ސަންޖޭ ކަޕޫރުގެ މިލްކިއްޔާތާއި އޭނާގެ މުދާ ހިމާޔަތްކުރުމުގެ އަމުރެއް އިންޑިއާގެ ދިއްލީ ހައިކޯޓުން އިއްޔެ ނެރެފި އެވެ.

މި އަމުރު ނެރެފައި ވަނީ ސަންޖޭގެ ކުރީގެ އަނބިމީހާ ބޮލީވުޑްގެ ތަރި ކަރިސްމާ ކަޕޫރާއި އާއި އެމީހުންގެ ދެ ދަރިން ކަމަށްވާ ސަމައިރާ އާއި ކިއާންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.  

ރިޕޯޓްތައް ބުނި ގޮތުގައި، މި އަމުރު ނެރެދިނުމަށް އެދުމުގެ މައިގަނޑު ބޭނުމަކީ އެކުދިންގެ ބައްޕަ ސަންޖޭގެ މިލްކިއްޔާތުގައި ހުރި މުދަލާއި ހިއްސާތައް ނުއަގުގައި ވިއްކާލުން ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުން ހުއްޓުވުމެވެ.

ދިއްލީ ހައިކޯޓުގެ ފަނޑިޔާރު ވަނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދީ، ސަންޖޭގެ މިލްކިއްޔާތުގައި ހުރި އެއްވެސް މުދަލެއް ނުވަތަ ހިއްސާއެއް ތިންވަނަ ފަރާތަކަށް ވިއްކާލުން ނުވަތަ ބަދަލުކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސަންޖޭގެ ކުންފުނިތަކުގެ ހިއްސާ އާއި އެހެނިހެން އަގުބޮޑު މުދާ ވެސް ހިމެނެ އެވެ.

ކަރިސްމާގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ ސަންޖޭގެ މުދާ އެހެން މީހެއްގެ ނަން މައްޗަށް ބަދަލުކުރަން އުޅޭ ކަމުގެ ބިރު އެބައޮތް ކަމަށާއި އެއީ ދަރިންނަށް ލިބެން ޖެހޭ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. 

އެ ދައުވާ ބިނާކޮށްފައި ވަނީ ދަރިންގެ މުސްތަގުބަލާއި އެކުދިންނަށް ލިބެން ޖެހޭ މާލީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްޗަށް ކަމަށް ރިޕޯޓްތައް ބުންޏެވެ. 

ކަރިސްމާ އާއި ވިޔަފާވެރިޔާ ސަންޖޭ ކައިވެނި ކުރީ 2003 ވަނަ އަހަރު އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި އުޅުމަށް ފަހު އެމީހުން ވަރިވީ 2016 ގަ އެވެ. 

އިނގިރޭސިވިލާތުގެ ވިންޑްސާގައި ޕޯލޯ މެޗެއް ކުޅެން ހުއްޓާ ކުއްލިއަކަށް އަނބުރައިގަނެގެން ވެއްޓިގެން ސަންޖޭ މަރުވީ މިދިޔަ އަހަރު ޖޫން 12 ގަ އެވެ.

އޭނާ މަރުވި ސަބަބާ ބެހޭ ގޮތުން ފުރަތަމަ އެކި އަޑުތައް ފެތުރުނެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ މަރުވީ ޕޯލޯ ކުޅެން ހުއްޓާ މާބުރެއް ދިރުވައިލެވިގެންނެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން ފަހުން ކަށަވަރުވި ގޮތުގައި އޭނާ މަރުވީ ހިތުގެ ބައްޔެއްގެ ސަބަބުން ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ.

ސަންޖޭގެ ތަރިކަ މުދަލާ ގުޅޭ މައްސަލައަކީ ބޮލީވުޑްގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ.

ސަންޖޭ މަރުވުމާ އެކު، އޭނާގެ ގާތްގަނޑަކަށް 30،000 ކްރޯޑް ރުޕީސް (3.1 ބިލިއަން ޑޮލަރު)ގެ ބޮޑު މިލްކިއްޔާތާ މެދު ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ކަރިސްމާގެ ދަރިން ތުހުމަތު ކުރާ ގޮތުގައި ސަންޖޭގެ އަނބިމީހާ ޕްރިޔާ ސަޗްދޭވް ވަނީ އެ ފައިސާ އޭނާގެ ނަން މައްޗަށް ބަދަލުކުރުމަށް އޮޅުވާލައިގެން ވަސިއްޔަތެއް ތައްޔާރުކޮށްފަ އެވެ.

މިހާރު ދިއްލީ ހައިކޯޓުގައި ހިނގަމުންދާ އެ މައްސަލައަކީ މި މުދަލުގެ ހައްގުވެރިންނަކީ ކޮބައިކަން ކަނޑައެޅުމުގެ މައްސަލަ އެވެ. ކޯޓުން މިހާރު ވަނީ އެ މުދާ އެއްވެސް ފަރާތަކަށް ނުވިއްކޭ ގޮތަށް ހިފަހައްޓައިފަ އެވެ.