(ބުދަ ދުވަހާ ގުޅޭ)
"މާދަމާ ރޭ އަހަރެންގެ ގެއަށް އަންނަން ކެރޭނެ؟" ހަފީޒާ އެދުނެވެ.
އާދަނުގެ ހިތުވިންދު އަވަސްވީކީ ނޫނެވެ. އެއް ވިންދު ކައްސައިލީއެވެ. އާދަނު ހީކުރީ ގެއަށް އައިސް ހަފީޒާގެ ބައްޕަޔާ ބައްދަލުކުރަން ޖެހޭނެ ކަމަށެވެ. ހަފީޒާގެ ލޯބީގެ ބައްތެލި ފަޅުގައި އަޅައިފައި އޮއްވައި ދަތުރު ނިމެނީ ކަމަށެވެ. މުއްސަނދި އާދަން ކަލޭފާނުގެ ލޯބިލޯބި ހަފީޒާއާ އިންނަން ބޭނުންވާ މީހުންގެ ކިޔޫ ވަރަށް ދިގުވާނެއެވެ. ވީ އިރު، މާލެއިން އެންމެން ހުސްވިޔަސް އާދަނާ ހަފީޒާ ދެވަން ކަލޭފާނު ރުހޭނެ ހެއްޔެވެ؟ އެކުވެރި ދޮންމަނިކު ބުނި ދުވަސް އައިސް ޖެހުނީއޭ ވެސް އާދަނު ހިތަށް އެރިއެވެ.
"ކީއްވެ އެއްޗެކޭ ނުބުނެ ތި އިންނަނީ؟" ހަފީޒާ ސުވާލުކުރިއެވެ.
"ކީކޭ ބުނާނީ؟" އާދަނު ބުންޏެވެ. "އަހަރެން ކައިރީގަ ހަފީޒާ ތި ބުނީ ތި ގެއަށް އަންނާށޭ! އެހެން މީހަކު ނަމަ، އެއްޗެކޭ ނުބުނެވޭ ތާނގަ މިހެއް ނުވެސް އިންނާނެ. މި ތަނަށް ތަންޑާވެފަ އޮންނާނީ."
"އަންނާނަންތަ؟" ހަފީޒާ އެހިއެވެ.
"ފިރުކިފަ ނަމަވެސް ދެވޭތޯ ބަލާނަން،" އާދަނު ބުންޏެވެ. "ހަފީޒާ ކަމަކު ބުނެފިއްޔާ ނޫނެކޭ ބުނާނީ ކިހިނެއް؟"
ހެންވޭރުގެ އިރުމަތީ ފަރާތު ބޮޑުފާރުން ބޭރުގައި ޓެނިސްކޯޓެއް އޮވެއެވެ. އެއީ މާލޭގައި ހެދި ފުރަތަމަ ޓެނިސްކޯޓެވެ. ބިންމަތީގައި ތަޅުންގަނޑަކާއި މެދުގައި ދާގަނޑެކެވެ. ކުޅިބަލަން ތިން އަށި ހުރެއެވެ. އަށިތައް ހުންނަނީ ބޮޑުފާރު ކައިރީގައި ހުންނަ ބިޔަ، ހަތަރު ދިއްގާގަސް ދަށުގައި، ބޮޑުފާރުގައި ޖައްސާފައެވެ. ކުޅުން ނޯންނަ ދުވަސްދުވަހު އެ ސަރަހައްދު އޮންނަނީ ފަޅުކޮށެވެ. އަނގަތަޅައިލަން އެ ތަނުގައި ތިބެން އާދަނު ނިންމީ ވެސް އެހެންވެއެވެ.
"މިހެން ބުނެގެން އާދަނަށް ހިތްވަރުދޭކަށް ބޭނުމެއް ނޫން އެކަމަކު އާދަން ކަލޭފާނަކީ ގެއަށް އަންނަ މެހުމާނުންނަށް ވަރަށް ކަމޭހިތާ ބޭކަލެއް،" އާދަނު އަޑުނާހާނެކަން އެނގޭ އިރު ވެސް، ދޭންވާ ނަސޭހަތް ދޮންމަނިކު ދިނެވެ. "ދަރިފުޅު ދެކެ ނިކަން ލޯބި ވެސް ވާނެ. އެހެންވިޔަސް، އަހަރެން މީ އާދަނު ނަމަ، އަދި އެއް ފަހަރު ވިސްނާލާނަން. މަނިއްޕުޅުންނާ، ދީދީންނާ، މަނިކުފާނުންނާ، ކަލޭފާނުން ތިއްބާ ފީނާ އާދަނާ ހަފީޒާ ދެވާނެ؟ ލަދެއްގަ ބެދެން ތި އުޅެނީ."
"ލަދެއްގަ ބެދިދާނެތީ އެއްވެސް ބިރެއް ނުގަނޭ!" އާދަނު ބުންޏެވެ. "ދޮންމަނިކަށް އެނގޭނެ އަހަރެންގެ ގޮތް. ދެ ކަށިމަތި ބިންދައިލިޔަސް އާދަނު ހުންނާނީ ކޮޅަށް. ކޫސް ވެސް ކިޔައި ނުލާނެ. އެކަމަކު ހަފީޒާ ގެއްލިއްޖެއްޔާ އަހަންނަށް އެނދުހުރަސްބަލި ޖެހޭނެ. ވަރަށް ލޯބިވޭ އޭނަ ދެކެ. ހިތަކީ މުއްސަނދިންނަށް އެކަނި ދެއްވާ އެއްޗެއް ނޫނެއްނު."
ހުރިހައި ކަމެއް ވެސް ރަނގަޅުވާނޭ ބުނަން ދޮންމަނިކު ބޭނުމެވެ. މައްސަލައަކީ އެހެން ނުވާނެކަން ޔަގީންވާތީއެވެ.
"ފައި ދުނގެތިވަލުގަ ހިތް އާސްމާނުގަ،" ދޮންމަނިކު މައްޗަށް އަތްދިއްކޮށްލާފައި ބުންޏެވެ. "ކަލެއަށް ހަފީޒާ ލިބިއްޖެއްޔާ އަހަރެން ލޮނުލައިގެން ބަތެއް ނުކާނަން. ވަރިހަމަ އަހަރެން ކިތަންމެ ނުލަފައޭ ބުންޏަސް. މަ ބުނާ ބަހެއް އަހަންޏާ، މިރޭ އެ ގެއަށް ދާނީ ހިތަށް ސަންދޯއްޖަހާފަ."
ގާތް އެކުވެރިޔާގެ ފަރާތުން ވެސް އާދަނަކަށް ހިތްވަރެއް ނުލިބުނެވެ. އިރުއޮއްސިގެންދިޔަ އިރު އާދަނު ހުންނަނީ ޒާތަކަށެވެ. އާދަނު އުޅޭ ގޭގައި، ރަށްރަށުގެ ބައިވަރު މީހުން އުޅެވެ. ގިނައީ ދަތުރުވަރުގައި އައިސް އުޅޭ މީހުންނެވެ. އެންމެންގެ ލޮލުގައި އާދަނު އަޅައިގަތެވެ. ކުރިން ނޫޅޭ ގޮތަކަށް އުޅޭތީއެވެ. ބަސްމަދުވެފައި، ބިތްޖެހިފައި ހުންނާތީއެވެ.
އިޝާނަމާދު ނިންމާފައި ހުކުރުމިސްކިތުން ފައިބައިގެން އާދަނު މިސްރާބު ޖެހީ ހަފީޒާގެ ގެއަށެވެ. ނުވެސް ކައެވެ. ކާ ހިތް ނެތީ އެކަންޏެއް ނޫނެވެ. ކާން ހަނދާން ވެސް ނެތީއެވެ. މަގުމަތި އޮތީ ފަޅުވެފައެވެ. ލަންޓަނުތައް ހުރީ ކަނިވެފައެވެ. ވާތައް ތިބީ މަންމަންވެފައެވެ. ގެރިބަކަރީގެ ނަޖިހުން ސަލާމަތްވުމަށް ޓަކައި މުންޑު ކޮށިކޮށްލައިގެން އާދަނު ދިޔަ އިރު، ކޮންމެވެސް މަހުޖަނެއްގެ ލަވަފޮށްޓަކުން ހިންދީ ލަވައެއް އިވިއިވި ހުއްޓެވެ. އެއީ ފިލްމު ދީދާރުއަށް ޝަމްސާދު ބޭގަމް ކިޔާފައިވާ ޗަމަންމޭ ރެހެކޭ ވީރާނާ، މެރާ ދިލް ހޯތާޖާތާހޭއެވެ. އާދަނުގެ ރައްޓެއްސަކު އެ ތަންކޮޅުގެ މާނަ ކިޔައިދިނެވެ. އޭނަ ބުނި މާނައަކީ، ބަގީޗާއެއްގައި އުޅޭ އިރު ވެސް އަހަރެންގެ ހިތް ވީރާނާވަމުންދަނީއެވެ. އާދަނު ހިތަށް އެރިއެވެ. އެއީ ހާދަހާ ބޮޑު ތެދެކެވެ. ހުސްނުހީނާމަލާއި ޗަންޕާޕޫލްމަލާއި އިރުދޭމަލާއި ކަނީރުމަލުގެ ވަހުން މާހައުލު އޮތީ އެއްވަސްވެފައެވެ. ފަގީރަކަސް އާދަނަކީ މިނިވަނެކެވެ. ބަނޑަކަށް ނުޖެހެއެވެ. އަނެއްކޮޅުން، ހަފީޒާގެ ލޯބި އަދި ގެއްލުނީކީ ވެސް ނޫނެވެ. ދެން ކޮން ފިކުރެއް ހެއްޔެވެ؟ ލިބިދާނެ ދެރަޔަކަށް ހިތާމަކުރާ ނަމަ އުފާކުރާކަށް ވަގުތެއް ނުލިބޭނެއެވެ.
ލަވައިން ހިތްވަރު ހޯދައިގެން އާދަނު ގޮސް ހަފީޒާގެ ގެއަށް ވަނެވެ. އެއީ ގެއެއް ނޫނެވެ. ގަނޑުވަރެކެވެ. ގޯތިތެރެ ތަނަވަހެވެ. މަދުމަދުން ފެން ފައިބާ ކުޑަވަރެއްގެ ފެނާރަކާއި ތިލަ މަސްފެންގަނޑެއް ކަނާތްފަރާތުގައި އޮތެވެ. ފެން ފައިބަނީ ބޮޑު ގުޅިއަކުންނެވެ. ވައަތްފަރާތުގައި ހައްދާފައި ހުރީ ފަރުދާބަގީޗާއެވެ. ބަރާވެފައިވާ ތޮރާވެލަކާއި ކެކުރިވެލަކާއި ޗިޗަންޑާވެލެއް ވެސް އޮތެވެ. ބިޔަ އަނބުގަހަކާއި ބަނބުކެޔޮގަހެއް ހުއްޓެވެ. އެލުވާފައިވާ ޖޯލިތަކާއި އުނދޯލި ވެސް ހުއްޓެވެ. ތިން ލަންޓަނު ދިއްލާފައި ހުއްޓެވެ.
ދޮރާށި ކައިރީގައި ހުރި ވަޅުން ފައިދޮވެލައިގެން ތަންކޮޅަކަށް ހިނގައިގަތްތަނައި ހަފީޒާ ނުކުތެވެ. އެއީ އެ ބަގީޗާއަށް އެރި ހަނދެވެ. ހަފީޒާގެ މޫނު އުޖާލާވެފައި ނަލައެވެ. އޭނަގެ ލައިގެން ހުރީ ދިހުންއަރާ، ފަރި، ސާޓަން ލިބާހެކެވެ. އޭގެ ސަބަބުން ދަންފުޅި ބައްޓަން ހަށިގަނޑުގެ ކުލަފަތިކަން އިހުނަށް ވުރެ ބޮޑަށް ފާޅުވެފައި ޝާއްބައެވެ. އާދަނު ފަކީރުގެ ދެ ކަކުލުން ވާގިދާން އުޅުނެވެ. އަރިއަޅައިލި ވެސްމެއެވެ. ކައިރީގައި ހުރި ލަންޓަނުގައި އާދަނަށް ހިފުނުކަން ނަސީބެކެވެ.
"މަގޭ އާދަނު!" ހަފީޒާއަށް ބުނެވުނެވެ. "ކޯޗެއްގަ އަޅައިގަތީ؟ ބަލައިގެން ހިނގާބަލަ ރަންކޮޅާ!"
"ބެލީމައެއްނު ރަންކޮޅަށް މިހެންވީ!" އާދަނު ބުންޏެވެ.
އާދަނު ގޮވައިގެން ހަފީޒާ އިށީނީ ކުޑަ އުދޯންޔެއްގައެވެ. ހަމަހިމޭން، އަނދިރި ރޭގަނޑެކެވެ. ދުރުދުރުން އައިސްފައިވާ ފަނޑު އަލިކަމެއް ހަފީޒާގެ އިސްތަށިގަނޑުގައި ފިރުމަމުންދިޔަ އިރު، އާދަނުގެ ހިތް ނެގިނެގިފައި ޖެހެއެވެ. ކަލޭފާނަށް ފެނިއްޖެއްޔާ ދެން ހަދާނެ ގޮތެއް އާދަނަކަށް ނޭނގެއެވެ. ގޭގެ ދޮރާ ދިމާއަށް އިރުއިރުކޮޅާ އާދަނަށް ބަލައިލެވެއެވެ.
"އެ ތާ ކޯޗެއްތަ އޮތީ އާދަނާ؟" ހަފީޒާ ސުވާލުކުރިއެވެ. "މީނީއޭ އަހަރެން."
"ބައްޕައަށް އަހަރެން ފެނިއްޖެއްޔާ..." އާދަނަށް ބުނެވުނެވެ.
"އަމުދަކުން ބައްޕައަށް އެނގިލައްވައިފި!" ލަދުރަކި ގޮތަކަށް ހަފީޒާ ބުނެލިއެވެ. "އަހަރެން ބައްޕަ ގާތުގަ ބުނެފިން އަހަރެން އިންނަން ބޭނުމީ އާދަނާއޭ."
އާދަނަށް ފުންމައިގެން ތެދުވެވުނެވެ.
"އާދަނާ!" އޯގާވެރި އަޑަކުން ހަފީޒާ ބުންޏެވެ. "އިށީނދެބަލަ! މި ހަމަހިމޭން ހިތްފަސޭހަ ރޭގަނޑު ފަޔަށް ހިނިއަރައިގެން އުޅޭ ހެން ނޫޅެބަލަ! ބޮޑު މައްސަލައަކަށް ވެދާނެ."
އާދަނު މަޑުމަޑުން އިށީނެވެ. ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހިތަށް އެރިއެވެ. ކަލޭފާނުގެ ރުހުން ލިބުނީ ހެއްޔެވެ؟ އެހެން ނޫން ނަމަ އާދަނު ގެއަށް ގެންނާކަށް ހަފީޒާއަކަށް ނުކެރުނީހެވެ.
"މައްސަލައަކަށް ވަންޏާ ދެން ކީއްކުރަން އަހަރެން އަންނާށޭ ބުނީ؟" އާދަނު ސުވާލުކުރިއެވެ.
"އެ ވާހަކަ ދައްކަން،" ވަރަށް ހަމަޖެހިފައި ހަފީޒާ ބުންޏެވެ. "ބައްޕަ ބުނުއްވީ، ދަރިފުޅު މީހަކާ ރައްޓެހިވިކަން ބައްޕައަށް އެނގިލައްވައިފިއޭ. އޭރު އަހަރެންގެ މޭގަނޑު ތެޅޭ! ބައްޕަ ބައްލަވައިފީމޯ އާދަނަކީ ކާކުކަން. ތީ ރަނގަޅު އާއިލާއެއްގެ ރަނގަޅު ކުއްޖެކޯ. ކިތަންމެ ފަގީރަސް، ވިޔާނުދާ ކުއްޖެއް ނޫން ވީމަ ބައްޕައަކަށް މައްސަލައެއް ނެތޯ! ބައްޕައަށް ދަރިފުޅާ ދަރިފުޅު އިންނަ މީހަކަށް ކާންދީގެން ގެންގުޅެވޭނޯ."
އާދަނު ވަރަށް ހިތްހަމަޖެހުނެވެ. އަމިއްލަ އަތުގައި މަޑުމަޑުން ވިކައިލެވުނެވެ.
"ފެންތަށްޓެއް... ގެނެސްދީބަލަ!" އާދަނު އެދުނެވެ.
ހަފީޒާ ފެންބަލައި ދިޔައެވެ. އާދަނު ވަށައިގެން ނަޒަރު ހިންގައިލިއެވެ. ދޮރުމައްޗަށް އަރުވާފައި އޮތް ހުވަނދުމާ ގަހުގައި މާތައް ބަރާވެފައި އޮތެވެ. މުޅި ތަނުގައި ހުވަނދުމަލުގެ ހުވަނދުލެވިފައި އޮތެވެ. ގޭތެރޭގައި ކޮންމެވެސް މީހަކާ ވާހަކަ ދައްކަވަން އާދަން ކަލޭފާނު އިންނެވިއެވެ. މަގުމަތިން މީހަކު އަތްތިލަބަޑިޖަހާފައި މީހަކަށް ގޮވައިލި އަޑަކާއި މަތިން މާކަނައެއް ގޮވައިލި އަޑުއިވުނެވެ. ދެން ފެނުނީ ފަރިކޮށް ހިނގައިލާފައި ހަފީޒާ އައި ތަނެވެ.
"އާދަނާ ބެހޭ ގޮތުން އަހަރެން އެހި އެންމެން ވެސް ބުނީ ތީ ވަރަށް ހީވާގި، ބަސްއަހާ ކުއްޖެކޭ،" ފެންތަށި ދެމުން، އުފަލާ އެކުގައި ހަފީޒާ ބުންޏެވެ. "ބައްޕަ ބޭނުމޯ އާދަނާ ވާހަކަ ދައްކާލަން. މާދަމާ ރޭ އަންނައްޗޯ!"
އާދަނު ވިސްނައިލިއެވެ. ކަލޭފާނު ދައްކަން އުޅުއްވަނީ ކޮން ވާހަކައެއް ހެއްޔެވެ؟
"ކޮން ވާހަކައެއްބާ ދޯ؟" އާދަނު ބުންޏެވެ.
"ތިއެއް ނޭނގެ،" ހަފީޒާ ބުންޏެވެ. "އަހަރެން ކީކޭ ބައްޕަ ގާތުގަ ބުނަންވީ؟"
"ހަފީޒާ ބޭނުންތަ އަހަރެން ބައްޕަޔާ ބައްދަލުކުރަން؟" ފެންފޮދެއް ބޯލަމުން އާދަނު އެއްސެވެ.
ހަފީޒާ ބޯޖަހައިލުމާ އެކު އާދަނު ވަގުތުން އެއްބަސްވިއެވެ. މައިންބަފައިންގެ ރުހުން ނުލިބިއްޖެ ނަމަ ލޯބީގައި ބަރަކާތް ނުހުންނާނެކަމީ އާދަނު ގަބޫލުކުރާ ކަމެކެވެ. އެހެނަސް ހިތަށް އެރިއެވެ. އަހަންނަށް ރުހުންދީފައި ކަލޭފާނު އަހަންނާ ބައްދަލުކުރަނީ ކީއްކުރަންބާއެވެ؟ ދަރިން ބޮޑާހާކަފާނެތީ، ދަރިންނަށް ވަކި ޖަވާބެއް ދީފައި ލޯބިވެރިޔާއަށް ދިމާ އިދިކޮޅު ޖަވާބެއް ދިނުމަކީ ވެސް ހިނގާ ކަންކަމެވެ. ކަލޭފާނު ކިބައިގައި ބޭރަށް ނުފެންނަ ނޭއްދާރުކަމެއް ހުރީބާއެވެ؟
މާފަންނުހޮޓާ ހުންނަނީ މަޖީދީ މަގުން ހުޅަނގަށް ދާ އިރުގައެވެ. މާފަންނު މައިޒާން ކައިރީގައެވެ. އެ މައިޒާނުގައި ބޮޑު ދެ މޫނިމާގަސް ހުރެއެވެ. މީހުން އައިސް އެ ގަހުގެ ހިޔަލުގައި ހުންނަ ޖޯލިތަކުގައި އޮށޯވެ ވާހަކަ ދައްކަން ތިބެވެ. އާދަނު ވެސް އޮތީ އެ ތަނުން ޖޯއްޔެއްގައެވެ. މެންދުރުފަހުގެ ވަގުތެވެ. އެހެން އޮއްވައި، ޖެހިގެން ހުރި ޖޯލީގައި ދުންދަނޑި މަނިކު އިށީނެވެ. އޭނައަކީ ބުންބާމީހުން އަތުން ދުންދަނޑި ގަނެގެން އޭގެ ވިޔަފާރިކުރާ ވިޔަފާރިވެރިޔެކެވެ. އާދަނުގެ ރައްޓެއްސެކެވެ.
"ހާދަ ބޮޑު ފިކުރެއްގަ އާދަނު ތި އޮތީ." އޭނަ ބުންޏެވެ.
"ހުވަފެނުގެ މާނަ ކިޔައިދޭން މަނިކަށް އެނގޭތަ؟" އާދަނު އެހިއެވެ.
"މާނަ ކިޔައިދޭކަށް ނޭނގެ،" މަނިކު ބުންޏެވެ. "އެކަމަކު އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވާން އެބަ އުޅޭ! ކަލޭފާނުގެ ހަފީޒާއާ އިންނަން މި އުޅެނީ."
ރޭގަނޑު ހަފީޒާގެ ގެއަށް ދިޔަ މަގުމަތީގައި ވެސް، ބޮލިރަވައެއް ހެން އާދަނުގެ ސިކުނޑީގައި އެ ޖުމުލަ ހެލުނެވެ. ވާން މި އުޅެނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ގޭގެ ދޮރާށިން ވަދެ، ފައިދޮވެލައިގެން ދޮރުމައްޗަށް އާދަނު އެރިއެވެ.
"އައްސަލާމް އަލައިކުމް!" އާދަނު ގޮވައިލިއެވެ. (ނުނިމޭ)