށް އޭނަ ފުރައިގެން ދަނީ ވެސް ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ނޫނެވެ. ސިނަމާއަށް ގޮސް، ކުލަބަށް ގޮސް ކުޅިވަރުތައް ކުޅެ މަޖާކުރާށެވެ." އެއް ލިޔުމުގައި އެހެން ވެސް ލިޔުނެވެ. 

ދަންވަރު އަނދިރީގައި ތިބެގެން، ކޮންމެ ލިޔުމެއް ވަކީން ލިޔާތީ މާ ގިނަ ލިޔުންތަކެއް ނުލިޔެވެއެވެ. ކޮންމެ ރެޔަކު ފަންސަވީހަކަށް ލިޔުން ލިޔެފައި ދެން ނުކުންނަނީ ލިޔުންތައް މަގުތަކަށް އަޅާށެވެ. ހަތަރު މީހުންނަށް ވެސް ބައިސްކަލު ދުއްވަން އެނގެއެވެ. އެކަމަކު އަމިއްލަ ބައިސްކަލެއް ނުހުރެއެވެ. ބައިސްކަލަކީ ރާއްޖެއަށް ތަދު، އިއްޒަތްތެރިންނަށް އެކަނި ލިބިވަޑައިގަންނަވާ މަތިވެރި ޝަރަފެކެވެ. އެހެން މީހެއް އަތަކު ބައިސްކަލެއް ނުހުރެއެވެ. މަދަރުސާތަކުގެ ޕިޔޯނުންނާއި ސިފައިން ފިޔަވައެވެ. ކޮންމެ މަދަރުސާއެއްގެ ޕިޔޯނަށް އެއް ބައިސްކަލު ހުރެއެވެ. ސިފައިންގޭގައި ގެންގުޅެނީ މުޅި އެކު ފަސް ބައިސްކަލެވެ. ސިފައިންގެ ޖުމުލަ އަދަދަކީ ފަންސަވީހެވެ. އާދަނު ވިސްނައިފައިވާ ގޮތުން ސިފައިން އަންނާނީ ގިނަވެގެން ދެ ބައިސްކަލުގައެވެ. އެ ގޮތަށް ދިމާކޮށްފި ނަމަ ސިފައިންނަށް ވުރެ އާދަނު ގަދަވާނެއެވެ. ހަތިޔާރެއް އޮތް ކަން ނޭނގި އަންނަ ސިފައިން އަންނާނީ ހުސްއަތާ ކަމުގައި ވާތީއެވެ.  

ރޭގަނޑު ބައިސްކަލު ދުއްވާ އިރު ވެސް، އާދައިގެ މީހުންނާއި ބޭފުޅުންނަށް އޮންނަ އުސޫލު ތަފާތެވެ. ރޭގަނޑު މަގަށް އަލިކުރަން ބައިސްކަލުގައި ހަރުކޮށްފައި ހުންނަނީ ޑައިނަމޯއެވެ. އާދައިގެ މީހުން ޖެހޭނީ ޑައިނަމޯގެ އެއް ފަޅީގައި ދަވާދުލައި ކަޅުކުރާށެވެ. ޑައިނުމޯ އެއްކޮށް ދިއްލެނީ ވަޒީރުންނަށް އެކަންޏެވެ. 

އާދަނުގެ އެކުވެރިން ބައިބަހާލައިގެން ވަޒީރުންގެ ބައިސްކަލުކޮޅުތަކަށް ފާރަލިއެވެ. ބައިސްކަލުކޮޅު ބަހައްޓަވާފައި ހުންނަނީ ވަޒީރުންގެ ގޭ ދޮރުމަތީގައެވެ. ތަޅެއް ނުލައްވައެވެ. އެއިން ބައިސްކަލެއްގައި އަތްލަން ހިތަށް އަރާ މީހަކު ވެސް ނޫޅޭތީއެވެ. އާދަނަށް އެ ފަދަ ބައިސްކަލެއް ހަމަ ފެންނަ އިރަށް އަރައިގެން ދުއްވައިލަނީއެވެ. މަޖީދީ މަގުން ބައިސްކަލުގައި ދަމުން މަގުމައްޗަށް ސިޓީތައް އަޅާފައި، ދާ ގޮތަށް ގޮސް ތޮށިގަނޑުން ބޭރަށް، ބޮޑުފުންގަނޑަށް ބައިސްކަލު ވައްޓައިލަނީއެވެ. އެ ހިސާބަކީ ރޭގަނޑު މީހުން އާންމުކޮށް ގޮސް އުޅޭ ހިސާބެއް ނޫނެވެ. ބަންޑާރަ ނައިބުގެ ބައިސްކަލުކޮޅު އެއްލައިލުމުން ދެވަނަ ބައިސްކަލެއް އެ މަނިކުފާނަށް ހަމީދު ދެއްވިއެވެ. އެ ބައިސްކަލުކޮޅު ވެސް އާދަނު މޫދަށް އެއްލައިލިއެވެ. ތުއްތުއަހަންމައިދީ އާއި ހުސެންދީގެ ބައިސްކަލުކޮޅު ވެސް އެއްލައިލިއެވެ. އެކު ޖުމުލަ ނުވަ ފަހަރު އާދަނު އެ ކަން ކުރިއެވެ. 

ދުވާލު މާލެ ތެރޭގައި އެގޮތް މިގޮތަށް އެ ވާހަކަ ދެކެވެއެވެ. ބަޔަކު މީހުން ރަށުތެރެއަށް ލިޔުންއަޅާ ވާހަކަ އާއި ވަޒީރުންގެ ބައިސްކަލުކޮޅުތައް މޫދަށް އުކައިފައި ހުންނަ ވާހަކައެވެ. އާދަނު ގާތުގައި ވެސް މީހުން ހައިރާންވެގެން އެ ވާހަކަ ދައްކައެވެ. އެ ކަން ކުރާ ބައެއްގެ ބިރުކުޑަކަމާއި ހުޝިޔާރުކަމުގެ ވާހަކައެވެ. އެ ކަމާ އާދަނު ވެސް ހައިރާންވެފައި އަޑުއަހަން ހުންނަނީއެވެ. 

ހަމީދުގެ ވިޔާނުދާ އަމަލުތައް މީހުންނަށް އެނގުމުން، ކިތަންމެ ވަރަކަށް ވެސް މީހުންގެ ލޭހޫނުވިއެވެ. އެ ހިސާބުން ނިމުނީއެވެ. ވަރުގަދަ ފައުޖެއް ތައްޔާރު ކޮށްގެން އެ ކަމާ އުޅޭކަށް ނުކެރެއެވެ. ބިރުގެ ހިޔަނި އަނދިރި އަޅަނީއެވެ. 

ސިފައިން ދުވާލު ބައިސްކަލުތައް މޫދުން ނަގައިގެން އަލުން ބޭނުންކުރެވޭ ވަރު ކުރެއެވެ. ބައިސްކަލު މޫދަށް އުކުމަކީ ބޮޑު ހާދިސާއެއްގެ ފެށުންކަމާއި އެ ކަމަށް ބަޔަކު އެބަ ތައްޔާރުވާ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ބައިސްކަލު އުކާ ބަޔަކު ހޯދަން ސިފައިން ފާރަ ވެސް ލިއެވެ. އެކަމަކު ސިފައިންނަކަށް އެ ކަމުގެ ހަގީގަތެއް ނުހޯދުނެވެ. ހޯދިގެން އާދަނާ ހަމައަށް އައި ނަމަ އެ މީހުންނާ ކުރިމަތިލާން ވެސް އާދަނު ހުރީ ތައްޔާރަށެވެ. ނަސީބަކުން އެ ފަދަ ދަނޑިވަޅެއް ނައެވެ.

ކޮންމެ ދުވަހަކު ވެސް ލިބޭ ހުސް ވަގުތު މަސައްކަތް ކުރަމުން ގޮސް ހަތަރު ދަރޭތި ނިންމައިލިއެވެ. އެ މަސައްކަތުގައި އުޅެފައި އެއް ދުވަހަކު މެންދުރުފަހު އާދަނު ގެއިން ނުކުތް ވަގުތު ކަލޭފާނާ ދިމާވިއެވެ. އާދަނު ފެނުމުން ކަލޭފާނު އުޅުއްވީ ފެނިނުލައްވާކަމަށް ހެއްދެވެން ވެގެންނެވެ. ވަގުތުން މަގުގެ އަނެއް ފަރާތަށް ހިންގެވުން ބަދަލުކޮށްލެއްވިއެވެ. 

"ކަލޭފާނު!" ޖެހިލުމެއް ނެތި އާދަނު ގޮވައިލިއެވެ. 

ކަލޭފާނު ހުއްޓިލެއްވިއެވެ. އާދަނު އަހާނީ ކޮން ވާހަކައެއްކަން ކަލޭފާނަށް ވަރަށް ރަނގަޅަށް އެނގިލައްވައެވެ. އާދަނު ގޮސް ކަލޭފާނަށް ފެނިލައްވާ ހިސާބުގައި ހުއްޓިފައި ސަލާން ގޮވައިލިއެވެ. 

"ވަޢަލައިކުމް ސަލާމް!" ކަލޭފާނު ބުނުއްވިއެވެ. "އަހަނ އާދަނު ދޯ؟ ކީއްވެތަ މިހާރު ގެއަށް ނާންނަނީ؟ އަހަރެން ރުޅި އައިއްސާނެތީ؟ ނާންނާނަމޭ ރުޅިއެއް. އަހަންނަށް އެނގޭ އަހަރެން ހިތްހަމަނުޖެހޭ ކަހަލަ ވާހަކައެއް އާދަނު ނުދައްކާނެކަން."

"ހަފީޒާގެ ޚަބަރެއް ނުވޭތޯ؟" އެހެން އެހުމުން ކަލޭފާނު ހިތްހަމަޖެހިނުލައްވާނެކަން އެނގި ހުރެ އާދަނު އެހިއެވެ. 

އާދަނުގެ ޖެހިލުންކުޑަކަމާ މެދަކު ކަލޭފާނު ޝައްކެއް ނުކުރައްވައެވެ. އެހެނަސް، އެފަދަ ވާހަކައެއް އާދަނު ނުދައްކާނެކަން އެނގިލައްވައޭ ބުނުއްވި ވަގުތު، ކަލޭފާނާ މުހާތިބުކޮށް އެހެން އަހަން ކެރިދާނެ ކަމަކަށް ކަލޭފާނު ހިޔެއް ނުކުރައްވައެވެ. ވީމާ، އިރުކޮޅެއްވީ އިރު ވެސް ބައްލަވަން ހުންނެވީއެވެ. 

"އަޅުގަނޑަށް ސިޓީއެއް އެއްޗެއް ވެސް ނުފޮނުވާތޯ؟" އާދަނު އެހެން އެހި އިރު ހުރީ ފެންކަޅިވެފައެވެ. 

އާދަނުގެ ހިތްހެޔޮކަމާއި ހަފީޒާ ދެކެ ކިހައި ލޯބިވާކަން ކަލޭފާނަށް އެނގިލައްވައެވެ. ދަނބިދަރިއެއް ގޮތުގައި އާދަނު ބަލައިގަންނަވަން ކަލޭފާނު ކިތަންމެ ހައި ވެސް ބޭނުންފުޅެވެ. އެކަމަކު އެ ކަމަކަށް ހާލަތު ތަނެއްނުދެއެވެ. 

"އާދަނަކީ ފީނަން ކުޅަދާނަ ކުއްޖެއް،" ކަލޭފާނު ބުނުއްވިއެވެ. "ވިސްނާލާ! އޮޔާ ދެކޮޅަށް ފީނޭނެތަ؟"

"ލައްބަ! ހަފީޒާ ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ!" ފިސާރި ކެރިގެން އާދަނު ބުންޏެވެ. "އަޅުގަނޑުގެ ހިތް ބުނަނީ ހަފީޒާއަށް ޓަކާ އޮޔާ ދެކޮޅަށް ވެސް އަޅުގަނޑަށް ފީނޭނޭ!"

"ހަރުދަނާ ނިންމުން ނިންމޭނީ ސިކުނޑިން،" ކަލޭފާނު ބުނުއްވިއެވެ. "ހިތަކުންނެއް ނޫން."

"އަޅުގަނޑަށް އެއްވެސް ސިޓީއެއް ހަފީޒާ ނުފޮނުވާތޯ؟" އާދަނު ސުވާލުކުރިއެވެ. 

އެ ސުވާލަށް ޖަވާބު ނުދެއްވައި ކަލޭފާނު ދުރުވީއެވެ. އާދަނު ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. ހިތަށް އެރިއެވެ. އާދަނު މަތިން ހަފީޒާ ހަނދާން ނައްތައެއް ނުލާނެއެވެ. ސިޓީ ނުފޮނުވާނީ އެންމެ ސަބަބަކަށް ޓަކައެވެ. ހަފީޒާ އާއި އާދަނާ ދެމެދުގައި އޮންނާނީ އެންމެ ހުރަހެކެވެ. ހަމީދެވެ. އެ ހުރަސް ނައްތައިލައިގެން ނޫނީ ހަފީޒާގެ ލޯބި ކާމިޔާބެއް ނުކުރެވޭނެއެވެ. 

"އާދަނާ!" މީހަކު ގޮވައިލި އަޑުއިވުނެވެ. 

އާދަނު ބަލައިލި އިރު މާރަންދޫ މުދިންކަލޭފާނު ވަރަށް ހަރުކޮށް ހިނގާފައި އާދެއެވެ. މުދިންކަލޭފާނަކީ ދަތުރުވަރެއްގައި އައިސް އާދަނު އުޅޭ ގޭގައި ފައިބައި ހުންނަ މީހެކެވެ. 

"އެބަ އޮތޭ ކުޑަ ކަމެއް،" މުދިންކަލޭފާނު ބުންޏެވެ. "ހިނގާބަލަ!"

މުދިންކަލޭފާނާ އެކުގައި އާދަނު ދިޔައީ ޗާނދަނީ މަގުން އުތުރަށެވެ. ބުންބާމީހުންގެ ފިހާރަތައް ހުންނަނީ އެ ދިމާގައެވެ. ކޮންމެ ފިހާރައެއް ދޮރުމަތީގައި، ލެނގޭ ބައި ލާފައި ހުންނަ ފަސް ވަރަކަށް ފޫޓުގެ ދިގުގޮނޑި ބަހައްޓާފައި ހުރެއެވެ. ވިޔަފާރިވެރިން ކައިގެން ނުކުމެ، ދެފައިވަށްކޮށްގެން، ކުރިމަތީގައި ހުންނަ ފިހާރަތަކުގެ މީހުންނާ ވާހަކަ ދައްކަން އެ ގޮނޑިތަކުގައި ތިބެއެވެ. އެ މީހުން ވާހަކަ ދައްކަނީ ވަރަށް ބާރަށެވެ. އެއީ އަޑުގަދަ ހިސާބެކެވެ. ނައިފަރު ރޮނޑުބެ އިނީ ނަގަރިޔާ ފިހާރައިގެ ގޮނޑީގައެވެ. ރޮނޑުބެއަކީ ވަރަށް ކަންފަސޭހަ ދިރިއުޅުމެއް އުޅޭ އެކަމަކު އަތްބެލުމަށް މަޝްހޫރު މީހެކެވެ. އޭނާ ފެނުމާ އެކު އާދަނު ހިތަށް އެރިއެވެ. އާދަނަށް ހަފީޒާޔާ އިނދެވޭނެބާއެވެ؟ ރޮނޑުބެއަށް އަތްދައްކައިލަން ވެއްޖެއެވެ. އޭގެ ސަބަބުން ދެން ފަޅާ އަރައިފާނެ އެހެން ހަގީގަތެއް އޮތް ކަމެއް އާދަނު ހަނދާނެއް ނެތެވެ. (ނުނިމޭ)