ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އަށް ފުރަތަމަ ހަފުތާ ބަންދުގައި ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، ފިލްމު ރިލީޒްކުރި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ވެސް ވަނީ ހީކުރި ވަރަށް ވުރެ މާ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ. މި ފިލްމު ރިލީޒްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. 

ފިލްމު ރިލީޒްކުރުމުގެ ކުރިން ދެއްކި ޕްރިވިއު ޝޯތަކުން އެކަނި ވެސް 3.75 ކްރޯޑް ރުޕީސް (397،412 ޑޮލަރު) ލިބިފައިވެ އެވެ. 

މި ފިލްމު ރިލީޒްކުރި ދުވަހު އިންޑިއާ އިން އެކަނި ވެސް 15.25 ކްރޯޑް ރުޕީސް (1.6 މިލިއަން ޑޮލަރު) ލިބިފައިވާއިރު، ދެވަނަ ދުވަހު ފިލްމުގެ ވިޔަފާރި 31 ޕަސެންޓު ކުރިއަށް ޖެހިލާ، އެ ދުވަހު އެކަނި ވެސް 20 ކްރޯޑް ރުޕީސް (2.1 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. 

އިންޑިއާގެ ބޮކްސް އޮފީހުގައި ފުރަތަމަ ދެ ދުވަހު މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ 39 ކްރޯޑް ރުޕީސް (4.1 މިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، ދުނިޔޭގެ ބޮކްސް އޮފީހުގައި މި ފިލްމަށް ފުރަތަމަ ދެ ދުވަހު ވަނީ 57.50 ކްރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއާ އެކު، މި ފިލްމު ވެފައި ވަނީ މި އަހަރު ބޮލީވުޑްގައި ތިންވަނައަށް އެންމެ ބޮޑު އޯޕަނިންއެއް ލިބުނު ފިލްމަށެވެ.

އަހުމަދު ޚާން ޑައިރެކްޓުކޮށް، ފީރޯޒް ނަދިއަޑުވާލާ ޕްރޮޑިއުސްކުރި މި ފިލްމަކީ ބޮލީވުޑްގެ ކޮމެޑީ ފިލްމެއްގައި މިހާތަނަށް އެންމެ ގިނަ ތަރިން ހިމެނޭ ފިލްމެވެ.  

އަކްޝޭއާ އެކު މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ސުނިލް ޝެޓީ، ޕަރޭޝް ރާވަލް، އަރްޝަދު ވަރްސީ، ރަވީނާ ޓަންޑަން، ލާރާ ދައްތާ، ޖެކްލިން ފެނާންޑޭޒް އަދި ދިޝާ ޕަޓާނީ އެވެ. 

މި ފިލްމު ބެލި ގިނަ ބަޔަކު ބުނި ގޮތުގައި، ސިނަމާ ހޯލްތަކުގައި ހުނުމުގެ އަޑު ވަރަށް ގަދަ އެވެ. މިއީ 90 ގެ އަހަރުތަކުގެ މަޖާ ކޮމެޑީ ފިލްމުތައް ކަމަށްވާ "ހީރާ ޕޭރީ" އާއި "އާވާރާ ޕާގަލް ދީވާނާ" ކަހަލަ ފިލްމުތަކުގެ ހަނދާންތައް އާކޮށްދޭ، އާއިލާ އެކީގައި ގޮސް ބަލާލަން ވަރަށް ކަމުދާ ހެއްވާ މަޖާ ފިލްމެކެވެ.