ބޮލީވުޑްގެ ފަހުގެ އެންމެ ވަރުގަދަ ބިރުވެރި ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ތުމްބާޑް"ގެ ދެވަނަ ފިލްމު އަންނަ އަހަރު ރިލީޒްކުރަން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.
އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ތިނެއްގަ އެވެ.
ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރީ އެ ފިލްމުގެ ލީޑް އެކްޓަރު އަދި ޕްރޮޑިއުސަރު ސޯހަމް ޝާހް ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާކުރި ޕޯސްޓެއްގަ އެވެ. މިފަހަރުގެ ފިލްމުގައި ސޯހަމް ޝާހްގެ އިތުރުން ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް މުހިންމު ރޯލަކުން ފެންނާނެ ކަން އެ ޕޯސްޓުން ވަނީ ކަށަވަރުވެފަ އެވެ.
މި ފިލްމާ ބެހޭ ގޮތުން ސޯހަމް ބުނެފައި ވަނީ "ތުމްބާޑް"އަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ދެވަނަ ބައިން ފެންނާނީ ފުރަތަމަ ބަޔަށް ވުރެ ވަރުގަދަ ކަންތައްގަނޑެއް ކަމަށެވެ.
އެ ފިލްމުގެ ޑައިރެކްޓަރު އަދޭޝް ޕްރަސާދު ބުނި ގޮތުގައި، މި ސީކުއަލްގައި ފުރަތަމަ ފިލްމުގެ އަސްލު ކުލަވަރު ހިފަހައްޓަމުން، ކުރިއަށް ވުރެ ފުރިހަމަ ވިޝުއަލްތަކާއި ވާހަކައެއް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.
މީގެ އަށް އަހަރު ކުރިން 2018 ގައި ރިލީޒްކުރި "ތުމްބާޑް"ގެ ފުރަތަމަ ފިލްމަކީ އޭރު ބޮކްސް އޮފީހުގައި އެހާ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ފަހުން ގިނަ ބައެއްގެ ލޯބި ހޯދި ފިލްމެކެވެ. މީގެ ދެ އަހަރު ކުރިން 2024 ގައި މި ފިލްމު އަލުން ސިނަމާތަކުގައި ދެއްކުމުން ލިބުނު ބޮޑު ތަރުހީބާ އެކު، ސީކުއަލްއަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އިންސާނުންގެ ދަހިވެތިކަމާއި ކިބުރުވެރިކަމުގެ ސަބަބުން ހިނގާ ބިރުވެރި ކަންތައްތަކެއް ދައްކާ މި ފިލްމުގެ ފުރަތަމަ ބައި ގެނެސްދޭން ވެސް ހަ އަހަރު ހޭދަވި އެވެ. ދެވަނަ ފިލްމު އަދި ކުރިއަށް ވުރެ މާ ފުރިހަމަ ވާނެ ކަމަށް ސޯހަމް ވަނީ އެކި މީޑިއާތަކަށް ކުރިން ދިން އިންޓަވިއުތަކުގައި ވެސް ބުނެފަ އެވެ.
"ތުމްބާޑް"ގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ރާހީ އަނިލް ބާވް އެވެ. ކްރިއޭޓިވް ޑައިރެކްޓަރެއްގެ ގޮތުގައި އަނަންދު ގާންދީ އަދި ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އަދޭޝް ޕްރަޝާދް ވެސް އެ ފިލްމުގައި މަސައްކަތްކުރި އެވެ.
މިތޭޝް ޝާހާއި ޕްރަސާދާއި ބާވޭ އަދި ގާންދީ ލިޔެފައިވާ އެ ފިލްމު ޕްރޮޑިއުސްކުރީ ސޯހަމް އާއި އާނަންދު އެލް ރާއި އާއި މުކޭޝް ޝާހް އަދި އަމީތާ ޝާހެވެ.
"ތުމްބާޑް"އަކީ ކްރިޓިކްސްގެ ތައުރީފު ވެސް އޮއްސާލި ފިލްމެކެވެ. އެ ފިލްމަށް ވަނީ ފިލްމްފެއާ އެވޯޑުގައި އަށް ނޮމިނޭޝަނެއް ވެސް ލިބިފަ އެވެ. އޭގެ ތެރެއިން ބެސްޓް ސިނެމަޓޯގްރެފީ އާއި ބެސްޓް އާޓް ޑިރެކްޝަން އަަދި ބެސްޓް ސައުންޑް ޑިޒައިންގެ އެވޯޑް ވަނީ ކާމިޔާބުކޮށްފަ އެވެ.